ޚަބަރު

ސޮމާލިޔާގެ ތަޢުލީމާބެހޭ ވުޒާރާ ހުންނަ އިމާރާތަށް ބޮމުގެ ޙަމަލާތަކެއް


ސޮމާލިޔާގެ ވެރިރަށް މޮގަދިޝޫގައި ހުންނަ އެ ޤައުމުގެ ތަޢުލީމާ ބެހޭ ވުޒާރާ ހުންނަ ޢިމާރާތަށް ބޮމުގެ ހަމާލާތަކެއް ދީފިއެވެ. ދެ ކާރު ބޮން ގޮއްވައިލައިގެން ދިން މި ހަމަލާތަކުގައި ގިނަ އަދަދެއްގެ ބަޔަކު ޒަޚަމުވި ކަމުގައި ސޮމާލިޔާގެ ފުލުހުން ބުނެއެވެ. ނަމަވެސް، މި ހާދިސާގައި ޒަޚަމުވީ މީހުންގެ އަދަދު އަދި ސާފެއް ނޫނެވެ.

އެއް ކާރު ބޮން ގޮއްވައިލާފައި ވަނީ ތަޢުލީމީ ވުޒާރާ ހުންނަ ޢިމާރާތުގެ ގޯތިތެރެއަށް ކާރު ވެއްދުމަށް ފަހުގައި ކަމަށް ފުލުހުން ބުނެއެވެ. އަދި، އެ ތަނުގައި ފޯރިމަރަމުން ދިޔަ ފުލުހުންނާއި، ހަތިޔާރު އެޅި ޖަމާޢަތްތަކަށް ނިސްބަތްވާ ބަޔަކާ ދެމެދު ހަމަލާތައް ބަދަލު ކުރެވުނު ކަމުގައި ވެސް ފުލުހުން ބުނެއެވެ.

ބޮންތައް ގޮއްވައިލާފައި ވަނީ ތަޢުލީމާ ބެހޭ ވުޒާރާ ހުންނަ މަގުގައި ކާރޫބާރޫ ބޮޑު، އަދި ގިނަ އަދަދެއްގެ ބަޔަކު އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުން ދިޔަ ވަގުތެއްގައި ކަމުގައި މަންޒަރު ފެނުނު މީހުން މަޢުލޫމާތު ދެއެވެ. މި ހާދިސާގައި ތަޢުލީމީ ވުޒާރާ ހުންނަ ޢިމާރާތާއި އިންވެގެން ހުރި އެހެން ޢިމާރާތްތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމުގައި ފުލުހުން ބުނެއެވެ.

ސޮމާލިޔާގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތެއް ކަމުގައިވާ އަލް-ޝަބާބް ހަނގުރާމަވެރިން ދަނީ އެ ޤައުމުގެ ސަލާމަތީ ފައުޖުތަކާ ހަނގުރާމަ ކުރަމުންނެވެ. އެ ޖަމާޢަތުގެ ހަރަކާތްތައް ފަހަކަށް އައިސް އިތުރު ކޮށްފައި ވާއިރު، ފަހަކަށް އައިސް ދީފައިވާ މި ފަދަ ގިނަ ބޮމުގެ ހަމަލާތަކުގެ ފަހަތުގައި ވަނީ އެ ޖަމާޢަތެވެ. ނަމަވެސް، ތަޢުލީމީ ވުޒާރާއަށް ދިން ހަމަލާގެ ޒިންމާ އެ ޖަމާޢަތުން އަދި އުފުލާފައެއް ނުވެއެވެ.

އެ ޖަމާޢަތުގެ ހަނގުރާމަވެރިން ވެރިރަށް މޮގަދިޝޫއިން ފައްސައިލާފައި ވަނީ 2011ވަނަ އަހަރުއެވެ. ނަމަވެސް، އެ ޖަމާޢަތުގެ ހަނގުރާމަވެރިން ދަނީ ފުލުހުންނާއި ސިފައިންނަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. ހުސްވި ހަފުތާގެ ތެރޭގައި އެ ޖަމާޢަތުގެ ހަނގުރާމަވެރިން ކިސްމާޔޯ ކިޔާ ބަނދަރުމަތީ ރަށެއްގެ ހޮޓަލަކަށް ހަމަލާދީ، ޢާންމުންގެ ނުވަ މީހުން ވަނީ މަރައިލާފައެވެ. އެ ހަމަލާގައި އިތުރު 47 މީހުން ޒަޚަމުވިއެވެ.