ޚަބަރު

ޒާތީ ތަޢައްސުބެއް ގެންގުޅުކަން ސާބިތުވެ ޤާޟީ ސަމީރަށް ފިޔަވަޅު އަޅައިފި


ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ މައްސަލައެއް ބެލުމުގައި ޒާތީ ތަޢައްޞުބެއް ގެންގުޅެފައިވާކަމަށް ސާބިތުވެ އެ ކޯޓުގެ ގާޟީ މުޙައްމަދު ސަމީރުގެ މައްޗަށް ސުލޫކީ ފިޔަވަޅު އަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން ނެރުނު ބަޔާނުގައި ވިދާޅުވީ، ޤާޟީ ސަމީރުގެ މައްޗަށް ފިޔަވަޅު އަޅަން ނިންމީ ކްރިމިނަލް ކޯޓުގައި އޮތް ޝަރީޢަތުގެ އަޑުއެހުމެއްގައި، އެ ޤަޟިއްޔާގައި ދައުވާލިބޭ ފަރާތުގެ ޤާނޫނީ ވަކީލުންގެ ފަރާތުން، ޖުޑީޝަލް ސަރވިސް ކޮމިޝަނަށް، ޤާޟީ މުޙައްމަދު ސަމީރުއާ ގުޅޭގޮތުން ހުށަހަޅާފައިވާ ޝަކުވާއާ ގުޅޭގޮތުން ވާހަކަދައްކާފައިވާކަމާއި، ދިފާޢީ ވަކީލުން ކުށްވެރިކޮށް، އެ ވަކީލުންނާމެދު ޒާތީ ތަޢައްޞުބެއް އޮތްކަން ހާމަވާފަދަ ގޮތަކަށް ޤާޟީ މުޙައްމަދު ސަމީރު ޢަމަލުކޮށް، ވާހަކަދައްކާފައިވާކަން ސާބިތުވާތީ ކަމަށެވެ.

ޖޭއެސްސީން ވިދާޅުވީ، ޤާޟީ މުޙައްމަދު ސަމީރުގެ މި ޢަމަލަކީ، ޤާނޫނު ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނޫގެ ޤާނޫނާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ޚިލާފަށް ކޮށްފައިވާ ޢަމަލުތަކެއް ކަމަށެވެ.

އެ ކޮމިޝަނުން ވިދާޅުވީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ ދަށުން، ނަޞޭޙަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމަށް ޤާޟީ ސަމީރަށް އެންގުމުގެ ފިޔަވަޅު އެޅުމަށް އެ ކޮމިޝަނުން ނިންމާފައިވާކަމަށެވެ.

ޤާޟީ ސަމީރު ކްރިމިނަލް ކޯޓަށް އައްޔަންކުރެއްވީ 2017 ވަނަ އަހަރުއެވެ. އަދި ކްރިމިނަލް ކޯޓުން ޑްރަގް ކޯޓަށް ބަދަލު ކުރެއްވީ، އަމިއްލައަށް އެދިވަޑައިގަތުމަށް 2021 ޖޫން މަހުގެ 6ގައެވެ.