ބްރެޒިލްގެ ސަންޓޯސް އިން 2013 ވަނަ އަހަރު ސްޕެއިންގެ ބާސެލޯނާއަށް ބަދަލުވި ނޭމާ ކުލަބު ބަދަލުކުރުމުގައި ކޮރަޕްޝަނާއި ހިޔާނާތް އެކުލެވޭކަމަށް ބުނެ ކުރި ދައުވާ ސްޕެއިންގެ ޕްރޮސެކިއުޓަރުން އަނބުރާ ގެންގޮސްފި އެވެ.
ކުއްލި ގޮތަކަށް ނިންމި މި ނިންމުމުގައި ސްޕެއިންގެ ޕްރޮސެކިއުޓަރުން ބުނީ ދައުވާ ލިބޭ އެންމެންގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި އެ މީހުންނަށް ކުރެވުނު ހުރިހާ ތުހުމަތުތައް އަނބުރާ ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
އުމުރުން 30 އަހަރުގެ ނޭމާ ދާދިފަހުން ބުނީ 2011 އިން ފެށިގެން އޭގެ ދެ އަހަރު ފަހުން ބާސެލޯނާއަށް އައުމުގައި ހިނގާދިޔަ ކަންކަން ހަނދާން ނެތް ކަމަށެވެ.
އަންނަ މަހު ގަތަރުގައި އޮންނަ ވޯލްޑް ކަޕަށް ދާ ބްރެޒިލް ޓީމުގެ މުހިއްމު ކުޅުންތެރިޔާ ނޭމާ ދެ އަހަރަށް ޖަލަށްލުމަށާއި 10 މިލިއަން ޔޫރޯގެ ޖޫރިމަނާއެއް ދެއްކުމަށް ސްޕެއިންގެ ޕްރޮސެކިއުޓަރުން މީގެކުރިން ވަނީ އެދިފައެވެ. އެ ދައުވާތައް އުވާލުމަކީ ނޭމާ ޔޫރަޕަށް ބަދަލުވި ހައި ޕްރޮފައިލް ޓްރާންސްފާއާ ގުޅިގެން އެތައް އަހަރެއް ވަންދެން ހިނގަމުން ދިޔަ ގާނޫނީ ބަހުސަށް ނިމުމެކެވެ.
ބާސެލޯނާގައި ކާމިޔާބު އަހަރުތަކެއް ހޭދަކުރުމަށް ފަހު އޭނާ ގަތަރުގެ ހިއްސާ އޮންނަ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާ ގުޅުނީ 2017 ވަނަ އަހަރު ދުނިޔޭގެ ރެކޯޑް 222 މިލިއަން ޔޫރޯގެ ޓްރާންސްފާއެއްގަ އެވެ.
ނޭމާއަކީ ކޮރަޕްޝަނާއި ގުޅުންހުރި ދައުވާތަކުގެ ޝަރީއަތް ކުރިއަށް ގެންދިޔަ ނުވަ މީހުންގެ ތެރޭގައި ހިމެނޭ އެކަކެވެ. ދެން ހިމެނެނީ އޭނާގެ އާއިލީ ބައެއް މެމްބަރުންނެވެ. އޭނާގެ މައްޗަށް ކުށް ސާބިތުވި ނަމަވެސް، ފުރަތަމަ ފަހަރަށް ކުށްކުރާ މީހަކަށް ދެ އަހަރު ނުވަތަ އެއަށްވުރެ ކުޑަ ޖަލު ހުކުމެއް ސްޕެއިނުގައި ތަންފީޒުކުރެއެވެ.
ނޭމާ މި މަހުގެ ކުރީކޮޅު ހެކި ހުށަހަޅައި، އޭނާ ގާނޫނާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށާއި އޭނާ ސޮއިކުރީ ހަމައެކަނި އޭނާގެ ބައްޕަ ދިން ލިޔުންތަކުގައި ކަމަށް ކޯޓުގައި ބުނެފައިވެ އެވެ. މީގެއިތުރުން 2011 ވަނަ އަހަރު ބާސާއާ އެކު ހަދާފައިވާ ޕްރީ ކޮންޓްރެކްޓް އެއްބަސްވުމުގެ ސަބަބުން މާލީ ގެއްލުމެއް ލިބުނު ކަމަށް ބުންޏެވެ.
އެ އެއްބަސްވުމުގެ ސަބަބުން އެހެން ކްލަބްތަކަށް ހުށަހެޅުންތަކަށް ހުރަސް އެޅި، ޓްރާންސްފާ ފީގެ އަގަށް އަސަރުކޮށްފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. އެކަމަކު ނޭމާގެ ބައްޕަ ކޯޓުގައި ބުނީ އެ މަޝްވަރާތަކަކީ އޭރު ބްރެޒިލްގެ ކްލަބުން ހުއްދަ ދީފައިވާ މަޝްވަރާތަކެއް ކަމަށާއި އެއީ ސަންޓޯސްގެ ޒިންމާއެއް ކަމަށެވެ.