ކުޅިވަރު

ރާއްޖޭގެ އެތުލެޓިކްސް ޓީމްގެ ވިސްނުން ސަރަހައްދުން ބޭރަށް


ރާއްޖޭގެ އެތުލެޓިކްސް ޓީމްގެ މިހާރުގެ ވިސްނުމަކީ ސަރަހައްދުން ބޭރު
ގޭމްސްތަކުން ކާމިޔާބު ހޯދަން ކަމަށް އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް
މުހައްމަދު ތަލާލް ވިދާޅުވެއްޖެ.



ސައުތު އޭޝިއަން ގޭމްސްގައި އެތުލެޓިކްސް ޓީމް ހޯދި ކާމިޔާބީއާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން
ތޮލާލް ވިދާޅުވީ މިފަހަރުގެ ގޭމްސްގެ ނަތީޖާއާމެދުވެސް ފަޙުރުވެރިވާ ކަމަށާއި،
ދެން ވިސްނާނީ ސަރަހައްދުން ބޭރުގެ ގޭމްސްއަކުން މެޑަލް ހޯދަން ކަމަށެވެ.



"2020ވަނަ އަހަރުގެ އޮލިމްޕިކްސްއަށް ރާއްޖެ ކޮލިފައިވުމަށް
މިހާރުންފެށިގެން މަސައްކަތްކުރާނީ. އޭގެ ކުރިން ބާއްވާ ގޭމްސްތަކުން މެޑަލް
ރާއްޖެ ހޯދާނެ. އިރާދަކުރެއްވިއްޔާ އޮލިމްޕިކްސްއިން ރާއްޖޭގެ އެތުލެޓިކްސް ޓީމް
މެޑަލް ގެންނާނެ" ތޮލާލް ވިދާޅުވިއެވެ.



ރާއްޖޭގައި މިހާރު ތިބި ހުނަރުވެރި ޒުވާން އެތުލީޓުންގެ މަސައްކަތް
ފާހަގަކުރައްވަމުން ތޮލާލް ވިދާޅުވީ ސާއިދު ކަހަލަ އެތައް އެތުލީޓުންތަކެއް ކައިރި
މުސްތަޤްބަލެއްގައި ފެންނާނެ ކަމަށާއި، ޒުވާން އެތުލީޓުންނަށް މިހާރުވެސް ގިނަ
ފުރުސަތުތަކެއް ހޯދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.



ރާއްޖޭގެ އެތުލެޓިކްސް ޓީމަށް ކާމިޔާބު ހޯދެނީ ގިނަބައެއްގެ މަސައްކަތުންކަން
ފާހަގަކުރައްވަމުން ތޮލާލް ވިދާޅުވީ ހާއްސަކޮށް އޮލިމްޕިކް ކޮމިޓީއާ
އެތުލެޓިކްސްގެ ކޯޗުންގެ މަސައްކަތްކަތް އުފަލާއެކު ފާހަގަކުރައްވާ ކަމަށެވެ.



"މިދިޔަ އަށްމަހު ސާއިދުއާއެކު ރާއްޖޭގެ ކޯޗެއް ކަމަށްވާ ފާއިލް
މަސައްކަތްކުރީ. އާއިލާއާ ދުރުގައި އެވީ ޤުރުބާނީ ފާހަގަކުރަން. އަދި ކޯޗް އަބްދުﷲ
އިބްރާހިމްގެ މަސައްކަތްވެސް. ގިނަ ދުވަސްތަކެއް ލިބުނު ނަމަ މިފަހަރު ގިނަ
މެޑަލްތަކެއް ހޯދުނީސް" އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް ތޮލާލް
ވިދާޅުވިއެވެ.  



ތޮލާލް ވިދާޅުވީ މިފަހަރުގެ ގޭމްސްއަށް ތައްޔާރުވާން މުޅި ޓީމު އެކީގައި ލިބުނީ ކުޑަ
ދުވަސްކޮޅެއް ކަމަށެވެ. އަދި މުސްތަޤްބަލްގައި ދުރާލާ ރާވައިގެން ބޮޑެތި
ގޭމްސްތަކުން ކާމިޔާބު ހޯދަން މިހާރުވެސް މަަސައްކަތް ފަށާފައިވާ ކަމަށެވެ.



ރާއްޖޭގެ އެތުލެޓިކްސް ޓީމް އަންނަނީ ގޭމްސްތަކުން ރަނގަޅު ކާމިޔާބީތައް
ހޯދަމުންނެވެ. މެޑަލްގެ އިތުރުން ދުވަސްވީ ގިނަ ޤައުމީ ރެކޯޑްތަކެއްވެސް ފަހަކަށް
އައިސް އެތުލެޓިކްސް ޓީމް އަންނަނީ އާކުރަމުންނެވެ.