ދުނިޔޭގެ ވިޔަފާރި

ގޮވާން އެކްސްޕޯޓުކުރުމަށް ޤާއިމްކުރި އެއްބަސްވުމަށް އަމަލުކުރުމަށް ރަޝިއާއަށް ގޮވާލައިފި


ޔުކްރެއިނަށް ގޮވާން އެކްސްޕޯޓުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ޔޫރަޕް އިއްތިހާދު، އީޔޫ މެދުވެރިވެގެން ރަޝިއާއާއި ޔުކްރެއިންއާ ދެމެދު ވެފައިވާ އެއްބަސްވުމަށް އަމަލު ނުކުރުމަށް ނިންމި ނިންމުން އަނބުރާ ގެންދިއުމަށް އެދި އީޔޫއިން ރަޝިއާއަށް ގޮވާލައިފިއެވެ.

އީޔޫއިން މިގޮތަށް ގޮވާލާފައި ވަނީ ހޮނިހިރުދުވަހު ރަޝިއާގެ ކަޅު ކަނޑުގެ ބޯޓުތަކަށް ދިން ޑްރޯން ހަމަލާތަކާ ގުޅިގެން އެ އެއްބަސްވުމަށް އަމަލު ނުކުރުމަށް ރަޝިއާ އިން ނިންމުމާއި ގުޅިގެންނެވެ. ރަޝިއާއިން ބުނާ ގޮތުގައި އެ ހަމަލާތަކަކީ ޔުކްރެއިންއިން ދިން ހަމަލާތަކެކެވެ.

ޔުކްރެއިނަށް ކާބޯތަކެތި ފޯރުކޮށްދޭ ކަޅު ކަނޑުން ގޮވާން ފޯރުކޮށްދިނުމުގެ އެއްބަސްވުން ރަޝިއާއިން އުވާލުމަކީ ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށް އީޔޫގެ ފޮރިން ޕޮލިސީ ޗީފް ޖޯސެފް ބޮރެލް ވަނީ ވިދާޅުވެފައެވެ. މިއާއިއެކު ރަޝިއާގެ ނިންމުން އަނބުރާ ގެންދިއުމަށް އީޔޫއިން ގޮވާލާކަމަށްވެސް ޖޯސެފް ވިދާޅުވިއެވެ.

ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގު އިންތިހާއަށް އުފުލި ގިނަ ޤައުމުތައް ބަނޑުހައި ހޫނުކަމާއި ކުރިމަތިލާން ޖެހުމާއި ގުޅިގެން އދ. ގެ އިސްނެގުމާއެކު ރަޝިއާ އިން ވަނީ ޔޫކްރެއިނަށް ގޮވާން އެކްސްޕޯޓު ކުރުމަށް ބަނދަރުތައް ހުޅުވުމުގެ ފުރުސަތު ދޭން އެއްބަސްވެފައެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ 23 ވަނަ ދުވަހުއެވެ.

ގޮވާން އެކްސްޕޯޓުކުރުމަށްޓަކައި ދެ ޤައުމުގެ މިނިސްޓަރުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ތުރުކީވިލާތުގެ އިސްތަންބޫލުގައެވެ. މި އެއްބަސްވުމުގެ ދަށުން ޔުކްރޭންގެ ބަނދަރުތައް ހުޅުވާލައި ކަޅުކަނޑު ހުރަސްކޮށް ގޮވާން ހިފައިގެން ބޯޓުތައް ދަތުރުކުރަން ފަށާނެ ކަމަށް އޭރު ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ދުނިޔޭގެ ކާނާއާއި ބެހޭ ޕްރޮގްރާމް ނުވަތަ ވޯލްޑް ފުޑް ޕްރޮގްރާމް، ޑަބްލިޔު.އެފް.ޕީ އިން ހާމަކޮށްފައިވާގޮތުގައި ރަޝިއާޔުކްރެއިން ހަނގުރާމައިގެ ސަބަބުން ގާތްގަޑަކަށް 47 މިލިއަން މީހުން މިހާރުވެސް ވަނީ ފަގީރުކަމަށް ހުށަހެޅިފައެވެ.