ޚަބަރު

ރާއްޖެއިން އެކްސްޕޯޓްކުރާ މަހަށް އިނގިރޭސިވިލާތަށް ޑިއުޓީ ފްރީ އެކްސެސް ހޯދަން މަޝްވަރާކޮށްފި


ރާއްޖެއިން އެކްސްޕޯޓްކުރާ މަހަށް އިނގިރޭސިވިލާތަށް ޑިއުޓީ ފްރީ އެކްސެސް ހޯދުމަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުالله ޝާހިދު، އިނގިރޭސިވިލާތުގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ ފޮރިން، ކޮމަންވެލްތު އެންޑް ޑިވެލޮޕްމަންޓް އެފެއާޒް، އާރޓް ޖޭމްސް ކްލެވަރލީއާ މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާކުރައްވާފައި ވަނީ މިއަދު އެ ދެ ބޭފުޅުން ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޝާހިދު ވަނީ ޖޭމްސް ކްލެވަރލީ ފޮރިން ސެކްރެޓަރީގެ މަޤާމަށް އަލުން ޢައްޔަންކުރެއްވުމާ ގުޅިގެން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެ، އިނގިރޭސިވިލާތާއެކު ދެޤައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ. މީގެ އިތުރުން މިނިސްޓަރ ޝާހިދާއި ސެކްރެޓަރީ ކްލެވަރލީ ވަނީ ދެޤައުމުގެ ދެމެދުގައި މިހާރު އޮތް ގުޅުންން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. ޚާއްޞަކޮށް ވިޔަފާރީގެ ދާއިރާއާއި ފަތުރުވެރިކަމުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

މިނިސްޓަރ ޝާހިދާއި ފޮރިން ސެކްރެޓަރީ ވަނީ ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ދާއިރާއާއި އިންވެސްޓްމަންޓްތައް އިތުރުކުރުމުގެ މުހިންމުކަމާއި، ޚާއްޞަކޮށް ރާއްޖެއިން އެކްސްޕޯޓްކުރާ މަހާއި މަހުގެ ބާވަތްތައް އިނގިރޭސިވިލާތަށް ޑިއުޓީ ފްރީ އެކްސެސް ހޯދުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.




މީގެ އިތުރަށް މިނިސްޓަރ ޝާހިދު ވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ދަ މިޑްލް އީސްޓް، ސައުތު އޭޝިއާ އަދި ޔުނައިޓެޑް ނޭޝަންސް ފޮރ ފޮރިން، ކޮމަންވެލްތް އެންޑް ޑިވެލޮޕްމަންޓް އަދި ބޮޑުވަޒީރުގެ ސްޕެޝަލް ރެޕްރެޒެންޓޭޓިވް ފޮރ ޕްރިވެންޓިންގ ސެކްޝުއަލް ވަޔޮލެންސް އިން ކޮންފްލިކްޓް، ލޯޑް ތާރިޤް އަޙްމަދާއި، މިނިސްޓަރ ފޮރ އޭޝިއާ، އެނަރޖީ، ކްލައިމެޓް އެންޑް އެންވަޔަރަންމަންޓް، އޮނަރަބަލް ލޯޑް ގޯލްޑްސްމިތު އަދި ފޮރިން ކޮމަންވެލްތް އެންޑް ޑިވެލޮޕްމަންޓް އޮފީހުގެ މިނިސްޓަރ ފޮރ ޑިވެލޮޕްމަންޓްއާ އެންޑްރޫ މިޝެލްއާ ވެސް ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޝާހިދު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި އިނގިރޭސިވިލާތާ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ދިވެހި ސަރުކާރުން ޝައުޤުވެރިވާކަން ތަކުރާރުކުރެއްވިއެވެ.

މިނިސްޓަރ ޝާހިދު ވަނީ ކޮމަންވެލްތު އެންޓަޕްރައިޒް އެންޑް އިންވެސްޓްމަންޓް ކައުންސިލް (ސީޑަބްލިއުއީއައިސީ)ގެ ޑެޕިއުޓީ ޗެއަރމަން ސަރ ހޫގޯ ސްވަޔަރއާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ވެސް ބައްދަލުކުރައްވާފައެވެ. މިނިސްޓަރގެ މިދަތުރުފުޅުގައި އޮކްސްފޯޑް ޔޫނިއަން ސޮސައިޓީގައި ތަޤްރީރު ކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.

މިނިސްޓަރ ޝާހިދުގެ އަރިހުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަޙްމަދު ޚަލީލާއި ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ.ފަރަހަނާޒް ފައިޒަލް އާއި ޖޮއިންޓް ސެކްރެޓަރީ ޝިއުނީން ރަޝީދާއި އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ކައުންސެލަރ މޫސާ ޔާމީން ޝާހިދު ބައިވެރިވެވަޑައިގެންނެވިއެވެ.