ޚަބަރު

5 އަހަރަށްފަހު ޖެނީލިއާ ސްކްރީނަށް


5 އަހަރުގެ ބޮޑު ބްރޭކަކަށްފަހު ބަތަލާ ޖެނީލިއާ ދޭޝްމުކް އަނެއްކާވެސް ސްކްރީނަށް އަންނަން ތައްޔާރުވެއްޖެއެވެ.

ޖެނީލިއާ އެބުރި އަންނަނީ ފިރިމީހާ ރިތޭޝް ދޭޝްމުކް އާއެކު މާރާޓީ ފިލްމަކުންނެވެ. "ވޭދް" ކިޔާ މި ފިލްމަށް ސޮއިކުރިކަން ޖެނީލިއާއާއި ރިތޭޝްވެސް ވަނީ ސޯޝަލް މީޑިއާގައި ހާމަކޮށްފައެވެ. މީގެ ފަސްޓް ލުކްވެސް މިހާރު ވަނީ ބެލުންތެރިންނަށް ދޫކޮށްލާފައެވެ.

މި ފިލްމަކީ ރިތޭޝް ޑައިރެކްޓުކުރާ ފުރަތަމަ ފިލްމެވެ. ފިލްމުގެ ފުރަތަމަ ޕޯސްޓަރު ހިއްސާ ކުރަމުން ޖެނީލިއާ ބުނީ އޭނާ އުފަންވީ މަހާރަޝްތުރާއަށް ކަމަށާއި، މިއީ އޭނާ ކުޅޭ ފުރަތަމަ މަރާތީ ފިލްމު ކަމަށެވެ.


މި ފިލްމު ސިނަމާތަކަށް ގެންނާނީ އަންނަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ. އުމުރުން 35 އަހަރުގެ ޖެނީލިއާ އަކީ ހިންދީ، ތަމަޅަ އަދި ތެލުގޫ ފިލްމުތައްވެސް ކުޅެފައިވާ ތަރިއެކެވެ.

ޕާކާ ގަލަމުގެ އިޝްތިހާރަކުން އަމީތާބް ބައްޗަން އާއިއެކު ފުރަތަމަ ފެނުނު ޖެނީލިއާ އެންމެ ފުރަތަމަ ކުޅުނު ހިންދީ ފިލްމަކީ 2003 ވަނަ އަހަރު ދެއްކި "ތުޖެ މޭރީ ކަސަމް" އެވެ. މި ފިލްމު ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ހޯދިއިރު، ހަމަ އެ އަހަރު ދެއްކި "ބޯއީސް" އިންވެސް ޖެނީލިއާގެ އެކްޓިން ހުނަރު ވަނީ ވަރަށް ބޮޑަށް ފާހަގަވެފައެވެ.

ޖެނީލިއާގެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "ޖާނެ ތޫ ޔާ ޖާނެ ނާ"، "ސަތްޔަމް"، "ހެޕީ"، "ދީ"، "ރެޑީ" އަދި "ފޯސް" ހިމެނެއެވެ.