ދައުލަތުގެ އާމްދަނީ އިތުުރުކޮށް އިޤްތިސާދީ ޙާލަތު ރަނގަޅުކުރުމަށް ޓެކްސްއަށް ގެންނަން ހުށަހަޅާފައިވާ ބަދަލަށް ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ޓީމުން ތާއިދުކޮށްފިއެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ މުވައްޒަފުންގެ ޖަމުއިއްޔާއިން ނެރުނު ބަޔާނުގައި ބުނީ ދައުލަތުގެ އާމްދަނީ އިތުރުކޮށް އިޤްތިސާދީ ހާލަތު ރަނގަޅުކޮށް މުވައްޒަފުންގެ މުސާރަ އިތުރުކޮށް އަސާސީ ޙިދުމަތްތަށް ޤާއިމްކުރުމަށް ވިޔަފާރިތަކުން ޓެކްސް އިތުރު ކުރުމަށް ސަރުކާރުން ހުށަހަޅާފައިވަނީ މުހިންމު އިސްލާހެއްކަމަށެވެ. އަދި ޓޫރިސްޓުން އަތުން ނެގޭ ޓެކްސް (ޓީޖީއެސްޓީ) އިތުރުކުރުމާއި، ވިޔަފާރި ފާއިދާއިން ނެގޭ ޓެކްސް (ބީޕީޓީ) އަދި ހަމައެހެންމެ އާމްދަނީ އިންނެގޭ ޓެކްސް (އިންކަމް ޓެކްސް) ޕްރޮގްރެސިވްކޮށް އިތުރު ކުރުމަކީ މުޅި ގައުމުގެ އިޤްތިސާދަށް މުހިންމު ކަމެއް ކަމަށާއި، ފަގީރުންނާއި މުއްސަދިންގެ ފަރަގު ކުޑަވެގެންދާނެ ކަމެއްކަމަށްވެސް ޓީމްގެ ބަޔާނުގައި ބުނެފައިވެއެވެ.
ދައުލަތުގެ އާމްދަނީ އިތުރުކޮށް އާންމު ރައްޔިތުންގެ ހާލަތު ރަނގަޅުކުރުމަށް ވިޔަފާރިތަކުން ޓެކުސް ނެގުން އިތުރުކުރުން މުހިންމު ކަމަށް މިޖަމުއްޔާއިން ދެކި ނެރޭބަޔާން! @MohamedNasheed @ibusolih @faya_i @iameeru @Ahmed_hamdhan @LabourPartyMV pic.twitter.com/iXQXMcKknc
— TEAM (@TEAMmaldives) October 27, 2022
ދައުލަތަށް އެކި ފަރާތްތަކުން ދައްކަންޖެހި ނުދައްކާވާ ޓެކްސް ފައިސާ އާއި ބިމު ކުލީގެ ފައިސާތައްވެސް ދައުލަތަށް ހޯދުމަކީވެސް މުހިންމުކަމެއްކަމަށް ޓީމުގެ ބަޔާނުގައި ބުނެފައިވެއެވެ.
ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވަނީ ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތައަށް އަދި ޓޫރިޒަމް ދާއިރާގެ ޓީޖީއެސްޓީ 12 އިންސައްތަ އިން 16 އިންސައްތަ އަށް ބޮޑުކުރުމަށެވެ. މި ބަދަލާއި ގުޅޭގޮތުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ބައެއް ފަރާތްތަކުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
އެހެންނަމަވެސް އިޤްތިސާދު އިތުރަށް ކުރިއަރުވައި، ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް މި ބަދަލު ގެނައުމަކީ މުހިއްމު ކަމެއް ކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ. އަދި ކޯވިޑްގެ އެންމެ ދަތި ހާލަތުގައި ވިޔަފާރިތަކަށާއި ރިސޯޓްތަކަށް ސަރުކާރުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދިންއިރު، މިވަގުތަކީ ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުން ހިފަހައްޓާއި، އާމްދަނީ އިތުރުކުރުމަށް ކޮންމެހެންވެސް ޓެކްސްއަށް ބަދަލު ގެންނަންޖެހޭ ދަނޑިވަޅެއްކަމަށް އިޤްތިޞާދީ މާހިރުންވެސް ބުނެއެވެ.