ކުޅިވަރު

ރެއާލް އާއި ޖިރޯނާ އެއްވަރު، ކްރޫސްއަށް ފުރަތަމަ ރަތް ކާޑު


ސްޕެނިޝް ލީގުގައި ޖިރޯނާއިން ރެއާލް މެޑްރިޑާ އެއްވަރުކުރި މެޗުގައި އެ ޓީމުގެ މިޑްފީލްޑަރު ޓޯނީ ކްރޫސްއަށް ފުޓްބޯޅަ ކެރިއަރުގައި ފުރަތަމަ ފަހަރަށް ރަތް ކާޑެއް ދައްކައިފިއެވެ.

ރެއާލުގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ދެއްކި ރަތް ކާޑަކީ 2007 ގައި ފުޓުބޯޅަ ކެރިއަރު ފެށި ފަހުން ޓޮނީ ކްރޫސް އަށް ދެއްކި ފުރަތަމަ ރަތް ކާޑެވެ. މިހާތަނަށް ކެރިއަރުގައި 776 މެޗު ކުޅެފައިވާ ކުޅުންތެރިޔާ އަކީ އާންމުކޮށް ކާޑުތަކާއި ބީރައްޓެހި ކުޅުންތެރިއެކެވެ.

ރެއާލުން މި މެޗުގައި ލަނޑު ޖެހީ 70 ވަނަ މިނެޓުގައެވެ. މިއީ ފެޑެރީކޯ ވަލްވޭޑޭ ހުރަސްކޮށްލި ބޯޅައެއްގައި ވިނީޝިއުސް ޖޫނިއާ ކާމިޔާބުކުރި ލަނޑެކެވެ. މި ލަނޑު ޖެހިތާ 10 މިނެޓު ފަހުން ޖިރޯނާ އިން މެޗުގެ ނަތީޖާ އެއްވަރުކުރީ ކްރިސްޓިއަން ސްޓުއާނީ ޖެހި ޕެނަލްޓީންނެވެ.މިއީ ހިލޭ ޖެހުމެއްގައި ރެއާލްގެ އޭރިއާތެރެއިން އެ ޓީމުގެ މާކޯ އަސެންސިއޯތުގައި ބޯޅަ ޖެހުމުން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބަލާފައި ރެފްރީ ދިން ޕެނަލްޓީ އެކެވެ.

ޖިރޯނާއާ އެއްވަރުވި ނަމަވެސް ރެއާލް މެޑްރިޑް އަދިވެސް އޮތީ ތާވަލުގެ އެއްވަނައިގައެވެ. އެއީ ކުޅުނު 12 މެޗުން ލިބުނު 32 ޕޮއިންޓާއެކު އެވެ. ދެވަނައިގައި ބާސެލޯނާ އޮތީ ކުޅުނު 12 މެޗުން ލިބުނު 31 ޕޮއިންޓާއެކު އެވެ. ތާވަލުގެ ދެވަނައިގައި ބާސެލޯނާ އޮތީ 12 މެޗުން ވަނީ 31 ޕޮއިންޓް ހޯދައިގެންނެވެ.

މި މެޗުން ރެއާލް އެއްވަރުވިއިރު، ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑް މި ސީޒަނުގައި އަދި ބަލިވެފައެއް ނުވެއެވެ.