ޚަބަރު

ތިންވަނަ ކުއާޓަރުގައި އެސްޓީއޯއަށް 4.6 ބިލިއަން ރުފިޔާގެ އާމްދަނީއެއް


އެސްޓީއޯގެ 3 ވަނަ ކުއާޓަރގެ ޖުމްލަ އާމްދަނީގެ ގޮތުގައި 4.6 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

އެސްޓީއޯއިން އާއްމުކޮށްފައިވާ އެކުންފުނީގެ މިއަހަރުގެ 3 ވަނަ ކުއާޓަރގެ ރިޕޯޓުގައިވާގޮތުން ކުންފުންޏަށް ދެވަނަ ކުއާޓަރގައި ޖުމްލަ ފައިދާގެ ގޮތުގައި 458 މިލިއަން ރުފިޔާ ލިބުނުއިރު ތިންވަނަ ކުއާޓަރގައި ޖުމްލަ ފައިދާގެ ގަޮތުގައި ވަނީ 515 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ 13 އިންސައްތައިގެ ކުރިއެރުމެކެވެ.

ފައިދާ އިތުރުވުމުގެ މައިގަނޑު ސަބަބަކީ އެސްޓީއޯއިން ކުރަމުން ގެންދާ ހުރިހާ ވިޔަފާރީތައް ރަނގަޅު ކުރެވި، މުދާ ގަތުމަށް ކުރާ ހަރަދު ކުޑަކުރެވިފައިވުންކަމަށް އެކުންފުނިން ހާމަކުރެއެވެ.

2022 ވަނަ އަހަރުގެ ދެވަނަ ކުއާޓަރގައި ހިންގުމުގެ ފައިދާގެ ގޮތުގައި 217 މިލިއަން ރުފިޔާ ލިބުނުއިރު ތިންވަނަ ކުއާޓަރގެ ހިންގުމުގެ ފައިދާގެ ގޮތުގައި ވަނީ 255 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ 18 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ މައިގަނޑު ސަބަބަކީ ކުންފުނީގެ ޖުމްލަ ފައިދާ އިތުރުވުމާއެކު ހިންގުމުގެ ހަރަދު ނިސްބަތުން ކުޑަކުރެވިފައިވުމެވެ.

ދުނިޔޭގެ ތެލުގެ ބާޒާރުގައި އަގު މަތިވުމާއެކު ފައިނޭންސް ކުރުމުގެ ހަރަދު އިތުރުވެފައި ވީ ނަމަވެސް ކުންފުނީގެ ޖުމްލަ ފައިދާ އިތުރުވުމާއި ހިިންގުމުގެ ހަރަދު ނިސްބަތުން ކުޑަކުރެވުމާއެކު ސާފު ފައިދާ ވަނީ އިތުރުވެފައެވެ.

ޓެކްސްއަށް ކެނޑުމުގެ ކުރިން އެކުއާޓާރުގެ ސާފު ފައިދާއަކީ އެސްޓީއޯއަށް ވަނީ 205 މިލިއަން ރުފިޔާ ލިބިފައެވެ. ދެވަނަ ކުއާޓަރގައި ޓެކްސްއަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 155 މިލިއަން ރުފިޔާ ލިބުނުއިރު، 8 އިންސައްތައިގެ ކުރިއެރުމަކާއިއެކު މިކުއާޓަރގައި ވަނީ 168 މިލިއަން ރުފިޔާ ލިބިފައެވެ.

އެސްޓީއޯއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގިނަ ވިޔަފާރިތަކެއް ކުރާ ކުންފުންޏެކެވެ. އެގޮތުން ތެލާއި ބޭހާއި އަދި ކޮންސްޓްރަކްޝަން ސާމާނުގެ އިތުރުން ކެއިން ބުއިމުގެ ބާވަތްތަކުގެ ވިޔަފާރިވެސް އެކުންފުނިން ކުރެއެވެ.