ނިކަމެތި ކުރެވުނު މީހާ މަޢާފް ނުކުރާހާ ހިނދަކު ދުނިޔެމަތީގައިވެސް އެމީހާގެ ކިބައިން މާތް ﷲ ބަދަލު ހިއްޕަވާނެކަމަށް ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް ވިދާޅުވެއްޖެއެވެ.
މުފްތީ މެންކް މިހެން ވިދާޅުވީ ފުވައްމުލައް ސިޓީގައި ދިން ދަރުހުގައެވެ.
މުފްތީ މެންކް ރާއްޖެއަށްކުރައްވާ މި ދަތުރުގައި ފުވައްމުލައް ސިޓީއަށް ވަޑައިގެން ދެއްވި ދަރުސް ޚާއްސަކުރައްވާފައި ވަނީ "އިސްލާމް، ކައިންޑްނެސް އެންޑް ބިނެވޮލެންސް" ނުވަތަ އިސްލާމްކަން، އޯގާތެރިކަމާއި ހިތްހެޔޮކަމުގެ މައްޗަށެވެ. މި މަޢުޟޫއަށް ދަރުސް ދެއްވަމުން މެންކް ވިދާޅުވީ މީހުންގެ މައްޗަށް އަނިޔާވެރިވާ މީހުންނާއި އިހާނެތިކޮށް ހިތުމަކީ ތިމާގެ އަމިއްލަ ނަމުގައި ދެދުނިޔޭގައިވެސް ނަގާ ދަރަންޏެއްކަމަށެވެ. އަނެކުންނަށް އޯގާތެރިކޮށް ހިތުމަށް އިސްލާމްދީން ބާރު އަޅުއްވާމިންވަރުން މިސާލުޖައްސަވާ މެންކް ވަނީ ނަރަކަވެރިއަކު ސުވަރުގެ ވެއްދެވީ ކުށްތާއަކަށް ފެންދީގެންކަން ފާހަގަކުރައްވާފައެވެ.
މުފްތީ މެންކް ވަނީ ނިކަމެތިންނަށް އެހީވުމަށްފަހު އެމީހުންގެ ނިކަމެތިކަމަށް މަލާމާތް ނުކުރުމަށް އިލްތިމާސްކުރައްވާފައެވެ. އަދި އަނެކުންނަށް އޯގާތެރިވުމަކީ މާތް ﷲގެ ރަޙްމަތް ތަނަވަސްވާކަމެއްކަންވެސް މެންކް ފާހަގަކުރެއްވިއެވެ. އަދި އަނެކުންނަށް ދެރައާއި އިހާނެތިކޮށް ހިތުމަށްފަހު މާތް ﷲ އެކަން ދޫކޮށްލާނެކަމަށް އެއްވެސް މީހަކު ހީކޮށްގެން ނުވާނެކަން ފާހަގަކުރައްވާ މެންކް ވިދާޅުވީ ދުނިޔެ މަތީގައި ނިކަމެތި ކޮށްލާ މީހާ މަޢާފްނުކޮށްފިނަމަ ދުނިޔެއާއި އާޚިރަތުގައިވެސް މާތް ﷲ ބަދަލު ހިއްޕަވާނެކަމަށެވެ.
ފަޤީރުންނާއި މިސްކީނުންނާއި ޔަތީމުންނަށް އެހީވުމަށްޓަކައި އިސްލާމްދީނުގައި ޒަކާތް ދިނުމަށް ބާރު އަޅާފައިވާކަން ފާހަގަކުރައްވާ މެންކް ވަނީ ޒަކާތް ނެރެންޖެހޭ ވަރަށްވުރެ އިތުރަށް ޒަކާތް ނެރޭ މީހާއަށް މާތް ﷲ ބައްލަވާވޮޑިގެންވާކަމަށެވެ. އަދި މިހާރު ފައިސާއަކީ ހުރިހާ އެއްޗެއް ނޫންކަން ޤަބޫލު ކުރާ މީހުންވެސް އުޅޭކަން ފާހަގަކުރައްވާ މެންކް ވިދާޅުވީ އަމިއްލަ އަނބިދަރިންނަށް ވާ ފައިސާ ބެހެއްޓުމަށްފަހު ބިލިޔަނުން ގުނާލެވޭ މުދާތައް ދޫކޮށްލާ މީހުން އުޅޭކަމަށެވެ.
މުފްތީ މެންކުގެ ފުރަތަމަ ދަރުސް ބޭއްވީ މާލޭގައެވެ. އަދި ދެވަނައަށް ފުވައްމުލައް ސިޓީގައި ބޭއްވިއިރު އައްޑޫ ސިޓީއާ، ހުޅުމާލޭގައި ދަރުސް ދެއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.