ޚަބަރު

ތޫފާން ނަލްގޭއަށްފަހު ފިލިޕީންސްގެ ބޮޑު ސަރަޙައްދެއް ފެނުއަޑީގައި

ތޫފާން ނަލްގޭއާ އެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފިލިޕީންސްގައި ފެން ބޮޑުވެފައިވާ ސަރަޙައްދުތަކުގައި ހާލުގައި ޖެހިފައި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އެބަދެއެވެ. މި ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ ފިލިޕީންސްގެ އެންމެ ބޮޑު ރަށް ކަމުގައިވާ ލުޒޯންއާއި، ވެރިރަށް މެނީލާގެ އިތުރުން އެ ސަރަޙައްދުގައިވާ އެހެން ރަށްތަކަށެވެ.

މެނީލާގެ ބައެއް ސަރަޙައްދުތަކުގައި 10 ފޫޓަށް ވުރެ އުހަށް ފެން ބޮޑުވެފައިވާ ކަމުގައި އޮފިޝަލުން ބުނެއެވެ. ފެން ބޮޑުވުމާ ގުޅިގެން އެ ސަރަޙައްދުތަކުގައި އެތަކެއް ހާސް ބަޔަކު ވަނީ ތާށިވެފައެވެ. އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފިލިޕީންސްގެ ސިފައިންނާއި ފުލުހުންގެ އިތުރުން ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ޓީމުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

މި ތޫފާނާ ގުޅިގެން ގިނަ ސަރަޙައްދުތަކެއްގައި ފެން ބޮޑުވުމުގެ އިތުރުން ބިންގަނޑު ކަނޑައިގެން ދިޔުމާއި ކިސަޑު ފޭބުމުގެ ގިނަ ހާދިސާތަކެއް ވެސް ހިނގިއެވެ. މި ހާދިސާތަކުގައި 70އަށްވުރެ ގިނަ މީހުން މަރުވި ކަމަށް އެ ޤައުމުން ކުރިން ރިޕޯޓު ކުރި ނަމަވެސް، އޮފިޝަލުން ވަނީ އެ އަދަދު 48އަށް މުރާޖަޢާ ކޮށްފައެވެ.

ތޫފާނާ އެކު ލުޒޯންގެ ކަރަންޓު ވިއުގައަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އަދި، ގިނަ ސަރަޙައްދުތަކުން ކަރަންޓާއި މުވާސަލާތީ ޚިދުމަތްތައް ވަނީ މެދުކެނޑިފައެވެ. މީގެ އިތުރުން ޢާންމުންގެ ގެދޮރާއި، މަގުތަކާއި، ދަނޑުބިންތަކަށް ފެންބޮޑުވުމުގެ ސަބަބުން ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ތޫފާނާ އެކު ކުރިމަތިވި ހާދިސާތަކުގައި ގެއްލިފައިވާ ކަމަށް ބެލެވޭ 22 މީހަކު ހޯދުމަށް އޮފިޝަލުން ދަނީ މަސައްކަތް ކުރަމުންނެވެ. ފިލިޕީންސް އޮންނަނީ ތޫފާންތައް ގިނައިން އުފެދޭ ސަރަޙައްދެއްގައެވެ. ކޮންމެ އަހަރަކު ވެސް އެވުރެޖުކޮށް 20 ވަރަކަށް ތޫފާން އެ ޤައުމަށް އަރައެވެ. އަދި، ގިނަ އަދަދެއްގެ ބަޔެއްގެ ފުރާނަ ގެއްލެއެވެ.