ޚަބަރު

ސަލްމާން މިސްކިތުގައި ހުރި ބައެއް މައްސަލަތައް ހައްލުކުރުމަށް ތުރުކީގެ ޓީމެއް އަންނަނީ


ކިންގް ސަލްމާން މިސްކިތުގައި ހުރި ބައެއް މައްސަލަތައް ހައްލުކުރުމަށް ތުރުކީވިލާތުގެ ޓީމެއް މާދަމާ އަންނާނެ ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ.އަޙްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

ސަލްމާން މިސްކިތުގައި ތާޅަފިލިތަކުގެ އަޑު މަޑުކަމުންނާއި ކަރަންޓުގެ ބައެއް މައްސަލަ ދިމާވެގެން އާންމުން ވަނީ އެކަމާއި ޝަކުވާކޮށްފައެވެ. އަދި މިސްކިތުގައި އޭސީގެ މައްސަލަޖެހި އޭސީ ނުޖައްސާކަމުގެ މައްސަލަތައްވެސް ވަނީ ފެންމަތިވެފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވީ އޭސީގެ މައްސަލަ ހައްލުކުރުމަށްޓަކައި މާދަމާގެ ވަގުތެއްގައި އޭސީތަކުގެ މަސައްކަތްކުރި ތުރުކީވިލާތުގެ ޓީމެއް އަންނާނެކަމަށެވެ. އަދި އޭސީގެ އިތުރުން ސައުންޑުގެ މައްސަލަ ހައްލުކުރުމަށް އެމީހުންނާއި ވާހަކަ ދައްކައިގެން ހައްލެއް ހޯއްދަވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ސައުންޑު ސިސްޓަމަށާއި އޭސީއަށް ދައުލަތުން ވަރަށް ބޮޑު ޚަރަދެއް ކޮށްފައިވާ ކަމަށާއި ދާއިމީ ހައްލަކަށް ދިޔުމަށް އެޓީމާއެކު މަސައްކަތް ކުރައްވާނެ ކަމަށެވެ.

ކިންގް ސަލްމާން މިސްކިތް ހުޅުވައި ނަމާދު ކުރަން ފަށާފައިވަނީ 1 އޭޕްރިލް 2022 ގައެވެ. ނަމަވެސް މިމިސްކިތް އަދިވެސް ރަސްމީކޮށް ހުޅުވާފައެއްނުވެއެވެ. ކިންގް ސަލްމާން މިސްކިތަކީ ސަޢުދީޢަރަބިއްޔާގެ އެހީގައި އަޅާފައިވާ މިސްކިތަކަށްވުމުން، މިސްކިތް ރަސްމީކޮށް ހުޅުވަން ނިންމާފައިވަނީ އެ ގައުމުގެ ވަފުދެއް ރާއްޖެ އައުމުންނެވެ. ސަލްމާން މިސްކިތް ހުޅުވިތާ ހަތް މަސް ދުވަސްވެފައިވާއިރު އިސްލާމިކް މިނިސްޓަރު ވިދާޅުވީ ސައުދީ ސަރުކާރުގެ ވަފްދު އެތަން ރަސްމީކޮށް ހުޅުވުމަށްޓަކައި ރާއްޖެ އަންނާނެ ދުވަހެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ސަލްމާން މިސްކިތުގެ ފުރަތަމަ ފަންގިފިލާ އާއި ދެވަނަ ފަންގިފިލާގައި ޖުމުލަ 4000 މީހުންނަށް ނަމާދު ކުރެވޭއިރު, ތިންވަނަ ފަންގިފިލާގައި 40 ޖާގައިގެ 4 ކްލާސްރޫމާއި، 5 ސެމިނަރ ރޫމް ހުރެއެވެ. އަދި ހަތަރުވަނަ ފަންގިފިލާގައި ލައިބްރަރީއަކާއި، 350 މީހުންގެ ޖާގައިގެ އޮޑިޓޯރިއަމެއްވެސް ހުރެއެވެ.