ޚަބަރު

އިންސާފަށް ވާސިލްވުމަށް ޢަބްދުﷲ ރަޝީދުގެ ޕޯސްޓްމޯޓަމް ހަދަންވަނީ ނިންމާފަ: އެން.އައި.ސީ


ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވި ޢަބްދުﷲ ރަޝީދުގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާ ކަމަށް މިމައްސަލަ ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަނުން ނެރުނު ނޫސް ބަޔާނެއްގައިވަނީ މިމައްސަލައިގައި އިންސާފަށް ވާސިލްވުމަށް މުހިންމުކަމަކަށްވާތީ ތަހްޤީގުގެ ބޭނުމަށް ކަނޑައެޅިފައިވާ އިޖްރާއަތުގެ ދަށުން ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާ ކަމަށެވެ.

އަންގާރަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވި ގދ.ހޯޑެއްދޫ ސްވެން ޢަބްދުﷲ ރަޝީދުގެ މަރުގެ މައްސަލަ ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަނުން އިސްނަގައިގެން ޖިނާއީ ތަޙްޤީގެއް ދަނީ ކުރަމުންނެވެ. މިމައްސަލައިގެ ތަޙުގީގު ކުރަނީ ފުލުހުންނާ އެކީ ގުޅިގެން ހިންގާ ތަޙްޤީގެއްގެ ގޮތުގައި ކަމަށް އެކޮމިޝަނުން ހާމަކުރެއެވެ. އަދި ތަޙްޤީގުގައި ލީޑިން އިންވެސްޓިގޭޓަރގެ ދައުރު އަދާކުރާނީ ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަނުން ކަމަށާއި، ތަޙްޤީގުގައި ފުލުހުންގެ ހަމައެކަނި މައިގަނޑު ދައުރަކީ ކޮމިޝަންގެ ތަޙްޤީގަށް އެހީތެރިވުންކަމަށް އިންޓަރގްރިޓީ ކޮމިޝަނުން ހާމަކުރެއެވެ.

ޢަބްދުﷲ ރަޝީދުގެ މަރާއި ގުޅިގެން ޢާއިލާގެ ކަންބޮޑުވުން ހުރިނަމަވެސް ޢާއިލާއިން އޭނާގެ ޕޯސްޓްމޯޓަމް ހަދަން ބޭނުން ނުވާކަންވަނީ ހާމަކޮށްފައެވެ.

ޢަބްދުﷲ ރަޝީދު ނިޔާވެފައިވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އޭނާގެ މެއަށް ތަދެއް އަރައި ސީޒަރގެ ޢަލާމާތްތަކެއް ފެނުމާއި ގުޅިގެން އޭނާ ގދ.މަޑަވެލި ސިއްޙީ މަރުކަޒަށް ގެންދިޔަ މަގުމަތީގައިކަމަށް ފުލުހުންވަނީ މީގެކުރިން ވިދާޅުވެފައެވެ. އަދި އޭނާ ސިއްޙީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް މަޑަވެލި ސިއްޙީ މަރުކަޒުން އޭނާ ބެއްލެވި ޑޮކްޓަރުންނާއި ޙަވާލާދީ ފުލުހުން އޭރުވަނީ ވިދާޅުވެފައެވެ.

ފުލުހުން ޤާނޫނާއި ގަވާއިދާ ޚިލާފުވެއްޖެނަމަ އެމައްސަލަ ބެލުމުގެ ޤާނޫނީ ބާރު ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަނަށް ލިބިގެންވެއެވެ. އެންއައިސީގެ އިތުރުން މިމައްސަލަ ބެލުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިންވެސް އަންނަނީ ޙަރަކާތްތެރިވަމުންނެވެ. މިމައްސަލައިގައި ފުލުހުންގެ އިހުމާލެއް ވާނަ މުވަތަ އަނިޔާވެރިވެފައިވާކަމަށް ތަޙުގީގަށް ސާބިތުވެއްޖެނަމަ މިމައްސަލައިގައި ހިމެނޭ ފުލުހުންނާއި މެދު ފިޔަވަޅު އަޅުއްވާނެކަމަށް ހޯމް މިނިސްޓަރ ޢިމްރާންވަނީ ވިދާޅުވެފައެވެ.