ޚަބަރު

އާބާދީ މަދު ފުޅަދޫގައިވެސް ފެނުގެ މަޝްރޫއު ފަށަން ތައްޔާރުވަނީ


ރާއްޖޭގެ ދިގު ތާރީޚަށް ބަލާއިރު އާބާދީގެ ގޮތުން މަދުން މީހުން ދިރިއުޅޭ ރަށްރަށަކީ ރައްކާތެރި ފެނާއި ނަރުދަމާ ނިޒާމުން މަޙްރޫމްވެފައިވާރަށްތަކެކެވެ. އަސާސީ މިޚިދުމަތް ނޫނަސް އެހެނިހެން ކަންކަމުންވެސް މިފަދަ ކުދި އާބާދީތައް އޮތީ ބާކީވެފައޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. އެހެންނަމަވެސް އާބާދީއަކަށް ނުބަލައި މިފަދަ އަސާސީ ޚިދުމަތްތައް ހުރިހާ ރަށަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް މިސަރުކާރުން ފަށާ ބައެއް ރަށްރަށަށް މިޚިދުމަތް މިހާރުވަނީ ފޯރުކޮށްދީފައެވެ.

ރައްކާތެރި ފެނާއި ނަރުދަމާ ނިޒާމެއްނެތި ރާއްޖޭގެ ރަށްތައް ތަރައްޤީ ވެގެން ނުދާނެކަމަށާއި، ދުޅަހެޔޮ ވެއްޓެއް ބިނާނުކުރެވޭނެ ކަމަށް މިސަރުކާރުން އަބަދުވެސް އަންނަނީ ބުނަމުންނެވެ. އާބާދީގެ ގޮތުން މަދުން މީހުން ދިރިއުޅޭ މިފަދަކުދި އާބާދީތަކަށް ހަމަހަމަ ސިޔާސަތެއް އެކުލަވާލާ، ރާއްޖޭގައި އޮތް މީގެ ބައެއް ރަށްރަށުގައި ރައްކާތެރި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކޮށް ޚިދުމަތްދޭންވަނީ ފަށާފައެވެ. މިއާއެކު ބ. ފުޅަދޫ ރައްޔިތުންގެ އުންމީދުވެސް އައުވެގެން ދިޔައެވެ.

މިހާރުވެސް ފެން ތަޣައްޔަރުވެފައިވާ ފުޅަދޫއަކީ ހިތްގައިމު ދޮންވެލި ފިނޮޅުތަކާއި ކަނޑުގެ ދިރުމުން މުއްސަނދި ކަމެއް ލިބިފައިވާ ފަރެއް އޮންނަ ރަށަކަށް ވުމުން އެރަށަށް ޒިޔާރަތް ކުރާ މީހުންގެ އަދަދުވެސް އިތުރެވެ. ފުޅަދޫގެ އިޤްތިޞާދަކީ ފަތުރު ވެރިކަމަށްވާއިރު ރަށުގެ ރައްޔިތުންނާއި، ރަށަށް ޒިޔާރަތްކުރާ މީހުންގެވެސް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ފެން ތަޣައްޔަރުވެ ފެނުން ނުބައިވަސްދުވުމެވެ. ރައްކާތެރި ފެނުގެ ނިޒާމެއް ނެތުމަކީ މި ރަށުގެ ރައްޔިތުންގެ ކުރިއެރުމަށް އެޅިފައި އޮތް ހުރަހެއް ކަމަށް އެރަށުގެ ރައްޔިތުން ގަބޫލު ކުރެއެވެ.

"ގެވަޅު ތަކުގައި ތިންހަތަރު ޖަންގްޝަން ހަދައިގެން ބިމަށް އެ ނަޖިސް ފެން މި ހަނިހަނި ރަށުގައި ހިންދަން ފެށީމާ ފެން ތަޣައްޔަރުވަނީ. ރައްކާތެރި ނަރުދަމާ ނިޒާމެއް ނެތީމަ މިހުރިހާކަމެއްވެސް މި ކުރިމަތިވަނީ، ފަތުރުވެރިކަމަށްވެސް އޮތް ގޮންޖެހުމެއް އެއީ އަންނަމީހުންގެ ޝަކުވާ ލިބޭ" ފުޅަދޫން ވާހަކަދެއްކި ބައެއް މީހުން ބުނެއެވެ.

ހަނި ދިގުކޮށް އޮންނަ ފުޅަދޫގެ އާބާދީއަކީ 394 ނަމަވެސް މިހާރު ރަށުގައި ދިރިއުޅެނީ 200 އެއްހާ މީހުންނެވެ. އަސާސީ ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ ތައުލީމް ރަށުން ލިބެންނެތުމުން އެރަށުގެ ގިނަ އާއިލާތަކެއް މާލެއާއި އަތޮޅުގެ ވެރިކަންކުރާ އޭދަފުށީގައި އަންނަނީ ދިރިއުޅެމުންނެވެ.

އާބާދީގެ ގޮތުން މަދުބަޔަކު ދިރިއުޅުނު ނަމަވެސް ސަރުކާރުގެ ސިޔާސަތުގެ ދަށުން ރައްކާތެރި ފެނާއި ނަރުދަމާ ނިޒާމް އެރަށުގައި ޤާއިމް ކުރުމުގެ މަސައްކަތް ފެށުމަށް ފެނަކަ ކޯޕަރޭޝަނުން އަންނީ ތައްޔާރުވަމުންނެވެ. އެގޮތުން ބިންސާފު ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި، އެމަސައްކަތް ނިމުމުން އަމަލީ މަސައްކަތް ފެށޭނެ ކަމަށް ފެނަކައިން ބުނެއެވެ. މަސައްކަތް ފެށުމަށް ބޭނުންވާ ބައެއް ސާމާނު މިހާރުވަނީ އެރަށަށް ގެންގޮސްފައެވެ. އަދި އެމަސައްކަތައް ބޭނުންވާ މުވައްޒަފުންވެސް ނަގާފައިވާ ކަމަށް ފުޅަދޫ ކައުންސިލުންވެސް ވިދާޅުވެއެވެ.

ރައްކާތެރި ފެނާއި ނަރުދަމާ ނިޒާމަކަށް ފުޅަދޫ ރައްޔިތުން ކުރާ އުންމީދު ބޮޑެވެ. އެއީ ފަތުރުވެރިކަމުގެ ވިޔަފާރި ފުޅާވަމުންދާ މިރަށުގައި މި ވިޔަފާރި ކުރިއެރުވުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަށް މިކަންވާތީއެވެ. މިފެށޭ އަހަރު ނިމުމުގެ ކުރިން މިކަން ފެށުމުގެ ކުލަމަތި ފެންނަމުން ދާއިރު މިއީ ރަށުގެ އިޤްތިސާދަށް ކުރެވޭ ވަރަށް މުހިންމު އަދި އެހާމެ އަގުހުރި މަސައްކަތަކަށް ވެގެންދާނެ ކަމަށް އެރަށު ރައްޔިތުންދެކެއެވެ.