ޚަބަރު

ދިވެހިންގެ އެއްބައިވަންތަކަމަކީ ދިވެހިން ޤަބޫލުކުރާ އިސްލާމީ އަޤީދާ: ރައީސް


ދީނީ ޢަޤީދާގެ ސަބަބުން ދިވެހިންގެ މެދުގައި އުފެދިފައި އޮތް އެއްބައިވަންތަކަމަކީ ދިވެހިންގެ މިނިވަންކަމާއި ޤައުމީ ސިޔާދަތު ދިފާޢުކޮށްދޭ އެންމެ ވަރުގަދަ އައްޑަނަކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވަނީ މިއަދު ފާހަގަކުރާ ރާއްޖެ އިސްލާމްވި ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ހުރިހާ ރައްޔިތުންނަށް ފޮނުއްވާފައެވެ.

ދިވެހި ތާރީޚުން ފެންނަން އޮތް ގޮތުގައި އިސްލާމްދީނުގެ ހިދާޔަތުގެ އަލިކަން ދިވެހި ޤައުމަށް ލިބުނީ ހިޖުރައިން 548ވަނަ އަހަރުގެ ރަބީޢުލް އާޚިރު މަހުގެ 2ވަނަ ދުވަހުއެވެ. އެއީ މީލާދީން 1153ވަނަ އަހަރުއެވެ. މިއަހަރު ދިވެހިން މި ފާހަގަކުރަނީ ރާއްޖެ އިސްލާމްވިތާ 896 އަހަރު ފުރުމުގެ މުނާސަބާއެވެ. ދުވަހާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުކުރައްވާފައެވެ.


ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ އިސްލާމްދީން ގެނެސްދިން ރިވެތި ސިފަތަކާއި ހަމަތަކުގެ މަތީގައި ސާބިތުވެ ތިބުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި އިސްލާމް ދީނަކީ ޞުލްޙަޔާއި ހަމަޖެހުމާއި އެކުވެރިކަމުގެ ދީންކަން ފާހަގަކުރައްވައި އެސިފަތައް މުޖްތަމަޢުގައި ދެމެހެއްޓުމަށްޓަކައި ކޮންމެ ކަމެއްގައި ވެސް ތެދު ބަހުން ވާހަކަ ދެއްކުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ހަމަ އެހެންމެ، ކަންކަމުގެ ޙަޤީޤަތް އެނގި ތިބެ، މަޞްލަޙަތު ނަގައިލުމަށްޓަކައި އޮޅުވާލައިގެން ވާހަކަ ނުދެއްކުމަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ޚާއްޞަގޮތެއްގައި އިލްތިމާސްކުރެއްވިއެވެ.

"ސިޔާސީ ގޮތުންނާއި އިސްތިޢުމާރީ ގޮތުން، މި ސަރަޙައްދުގައި އުފެދުނު ކޮންމެ ކޮޅިގަނޑެއްގެ އަސަރު މި ރާއްޖެއަށް ވެސް ފޯރި. އެކަމުގެ ދަތިތައް، އެކި ދުވަސްވަރު އެކި މިންވަރަށް ދިވެހިންވެސް ތަޙައްމަލުކުރަން ޖެހުނު. ނަމަވެސް، އެއިން ކޮންމެ ކޮޅިގަނޑަކުން ދިވެހިން ސަލާމަތްކޮށްދިނީ، އަޅުގަނޑުމެންގެ މެދުގައި އޮތް އެއްބައިވަންތަކަން. ދިވެހިންގެ މިނިވަންކަމާއި ޤައުމީ ސިޔާދަތު ދިފާޢުކޮށްދިން އެންމެ ވަރުގަދަ އައްޑަނައަކީ، ދީނީ ޢަޤީދާގެ ސަބަބުން ދިވެހިންގެ މެދުގައި އުފެދިފައި އޮތް އެއްބައިވަންތަކަން." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މިއަދުވެސް އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ދިވެހިންގެ ދީނީ ޢަޤީދާ ރައްކާތެރިކުރުމަށްކަމަށް ވިދާޅުވިއެވެ. ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަކުރާއިރު، އެ މަތިވެރި ދީން ގެނެސްދިން ރިވެތި ސިފަތަކާއި ހަމަތަކުގެ މަތީގައި ސާބިތުވެ ތިބުމަށް ޚާއްޞަ ސަމާލުކަމެއްދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސްކުރައްވާފައެވެ.