ތަޢުލީމު

ކީރިތި ރަސޫލާގެ ސީރަތާބެހޭ މުބާރާތުގެ އެއްވަނަ މާރިޔަތު ހޯދައިފި


ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އިސްލާމިކް ސްޓަރޑީޒްއިން ބޭއްވި ކީރިތި ރަސޫލާ ﷺ ސީރަތާބެހޭ ބައިނަލްއަޤްވާމީ މުބާރާތުގެ އެއްވަނަ މާރިޔަތު އިބްރާހީމް ޙާޞިލުކޮށްފިއެވެ.ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އިސްލާމިކް ސްޓަރޑީޒާއި ރަސޫލާ ﷺ ތަޢާރަފްކުރުމާއި އެކަލޭގެފާނަށް ނަޞްރުދިނުމާބެހޭ ބައިނަލްއަޤްވާމީ މުއައްސަސާ ގުޅިގެން ބޭއްވި މި މުބާރާތުގައި ސަތޭކަ ފަންސާސް ހަތް ދަރިވަރުން ބައިވެރިވެފައިވެއެވެ. މި މުބާރާތުން މާރިޔަތާއެކު ވަނަވަނަ ޙާޞިލުކުރި 5 ދަރިވަރަކަށް، ޤައުމީ ޔުނިވަރސިޓީން ރޭ ބޭއްވެވި ރަސްމިއްޔާތެއްގައި ވަނީ އިނާމު ދެއްވާފައެވެ.ރޭގެ ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާރންސެލަރ ޑރ. ޢަލީ ފަވާޒް ވިދާޅުވީ، އެ ޔުނިވަރސިޓީން ނިކުންނަ ދަރިވަރުންނަކީ ރަނގަޅު އަޚުލާޤެއް އަށަގަނެފައިވާ އަދި މުޢާމަލާތްކުރުމުގައި ރިވެތި ގޮތްތައް ގެންގުޅޭ ބަޔަކަށް ހެދުމަށް މަސަކަތްކުރައްވާކަމަށެވެ. އެކަމަށް އެންމެ މުހިންމީ އިސްލާމީ އަޚުލާޤް އަށަގެންނެވުންކަމަށް ފަވާޒް ވިދާޅުވިއެވެ.ކީރިތި ރަސޫލާ ﷺ ސީރަތާބެހޭ ބައިނަލްއަޤްވާމީ މުބާރާތަށް ދިވެހި ސަރުކާރާއި އިސްލާމިކް ޔުނިވަރސިޓީގެ އެހީތެރިކަމުގެ އިތުރުން ހެޔޮއެދޭ ފަރާތެއްގެ އެހީތެރިކަންވެސް ލިބިވަޑައިގެންފައިވާކަން ފެކަލްޓީ އޮފް އިސްލާމިކް ސްޓަރޑީޒުން ހާމަކުރާއްވައެވެ.