ޚަބަރު

ޑިނގާ އާލާކުރުމުގެ މަސައްކަތް ރާއްޖޭގައި ފަށަނީ


ޕްރޯންސް ނުވަތަ ޑިނގާ އާލާކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވަމުންދާކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ފިޝަރީޒް މިނިސްޓަރ މިހެން ވިދާޅުވީ މެރިކަލްޗަރ ނުވަތަ ކަނޑުފަޅުގައި ކަނޑުގެ ދިރުންތައް އަލާކޮށް ދިރުވުމުގެ މަސައްކަތް ގއ. މާނަގަލާގައި ތަރައްޤީކުރާ މަލްޓި ސްޕީޝީޒް ހެޗަރީ ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ރާއްޖޭގެ ރިސޯޓްތަކާއި ރެސްޓޯރެންޓްތަކުގައި ސީފުޑް ނުވަތަ ކަނޑުގެ ބާވަތްތަކުގެ ޑިމާންޑް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު، މިއަދާއި ޖެހެންވެސް މި ބާވަތްތަކަކީ ރާއްޖެއިން ބޭރުން އެތެރެކުރާ ބާވަތްތަކެވެ.

ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ ޑިނގާ އާލާކުރުމުގެ މަޝްރޫޢުގެ މަޤްސަދަކީ އިޤްތިޞާދު ކުރިއެރުވުމާއި އާމްދަނީ އިތުރުކުރުމާއި ވަޒީފާ އުފެއްދުމުގެ ވަޞީލަތެއްގެ ގޮތުގައި، ރާއްޖޭގެ މެރިކަލްޗަރ ތަރައްޤީކުރުންކަމަށެވެ.

މި މަޝްރޫޢުއަކީ ވޯލްޑް ބޭންކުގެ އެހީގެ ދަށުން ފިޝަރީޒް މިނިސްޓްރީން ހިންގާ "ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސް ޑިވެލޮޕްމެންޓް ޕްރޮޖެކްޓް"ގެ ތެރެއިން ހިންގާ މަޝްރޫޢުއެކެވެ.

ދިވެހިންގެ ދިރިއުޅުމުގެ ހުރިހާ ކަމަކާއި، ޤައުމުގެ އިޤްތިޞާދާއި ކަނޑުފަޅުތަކާއި އޮތް ގުޅުމުގެ މުހިންމުކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖެއަށް އެތެރެ ކުރެވޭ ސީފުޑްގެ ބާވަތްތައް ރާއްޖޭގައި އާލާކޮށް އެބާވަތްތައް ރާއްޖޭގައި އިތުރުކުރުމަކީ މުހިންމު ކަމެއްކަމަށެވެ.

ފިޝަރީޒް މިނިސްޓަރ ވިދާޅުވީ ދަނޑުވެރިކަމުގެ ނުވަތަ ސިނާއީ އެހެން ބޭނުމަކަށް ތަރައްޤީކުރުމަށް ކުއްޔަށްދެވޭ ފަޅުރަށްތަކުގެ ތެރެއިން، ބައެއް ފަޅު ރަށްތަކަކީ އެކުއަރަކަލްޗަރގެ މަސައްކަތް ކުރުމަށް ދެވޭނެ ފަޅު ރަށްތައްކަމަށެވެ. އަދި ރާއްޖޭގައި ބޮޑު ޑިމާންޑެއް އޮން ސީފުޑްގެ ބަވާތެއް ކަމަށްވާ ޑިނގާ އާލާކުރުމަށް އެރަށްތައް ޙާއްސަކުރެވިގެންދާނެކަމަށެވެ. އަދި މިމަޝްރޫޢުއަކީ އެމިނިސްޓްރީން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށް ގެންދެވޭނެ މަޝްރޫޢުއެއްކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ޕްރޯންސް ކަލްޗަރކުރަން އަޅުގަނޑުމެން ކުރިންވެސް އޮތީ ވިސްނާފަ. މިކަމަށްޓަކައި ހަދަންޖެހޭ ޤަވާއިދުތައް ނުނީ އުސޫލުތައް އަޅުގަނޑުމެން މިދަނީ ތައްޔާރު ކުރަމުން. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި ރަށްތަކުގެ ބީލަންވެސް އިޢުލާން ކުރެވޭނެ" މިނިސްޓަރ ވިދާޅުވިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ ޑިނގާ އާލަކުރުމުގެ މަސައްކަތް ފެށުމަށް މީހުން ތަމްރީންކުރުމުގެ މަސައްކަތް މިހާރު އެމިނިސްޓްރީން ކުރަމުންދާކަމަށެވެ. އަދި ރާއްޖޭގެ މަސްވެރިކަމަށް އައު ބާވަތްތައް އިތުރުކޮށް، ސިިންދަފާތު ކުރުމަކީ މަސްވެރިކަމުގެ ސިނާޢަތަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމެއްކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

ރާއްޖޭގެ ކަނޑުފަޅުތަކާއި ކަނޑުތަކުގެ ދިރުން ހިމާޔަތްކޮށް، ރައްކާތެރިކުރުމަށް ސަރުކާރުން ދަނީ "ނޫ ރާއްޖެ"، މި ނަމުގައި ޚާއްޞަ ޕްރޮގްރާމެއް ހިންގަމުންނެވެ. "ނޫ ރާއްޖެ" ޕްރޮގްރާމަކީ ނޫ އިޤްތިޞާދު ކުރިއަރުވާ، ކަނޑުތަކުގެ ރައްކާތެރިކަމަށް ފުޅާ ދާއިރާއެއްގައި މަސައްކަތްކުރާ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ޖަމުޢިއްޔާތަކެއްގެ މައްޗަށް އެކުލެވިގެންވާ ބައިނަލްއަޤްވާމީ ވިއުގައެކެވެ.