ޚަބަރު

ލ.ފޮނަދޫގައި ފުލުހުންގެ ޚިދުމަތް ދިނުމަށް ޕޮލިސް ސްޓޭޝަނެއް ތަރައްޤީކުރަނީ


ލ.ފޮނަދޫގައި ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅައިފިއެވެ.

ފޮނަދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲއާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދެވެ. މިރަސްމިއްޔާތުގައި ފުލުހުންގެ އިސްވެރިންނާއި ފޮނަދޫގެ އިސްވެރިންވެސްވަނީ ބައިވެރިވެވަޑައިގެންފައެވެ.


ފުލުހުންގެ ޚިދުމަތް އަތޮޅުތެރޭގައި ފުޅާކުރުމަކީ ސަރުކާރުގެ މުހިއްމު އަމާޒެކެވެ. މިގޮތުން މިހާރު ފުލުހުންގެ ޚިދުމަތް ދެމުން ނުދާ ރަށްރަށުގައި ޕޮލިސް ސްޓޭޝަން ޤާއިމުކޮށް ފުލުހުންގެ ޚިދުމަތް ދިނުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މިއީ މީގެކުރިން ސެންޓްރަލް ނިޒާމެއްގެ ދަށުން ދެވެމުން އައި ޚިދުމަތެއް ނަމަވެސް ސަރުކާރުގެ މިހާރުގެ އަމާޒަކީ ފުލުހުންގެ ޚިދުމަތް ވީހާވެސް ބޮޑަށް ރައްޔިތުންނާއި ގާތުން ފޯރުކޮށްދީ ލާމަރުކަޒީ ޚިދުމަތެއް ފަހިކޮށްދިނުމެވެ.

މީގެ އެންމެ ބޮޑު މަޤްސަދަކީ މުޖުތަމަޢުގައި ކުށް މަދުކުރުމަށް ފުލުހުންނާއި ޢާއްމުން ގުޅިގެން ކުރެވޭ މަސައްކަތް އިތުރުކޮށް ކުށް މަދު މުޖުތަމަޢެއް ބިނާކުރުން ކަމަށް ސަރުކާރުން ވިދާޅުވެއެވެ. މިވޭތުވެދިޔަ އަހަރުތަކުގައި ފުލުހުންގެ ޚިދުމަތް ކުރިން ނެތް އެތައް ރަށެއްގައި ސަރުކާރުންވަނީ ޚިދުމަތް ދޭންފަށާފައެވެ.