ދުނިޔޭގެ ވިޔަފާރި

ތިންވަނަ ކުއާޓަރުގައި އިޓަލީވިލާތުގެ ޖީޑީޕީ އިތުރުވެއްޖެ


އިޓަލީވިލާތުގެ ޖީޑީޕީ ތިން ވަނަ ކުއާޓަރުގައި އިތުރުވެއްޖެއެވެ.

އިޓަލީވިލާތުގެ ރަސްމީ ހިސާބުތަކުން ދައްކާގޮތުގައި ތިންވަނަ ކުއާޓަރުގައި އެ ގައުމުގެ އިޤްތިޞާދީ ދުވެލި ވަނީ ހީވެސްނުކުރާ ގޮތަކަށް ހަލުއިވެފައެވެ. މިއީ އިންފްލޭޝަންގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން އާއިލާތަކަށާއި ކުންފުނިތަކަށް އިތުރު އެހީ ދިނުމަށް ރާވަމުން އަންނައިރު ސަރުކާރަށް ލިބުނު ފެހި ސިގްނަލެއް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އިޓަލީވިލާތުގެ ނޭޝަނަލް ސްޓެޓިސްޓިކް ބިއުރޯ، އައިސްޓެޓްގެ ހިސާބުތަކުން ދައްކާ ގޮތުގައި ތިން ވަނަ ކުއާޓަރުގައި ޖީޑީޕީ ވަނީ %0.5 އަށް އިތުރުވެފައެވެ. ތިން ވަނަ ކުއާޓަރުގައި ޖީޑީޕީ އިތުރުވެފައިވަނީ ތިން ވަނަ ކުއާޓަރުގައި އިޓަލީވިލާތުގެ ޖީޑީޕީ ދަށަށްދާނެ ކަމަށް ޓްރެޝަރީ އިން ލަފާކޮށްފައިވަނިކޮށެވެ. އެތެރޭގެ ޑިމާންޑް އިތުރުވުމަށް އެންމެ ބޮޑަށް އެހީވީ ޚިދުމަތްދިނުމުގެ ސެކްޓަރުން ކަމަށް އައިސްޓެޓް އިން ބުނެއެވެ.

ތިން ވަނަ ކުއާޓާރުގައި ޖީޑީޕީ އިތުރުވީ ނަމަވެސް، އޮކްޓޫބަރު މަހު އިޓަލީވިލާތުގެ އިންފްލޭޝަން، ރެކޯޑު އަދަދަކަށް ވަނީ މަތިވެފައެވެ. އެގޮތުން ހަކަތައިގެ އަގުގެ އިންފްލޭޝަން ވަނީ %73.2 އަށް އަރާފައެވެ. އޭގެކުރީ މަހު މި އަދަދު ހުރީ %44.5 ގައި ކަމަށް އައިސްޓެޓް އިން ބުނެއެވެ. މީގެއިތުރުން ކޯ އިންފްލޭޝަން ކަމަށްވާ، ކާބޯތާކެއްޗާއި ހަކަތައިގެ އިންފްލޭޝަން ވަނީ %5.3 އިން %5.7 އަށް މަތިވެފައެވެ.

މި މިންވަރަށް އިންފްލޭޝަން މަތިވުމަކީ އައު ސަރުކާރަށް ދިމާވެފައިވާ އިޤްތިޞާދީ ބޮޑު މައްސަލަތަކުގެ ތެރެއިން އެއް މައްސަލަކަމަށާއި ސަރުކާރުގެ ދަރަނި ބޮޑުކަމުން އެކަން ހައްލު ކުރާނެ ވަސީލަތްތައް މަދުވެފައިވާ ކަމަށް އިޤްތިޞާދީ މާހިރެއް ކަމަށްވާ ލޮރެންޒޯ ކޮޑޮގްނޯ ވިދާޅުވިއެވެ.

ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ ސަބަބުން އިންފްލޭޝަން މަތިވެ، ވިޔަފާރިތަކަށާއި ކޮންސިއުމަރުންނަށް ވެސް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. އިންވެސްޓްމެންޓްތައް މަދުވެ އާންމުން ޚަރަދުކުރާ މިންވަރުވެސް ވަނީ ދަށަށްގޮސްފައެވެ.

ކުރިއަށްހުރި އަހަރުތަކުގެ ތެރޭގައި ޚަރަދުކުރުން އިތުރުކޮށް، ބަޖެޓް ޑެފިސިޓް ކުޑަކުރުމުގެ އިތުރުން ދަރަނި ވެސް ކުޑަކުރާނެ ކަމަށް އައު ސަރުކާރު ވެރިކަމާއި ހަވާލުވިފަހުން އެންމެ ފުރަތަމަ ދެއްކެވި ވާހަކަފުޅުގައި ސަރުކާރުގެ އިޤްތިޞާދާބެހޭ ވަޒީރު، ޖިއާންކަރްލޯ ޖޯޖެޓީ ވިދާޅުވިއެވެ.