ޚަބަރު

މޮގަދިޝޫގައި ދިން ކާރު ބޮމުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 100އިން މައްޗަށް


ސޮމާލިޔާގެ ވެރިރަށް މޮގަދީޝޫގައި ހުންނަ ތަޢުލީމާ ބެހޭ ވުޒާރާގެ އިދާރާ ކުރިމަތީގައި ކާރު ބޮންތަކެއް ގޮއްވައިލައިގެން ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 100އަށް އަރައިފިއެވެ. އެ ޤައުމުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތެއް ކަމުގައިވާ އަލް-ޝަބާބްއިން ވަނީ ކާރު ބޮމުގެ ހަމަލާތަކުގެ ޒިންމާ އުފުލާފައެވެ. މި ހަމަލާތަކުގައި ޒަޚަމުވި މީހުންގެ އަދަދު 300އަށް އަރާ ކަމުގައި ސޮމާލިޔާއިން ބުނެއެވެ.

"މަރުވި މީހުންގެ އަދަދު ވަނީ 100އަށްވުރެ މައްޗަށް އަރާފައި. އަދި، ޒަޚަމުވި މީހުންގެ އަދަދު ވަނީ 300އަށް ވުރެ އިތުރުވެފައި. މަރުވި މީހުންނާއި ޒަޚަމުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ،" މި ހަމަލާތައް ކުށްވެރި ކުރައްވައި ވާހަކަފުޅު ދައްކަވަމުން ސޮމާލިޔާގެ ރައީސް ޙަސަން ޝައިޚް މަޙްމޫދު ވިދާޅުވިއެވެ.

މި ހަމަލާގައި މަރުވި މީހުންނާއި ޒަޚަމުވި މީހުންގެ ތެރޭގައި ގިނަ އަދަދަކަށް އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. "ޓެރެރިސްޓުން ދިން ހަމަލާގައި މަރުވި މީހުންގެ ތެރޭގައި މައިންނާއި ޅަދަރިން ވެސް ހިމެނޭ،" މަޙްމޫދު ވިދާޅުވިއެވެ.

މި ހަމަލާ ދިނުމަށް ބޭނުންކޮށްފައިވާ ދެ ކާރުގައި ހަރުކޮށްފައިވާ ބޮންތައް ގޮއްވައިލާފައި ވަނީ ތަޢުލީމާ ބެހޭ ވުޒާރާގެ އިދާރާ ހުންނަ ޢިމާރާތުގެ ކުރިމަތީގައެވެ. މި ހަމަލާގައި އެ ޢިމާރާތާއި، އެ ތަނާ އިންވެގެން ހުރި އެހެން ޢިމާރާތްތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

ބޮންތައް ގޮއްވައިލާފައިވާ ސަރަޙައްދަކީ، 2017ވަނަ އަހަރު ވެސް އެ ފަދަ ނުރައްކާތެރި ހަމަލާއެއް އަމާޒު ކޮށްފައިވާ ސަރަޙައްދެކެވެ. އެ އަހަރުގެ އޮކްޓޫބަރު މަހުގެ 14ވަނަ ދުވަހު ގޮވާތަކެތި ބަރުކޮށްފައިވާ ލޮރީއެއް ގޮއްވައިލައިގެން ދިން ހަމަލާގައި 512 މީހުން މަރުވިއެވެ. އަދި، 290އަށްވުރެ ގިނަ މީހުން ޒަޚަމުވިއެވެ.

ކާރު ބޮންތަކުގެ ފަހަތުގައިވާ އަލް-ޝަބާބް ޖަމާޢަތަކީ އަލްޤައިދާއާ ގުޅިފައިވާ ހަތިޔާރު އެޅި ޖަމާޢަތެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަނީ މި ހަމަލާތައް ކުށްވެރި ކޮށްފައެވެ. މީގެ ތެރޭގައި އ.ދ.އާއި ތުރުކީ ވިލާތާއި އެފްރިކާގެ އިއްތިހާދު (އޭ.ޔޫ) ހިމެނެއެވެ.

އަލް-ޝަބާބް ޖަމާޢަތުގެ ހަރަކާތްތައް ފަހަކަށް އައިސް އިތުރު ކޮށްފައި ވާއިރު، ފަހަކަށް އައިސް ދީފައިވާ މި ފަދަ ގިނަ ބޮމުގެ ހަމަލާތަކުގެ ފަހަތުގައި ވަނީ އެ ޖަމާޢަތެވެ. ސޮލާމިޔާ ސަރުކާރު ފައުޖުތަކުން 2011ވަނަ އަހަރު ވަނީ މޮގަދިޝޫގެ ސަރަޙައްދުތަކުން އަލް-ޝަބާބް ޖަމާޢަތުގެ ހަނގުރާމަވެރިން ފައްސައިލާފައެވެ.

ހުސްވި ހަފުތާގައި ވެސް އެ ޖަމާޢަތުގެ ހަނގުރާމަވެރިން ވަނީ ކިސްމާޔޯ ކިޔާ ބަނދަރުމަތީ ރަށެއްގެ ހޮޓަލަކަށް ހަމަލާދީ، ޢާންމުންގެ ނުވަ މީހުން މަރައިލާފައެވެ. އެ ހަމަލާގައި އިތުރު 47 މީހުން ޒަޚަމުވިއެވެ.