ޚަބަރު

ދަތި އުނދަގޫ ހާލަތު ކުރިމަތިވަނީ އިމާންތެރިކަން ކުޑަވެގެނެއް ނޫން: މުފްތީ މެންކު


ހާސްކަމާއި މާޔޫސްކަމުގެ ވަގުތުގައި، ދީން ބާރުއަޅަނީ ހަމައެކަނި ދުޢާކޮށްލައިގެން ފުއްދާލަން ނޫންކަމަށާއި، އެހެން މީހެއްގެ އެހީތެރިކަން ނުވަތަ ފަރުވާ ހޯދަން ޖެހޭ ޙާލަތުގައި އެކަންކުރުމަށްވެސް ދީން ބާރުއަޅާކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް ވިދާޅުވެއްޖެއެވެ.

މުފްތީ މެންކު މިހެން ވިދާޅުވީ އަލިމަސް ކާނިވަލް ސަރަހައްދުގައި ބޭއްވި ދެއްވި ދަރުސްގައެވެ.

މުފްތީ މެންކް ރާއްޖެއަށްކުރައްވާ މި ދަތުރުގައި ދެއްވާ ފުރަތަމަ ދަރުސް ބާއްވާފައިވަނީ "ދެރަވެ މާޔޫސްވުމާއި، ހާސްވުމާއި ކަންބޮޑުވުން" މި މަޢުޞޫއަށެވެ. ކާނިވާ ސަރަޙައްދުގައި އޮތް ދަރުސް އަޑުއެހުމަށް، ގިނަ ބަޔަކު އެ ސަރަޙައްދަށް އެއްވިއެވެ. އަދި ދަރުސް އަޑުއެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙުގެ ދެ ކަނބަލުންނާއި ނައިބު ރައީސް ފައިސަލް ނަސީމްއާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މުފްތީ މެންކްގެ މިފަހަރުގެ ދަރުސްތައް ޚާއްސަކޮށްފައިވަނީ، މުޖުތަމަޢުގައި ހުރި ތަފާތު އެކި މައްސަލަތަކާ ކުރިމަތިލާ އެކަންކަމަށް ޙައްލުހޯދޭނެ ގޮތްތަކަށެވެ.

މެންކްގެ މި ދަރުހުގައި، ނަފްސާނީ މައްސަލަތަކުގެ ސަބަބުން ދިރިއުޅުމަށް ކުރާ އަސަރާ، އޭގެ ސަބަބުން މީހާގެ މުޅި ދިރިއުޅުން އެކަމުގައި ހަލާކުކޮށްނުލާ، އަމިއްލަ ނަފްސު އިސްލާހުގެ މަގަށް ގެނައުމަށް ކުރެވޭނެ ކަންކަމާއި ގުޅޭގޮތުން ވާހަކަދުޅުދެއްކެވިއެވެ.

މެންކް ވިދާޅުވީ ދިރިއުޅުމުގައި ހާސްކަމާއި ކަންބޮޑުވުން ކުރިމަތިނުވާ އެއްވެސް ނަފްސެއް ނުވާކަމަށެވެ. ކޮންމެ މީހަކީވެސް އެމީހެއްގެ ދިރިއުޅުމުގައި ތަފާތު ގޮންޖެހުންތަކާއި، ހާސްކަމާއި ހިތާމައާއި ކުރިމަތިލާ މީހެއްކަމަށާއި އަދި ކޮންމެ ފަރުދަކަށް މި ޙާލަތު ތަފާތުކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހިތާމައާއި މާޔޫސްވުމުގައި ދެ މީހެއްގެ ދިރިއުޅުން އެއްގޮތް ނޫންކަމަށްވެސް މެންކް ވިދާޅުވިއެވެ.

މިއިން ކޮންމެ ހާލަތެއްގައި ތިމާގެ ހަށިގަނޑުގެ ކަންނެތްކަން ފިލުވާ، ހާލަތުން އަރައިގަތުމުގެ ވަރުގަދަ ޢަޒުމް ހިތުގައި ކަނޑައަޅަންޖެހޭކަމަށް ވިދާޅުވިއެވެ. އަދި ތިމާއަކީ ފިނޑިއެއްކަމަށް ދެކި، ދިރިއުޅުން ހަލާކުކޮށްނުލާ އެކަމަށް ޙައްލު ހޯދޭނީ ކިހިނެތްކަން ހޯދަން ޖެހޭކަމަށް މެންކް ވިދާޅުވިއެވެ. މެންކް ވިދާޅުވީ ދިރިއުޅުމުގައި ދިމާވާ ކޮންމެ ކަމަކީ ތިމާގެ އިމާންތެރިކަން ކުޑަވެގެން ދިމާވާ ކަމެއް ނޫންކަމަށާއި އެއީ އިންސާނީ ފިތުރަތުކަމަށެވެ.

"އަބަދުވެސް ހީކުރެވެނީ ހިތާމަ ކުރިމަތިވާނީ އީމާންކަން ނެތީމައޭ. އީމާންކަން އެންމެ ވަރުގަދަ މީހާގެސް ދިރިއުޅުމުގައި އެތައް ކަމެއް ދިމާވާނެ. ކޮންމެ ކަމަކީ އިމްތިހާން. މޮޅު މީހާއަކީ ﷲއާއި ތިބާގެ ގުޅުން ވަރުގަދަކޮށް، އަދި ނަފްސާނީ ހާލަތު ގޯސްވާނަމަ އެ ވާހަކަ މީހަކަށް ކިޔައިދީ އެހީ ހޯދާ މީހާ. ޑޮކްޓަރަށް ދާންޖެހޭ ޙާލަތުގައި އެކަންވެސް ކުރަންވީ." މެންކް ފާހަގަކުރެއްވިއެވެ.

އާއިލާއާއި، ވަޒީފާއާއި، މީހާއަށް ކުރިމަތިވާ މާލީ ދަތިކަމެއްގެ ސަބަބުންވެސް ނަފްސާނީ އުނަދަގޫތައް ކުރިމަތިވެ ހާސްކަމުގެ ތެރެއަށް ވެއްޓިދާނެކަން މެންކު ފާހަގަކުރެއްވިއެެވެ. ނަމަވެސް މިއިން ކޮންމެ ކަމަކީ އިމްތިހާނެއްކަމަށާއި، ﷲ ތިބާގެ އަތުން އެއްޗެއް ގެންދަވަނީ އެއީ ތިބާގެ އަމިއްލަ ނަފްސުގެ ރައްކަލަށްކަން ޤަބޫލުކުރަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

"މަންމަކައިރީ ތުއްތު ކުއްޖަކު ވަޅިއެއް ދޭށޭ ބުނީމަ އެ ވަޅި މައިމީހާއެއް ނުދޭނެ. އެއީ އޭގެ ނުރައްކާ އިނގޭތީީ. ހަމަ މިގޮތަށް ދިރިއުޅުމުގައި ތިމާއަށް ބައެއް ކަންކަން ހާސިލް ނުވުމަކީ ނިޢުމަތެއް. އޭގެ ގެއްލުން ތިބާއަށް ނުވެ، ދެން ވާން އޮތްގޮތް މާ ރަނގަޅުވީ." މެންކް ވިދާޅުވިއެވެ.

މުފްތީ މެންކުގެ ދަރުސްގައި ވަނީ، އެހެން މީހުންގެ ދިރިއުޅުމާމެދު ހަސަދަވެރި ނުވުމަށްވެސް ނަސޭހަތްތެރިވެފައެވެ. އަދި އެހެން މީހުންގެ ނިޢުމަތް ބީވެ ދިއުމަށް އެދުމުގެ ބަދަލުގައި، އެ ނިޢުމަތަށް ހަސަދަވެރި ނުވެ ތިބާއަށް އެއަށްވުރެ ހެޔޮ ނިޢުމަތެއް ދެއްވުމަށް އެދި ދުއާ ކުރުމަށް މުފްތީ ވިދާޅުވިއެވެ.

މެންކް ވިދާޅުވީ ފަހަކަށް އައިސް، ސޯޝަލް މީޑިއާއަކީވެސް ތިމާ ނަފްސާނީ ބަލީގެ ތެެރެއަށް ވައްޓާލާ އެއްޗަކަށް ވެފައިވާކަމަށެވެ. ނަމަވެސް މީހުން ތިބާއާމެދު ހީކުރާ ގޯސް ހީކުރުމަށް ރައްދު ނުދީ، އަމިއްލަ ނަފްސު ޢީމާންކަމުގެ މަގުގައި ދެމެހެއްޓުމުން ފުދޭނެކަމަށް އެނާ ވިދާޅުވިވެ.

މުފްތީ މެންކުގެ ފުރަތަމަ ދަރުސް މާލޭގައި ބާއްވާފައިވާއިރު މެންކްގެ ދެވަނަ ދަރުސް އޮންނާނީ ހޮނިހިރު ދުވަހުގެ ރޭ ފުވައްމުލައް ސިޓީގައެވެ. އަދި އައްޑޫ ސިޓީއާ، ހުޅުމާލޭގައި ދަރުސް ދެއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.