ޚަބަރު

ހޯދުނު ގޮތަކަށް ފައިސާ ހޯދުމަކީ ޖާއިޒު ކަމެއްކަމުގައި ދެކުމަށްވުރެ ބޮޑު ނުބައެއް ނޯންނާނެ: ރައީސް


ހޯދުނު ގޮތަކުން ފައިސާ ހޯދުމަކީ ޖާއިޒު ކަމެއްކަމުގައި ދެކުމަށްވުރެ ބޮޑު ނުބައެއް ޤައުމަށް ނޯންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ކޮރަޕްޝަނާއި ދެކޮޅަށް ދައުލަތުގެ ތެރެއިން ރޭވިގެން ހިންގޭ ކުށްތައް މަދުކުރުމަށްޓަކައި މިއަދު ފެށި "އެންޓި ކޮރަޕްޝަން ކޮންފަރެންސް"ގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮރަޕްޝަންގެ ނުބައި އަދާތަކުން ދުރުވުމަށް ދައުލަތުގެ އެންމެހާ އިދާރާތަކަށް އިލްތިމާސް ކުރައްވާފައެވެ.

"އެންޓި ކޮރަޕްޝަން ކޮންފަރެންސް" ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދައުލަތުގެ ތެރޭގައި ރޭވިގެން ހިންގޭ ކޮރަޕްޝަންގެ އަމަލުތަކަށް ރުހިގެން އެކަމަކަށް ހިތްވަރު ލިބޭގޮތަށް އަމަލު ކުރުމަށް ޖާގަ ދިނުމަކީ ކުރެވެގެން ވާނެކަމެއް ނޫންކަމަށެވެ. ދައުލަތުގެ ވެރިންގެ ގޮތުގައި ތިބެ ތިމާއަށް ހޯދުނު ގޮތަކަށް ފައިސާ ހޯދައި އެކަމަށް ހިތްވަރު ދިނުމަށްވުރެ ބޮޑު ނުބައެއް ނޯންނާނެކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

"ކޮރަޕްޝަނާއި ފަސާދައާއި ނާޖައިޒް ފައިދާ ނެގުމަކީ ދައުލަތުގެ ތެރޭގައި އިންތިޒާމު ވެފައި އޮންނަ ރީތި ކަމެއްގެ ގޮތުގައި ވެރިންދެކި އެނަމޫނާ ދެއްކުމަށްވުރެ ބޮޑު ގޯހެއް އެއްވެސް ޤައުމަކަށް ނޯންނާނެ. ހޯދުނުގޮތަކުން ފައިސާ ހޯދުމަކީ ޖާއިޒު ކަމެއްގެ ގޮތުގައި ގަބޫލުކޮށް އެކަމަށް ހިތްވަރު ދިނުމަށްވުރެ ބޮޑު ނުބައެއް އެޤައުމަކަށް ނޯންނާނެ. އެންމެ ބޮޑު ކޮރަޕްޝަނަކީ ކޮރަޕްޝަނަށް ރުހުން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ވެރިކަމުގެ ދައުރު ބަދަލުވެ، އާވެރިކަމެއް ކުރަން ފަށާއިރު ދައުލަތުގެ ތެރޭގައި މޫލާފައި ހުންނަ ނުރަނގަޅު ކަންކަމަކީ ވަގުތުން ރަނގަޅު ކުރެވޭނެ ކަންކަމެއް ނޫންކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ. ނަމަވެސް ކޮރަޕްޝަންގެ ނުރަނގަޅު އާދަތަކުން ދައުލަތުގެ މުއައްސަސާތައް ދުރުކުރުމަށް މުހިންމު ފިޔަވަޅުތަކެއް ވެރިކަމާއި ހަވާލުވުމަށްފަހު އަޅާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ދައުލަތުގެ އެކި ވުޒާރާތަކާއި ކުންފުނިތަކުން ހިންގާ ކޮރަޕްޝަންގެ މައްސަލަތައް ހުށަހަޅާނެ ޕޯޓަލްއެއް ހުޅުވައި ނުފޫޒެއް ނެތި މައްސަލަތައް ބެލޭނެ އިންތިޒާމު ހަމަޖައްސާފައިވާމަށެވެ.

މިހާތަނަށް ޕޯޓަލްއަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިްނ 311 މައްސަލައެއް އޭސީސީއަށް ވަޏީ ހުށަހަޅާފައެވެ. އޭގެ ތެރެއިން 146 މައްސަލައަކީ ކުންފުނިތަކަށް ނިސްބަތްވާ މައްސަލަތެކެވެ. މީގެ ތެރޭގައި ރަށްރަށް ކުއްޔަށް ދިނުމާއި، ގޯއްޗާއި، ފްލެޓާއި، ބިން ކުއްޔަށް ދިނުމާއި، ޕްރޮކިއުމަންޓާއި ގުޅުންހުރި މައްސަލަތަކާއި، މުސާރައާއި އިނާޔަތާއި ގުޅޭ މައްސަލަތައްވެސް ހިމެނޭކަމަށް ރައީސް ވިދާޅުވިއެވެ.

"ދައުރެއް ބަދަލުވެ ވެރިކަން ފުރޮޅުނަސް އެއަންނަ ކުއްލި ބަދަލާއިއެކު ހުރިހާކަމެއް ވަގުތުން ރަނގަޅުވެ އިސްލާހު ވެގެނެއް ނުދޭ. ކަންކަމަށް ހުޅުވިފައި ހުންނަ ދޮރުތަކައި، ވެފައިހުންނަ ޒަމާންވީ އާދަ ހަމަ އެވަގުތު ބަދަލެއްވެސް ނުވޭ. އަދި ވަކިން ޚާއްސަކޮށް ކަމެއް މާގިނަ ދުވަހު ދެމިއޮވެ އާދައަކަށް ވުމުން، ނުރަނގަޅު އޮންނަނީ ރަނގަޅެއްގެ ގޮތުގައި ބެލެވިފަ. ގޯސް އޮންނަނީ އެއްގޯސްވެފައި" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކޮރަޕްޝަނަށް ހުޅުވިފައިވާ ދޮރުތައް ބަންދުކޮށް، އެފަދަ ކަންކަމަށް އޮތް ޖާގަ ކުޑަކުރުމަށްޓަކައި ޤާނޫނުތަކަށް ބޮޑެތި ބަދަލުތަކެއް ނެގެސް އާ ޤާނޫނުތަކެއްވެސް ވުޖޫދު ކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނާއި، ރިޝްވަތާއި ނުހައްގު މުއްސަދިކަމަށް އަރައި ގަތުމަކީ ޖިނައީީ ކުށެއްގެތުގައި ކަނޑައަޅާފައިވާކަމަށެވެ. ޤާނޫނުތަކާއިއެކު ކުރަންހުރި މަސައްކަތް ގިނަކަން ފާހަގަކުރައްވަ ރައީސް ވިދާޅުވީ ދައުލަތުގެ ކަމާއި ގުޅުންހުރި އިދާރާތައް ގުޅިގެން މިއަދު މިފެށޭ މަސައްކަތަކީ މިކަމުގެ އެންމެ މުހިންމު މަސައްކަތް ކަމުގައެވެ.

"މިނުރައްކާތެރި މައްސަލައިން މިންޖުވުމަށްޓަކައި، ކުރަންޖެހޭ ކަމަކީ ސަރުކާރާއި، ވިޔަފާރިވެރިންނާއި ސިވިލް ސޮސައިޓީތަކާއި އެކުގައި އެއްތަނެއްގައި ތިބެ މަސައްކަތް ކުރުން. އެހެންވެ މިމަހާސިންތާގެ މުހިންމުކަން އަޅުގަނޑަށް މުހިންމުވަނީ. ރައީސް ވިދާޅުވިއެވެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކޮރަޕްޝަންގެ އަމަލުތައް ބެލުމުގައި އޭސީސީން ކުރަމުންދާ މަސައްކަތުގައި ސަރުކާރުގެ އެއްވެސް ނުފޫޒެއް ނުފޯރާނެކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ. މިއަދު އޭސީސީން ކޮންމެ މައްސަލައެއް ބެލި ކަމުގައި ވީނަމަވެސް މިނިވަންކަމާއިއެކު އެއްވެސް ނުފޫޒެއްނެތި މައްސަލަތައް ބެލުމުގެ ޖާގަ އޮންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.