ޚަބަރު

މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް ރާއްޖެ ވަޑައިގެންފި


މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ އިސްމާޢީލް މެންކް ރާއްޖެ ވަޑައިގެންފިއެވެ.

އިސްލާމިކް މިނިސްޓްރީގެ ދަޢުވަތަކަށް މުފްތީ މެންކް ރާއްޖެ ވަޑައިގަތީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ. މުފްތީއަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ދެންނެވީ، އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ޢަލީއެވެ. އަދި އިސްލާމިކް މިނިސްޓްރީގެ އިސްބޭފުޅުންވަނީ މަރުޙަބާދެންނެވުމަށް ވަޑައިގަންނަވާފައެވެ.

މުފްތީގެ މިދަތުރުފުޅުގައި ރާއްޖޭގެ ތިން ސަރަޙައްދެއްގައި ދަރުސްދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މާލެއާއި ހުޅުމާލޭގެ އިތުރުން އައްޑޫސިޓީއާއި ފުވައްމުލައް ސިޓީގައި ދަރުސްދެއްވުމަށްވަނީ ހަމަޖެހިފައެވެ.


މުފްތީގެ ދަރުސް މާދަމާ ރޭ މާލޭ ކާނިވާ ސަރަޙައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު ފުވައްމުލަކުގައި ދަރުސްދެއްވާނީ ހޮނިހިރު ދުވަހުގެ ރޭގައެވެ. އަދި އައްޑޫގައި ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ އާދިއްތަ ދުވަހުގެ ރޭގައެވެ. އަދި ހޯމަ ދުވަހުގެ ރޭ ހުޅުމާލޭގައި ދަރުސް ދެއްވުމަށްވެސްވަނީ ހަމަޖެހިފައެވެ. މާދަމާ އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރުކުރުމަށްވެސް ހަމަޖެހިފައިވަނީ މުފްތީ މެންކްކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. މުފްތީގެ ދަރުސްތައް ޕީއެސްއެމްގެ ޗެނަލްތައް ކަމަށްވާ ޓީވީއެމް، ދިވެހިރާއްޖޭގެ އަޑު، ދީނުގެ އަޑު އަދި މުންނާރު ޗެނަލުން ވަގުތުން ގެނެސްދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި ސޯޝަލް މީޑިއާ މެދުވެރިކޮށްވެސް ލައިވްކުރުމަށްވަނީ ހަމަޖެހިފައެވެ.

މުފްތީ އިސްމާޢިލް މެންކްއަކީ މުޖުތަމަޢުގައި ހުންނަ ގިނަ މައްސަލަތަކަކާއި ގުޅޭގޮތުން ދަރުސްދެއްވާ އިސްލާމް ދީނުގެ އުސޫލުތައް ބަޔާންކޮށްދެއްވާ ވަރަށް މަޤުބޫލު ބޭފުޅެކެވެ. އިސްލާމީ ދުނިޔޭގައި ވަރަށް މަޝްހޫރު ބޭފުޅެއްގެގޮތުގައި މުފްތީ މެންކް ފާހަގަވެފައިވާއިރު މިއީ އޭނާ ރާއްޖެ ވަޑައިގެންނެވި 4 ވަނަ ފަހަރެވެ.