ޔޫކްރެއިނުން "ޑަރޓީ" ނުވަތަ ރޭޑިއޭޝަން އެކުލެވޭ މާއްދާތަކުން ތަޣައްޔަރު ކޮށްފައިވާ ބޮމެއް ގޮއްވައިލަން އުޅޭ ކަމަށް ރަޝިޔާއިން ތުހުމަތު ކޮށްފިއެވެ. ރަޝިޔާއިން ބުނީ، އެ ފަދަ ބޮމެއް ބޭނުން ކޮށްގެން އެ ޤައުމުގެ ސިފައިންނަށް ހަމަލާ ދިނުމަށް ޔޫކްރެއިނުގެ ސިފައިން ތައްޔާރުވަމުންދާ ކަމުގައެވެ. އަދި، ޔޫކްރެއިނުގެ ދެ ސަރަޙައްދެއްގައި އެ ފަދަ ބޮންތައް ތައްޔާރު ކުރަން އެ ޤައުމުން މަސައްކަތް ކުރަމުންދާ ކަމުގައެވެ.
ނިއުކްލިޔަރ ހަކަތައާ ބެހޭ އ.ދ.ގެ މައި އިދާރާ ކަމުގައިވާ އެޓޮމިކް ހަކަތައާ ބެހޭ ބައިނަލްއަޤުވާމީ އޭޖެންސީ (އައި.އޭ.އީ.އޭ)އިން ވަނީ ރަޝިޔާގެ ތުހުމަތުތައް ފުރިހަމައަށް ތަހުޤީޤު ކުރާނެ ކަމަށް ބުނެފައެވެ. "ޑަރޓީ" ބޮމެއް އުފައްދާ ކަމަށް ރަޝިޔާއިން ތުހުމަތު ކޮށްފައިވާ ދެ ތަނުގެ ތެރެއިން އެއް ތަން އައި.އޭ.އީ.އޭ.އިން މިހާރު ވެސް ވަނީ ބަލައިފާސްކޮށްފައެވެ.
"އައި.އޭ.އީ.އޭ.އިން މިނިވަން ތަހުޤީޤެއް ހިންގާނަން. އަދި، ހުއްދަ ނޫން ތަނެއްގައި ނިއުކްލިޔަރ މާއްދާތައް ގެންގުޅޭތޯއި، އެ ފަދަ މާއްދާތައް މުއްސަނދި ކުރޭތޯ ބަލާނަން. ރަޝިޔާއިން ތުހުމަތު ކޮށްފައިވާ އެއް ތަން ބަލައިފާސްކުރުމުން އެ ފަދަ އަމަލެއް ހިންގަމުންދާ ކަމުގެ ހެއްކެއް ފެންނާކަށް ނެތް،" އައި.އޭ.އީ.އޭ.ގެ އިސްވެރިޔާ ރަފަޔަލް ގްރޮސީ ވިދާޅުވިއެވެ.
ޔޫކްރެއިނުން ވަނީ ރަޝިޔާގެ ތުހުމަތުތައް ދޮގު ކޮށްފައެވެ. ރަޝިޔާއިން މަސައްކަތް ކުރަމުން ދަނީ އެ ފަދަ ބޮމެއް ގޮއްވައިލުމަށް ފަހު، ޔޫކްރެއިނުގެ ކޮނޑުގެ ޒިންމާ އަޅުވަން ކަމުގައި އެ ޤައުމުން ތުހުމަތު ކުރެއެވެ. މިއީ، ޔޫކްރެއިނަށް އަރައި ފަށާފައިވާ ހަނގުރާމައިގައި ރަޝިޔާ ސިފައިންނަށް ލިބެމުންދާ ނާކާމިޔާބީތަކާ ގުޅިގެން ހިންގަން ރާވާފައިވާ އަމަލެއް ކަމުގައި ޔޫކްރެއިނުން ބުނެއެވެ.
"ޑަރޓީ" ބޮމަކީ ނިއުކްލިޔަރ ބޮމެއް ނޫން ނަމަވެސް އެއީ ނުރައްކާތެރި ހަތިޔާރެކެވެ. އަދި، އެއްވެސް ހާލަތެއްގައި ބޭނުން ކުރުން މަނާކޮށްފައިވާ ހަތިޔާރެކެވެ. އެ ފަދަ ބޮން އުފައްދަނީ ރޭޑިއޭޝަން، ބަޔޮލޮޖިކަލް ނުވަތަ ކެމިކަލް މާއްދާތައް ބޭނުންކޮށް، ތަޣައްޔަރު ކޮށްގެންނެވެ.