ކުޅިވަރު

ބޭނުމަކީ ބައިނަލްއަގުވާމީ މުބާރާތްތަކުން ރާއްޖޭގެ ކުޅުންތެރިންގެ ފެންވަރު މަތިކުރުން: މަޚްލޫފް


ބޭނުމަކީ ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ މުބާރާތްތަކުން ކުޅުންތެރިންގެ ފެންވަރު މަތިކުރުން ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.

އަންނަ ނޮވެމްބަރު މަހު ރާއްޖޭގައި ފަށާ މޯލްޑިވްސް ޓެނިސް ޗެލެންޖަކީ މި އަހަރު ރާއްޖޭގައި ބާއްވާ އަށްވަނަ ބައިނަލްއަގުވާމީ މުބާރާތެވެ.

މި މުބާރާތުގެ ކުރިން އާދީއްތަ ދުވަހު ޓެނިސް ކޯޓުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ބައިނަލްއަގުވާމީ މުބާރާތްތަކުގެ ސަބަބުން ރާއްޖޭގެ ކުޅުންތެރިންގެ ފެންވަރު އިތުރަށް މަތިވުން އެއީ ބޭނުމެއް ކަމަށެވެ. އަދި އަމިއްލަ ފަސްގަނޑުގައި ކުޅުންތެރިންނަށް ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ދިނުން އެއީ ސަރުކާޒުގެ އަމާޒު ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ މުބާރާތްތަކުގެ ސަބަބުން ފައިދާ ވަނީ ހަމައެކަނި ކުޅިވަރަށް ނޫން ކަމަށާއި، އެކަމަކު އޭގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށްވެސް ފައިދާ ކުރާކަމަށެވެ.

އަންނަ މަހުގެ 15 އިން 21 އަށް ރާއްޖޭގައި ކުރިއަށްދާ މޯލްޑިވްސް ޓެނިސް ޗެލެންޖުގައި ހަ ގައުމެއްގެ ކުޅުންތެރިން ބައިވެރިވާނެއެވެ. އެއީ ރާއްޖޭގެ އިތުރުން ސްރީ ލަންކާ، ބަހްރެއިން، ތައިލެންޑް، އޮމާން އަދި މެލޭޝިއާގެ ކުޅުންތެރިންނެވެ.

މި މުބާރާތް ކުރިއަށްދާނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ 12 އަހަރުންދަށް 14 އަހަރުން ދަށް އަދި ޖޫނިއާ އޯޕަންއެވެ. މުބާރާތުުގެ އެއްވަނަ އަށްދާ ކުޅުންތެރިންނަށް 10800 ޑޮލަރު ދިނުމަށް ވަނީ ނިންމާފައެވެ.