ބާރުގަދަ ތޫފާނެއް ކަމުގައިވާ ސިތްރަންގު ބަންގްލަދޭޝްގެ ސަރަޙައްދުތަކަށް އެރުމުގެ ސަބަބުން ކުރިމަތިވި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 24އަށް އަރައިފިއެވެ. މި ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ އެ ޤައުމުގެ ދެކުނުގެ ސަރަޙައްދުތަކަށެވެ. ތޫފާނާ ގުޅިގެން މިލިޔަނަކަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައެވެ.
މި ތޫފާނާ ގުޅިގެން ބަންގްލަދޭޝްގެ ދެކުނުގެ ސަރަޙައްދުތަކަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އަދި، 10 މިލިޔަނަށްވުރެ ގިނަ މީހުންނަށް ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައެވެ. އަދި، ގިނަ ހިސާބުތަކުން މުވާސަލާތީ ޚިދުމަތްތައް ވަނީ ކެނޑިފައެވެ. ތޫފާނާ ގުޅިގެން އެ ސަރަޙައްދުގެ ސްކޫލްތަކާއި އޮފީސްތައް ވަނީ ބަންދު ކޮށްފައެވެ.
މި ތޫފާނާ ގުޅިގެން މަރުވި މީހުންގެ ތެރެއިން ގިނަ ބަޔަކު މަރުވީ ވައިބާރުވެ ރުއްގަސް ވެއްޓުމުގެ ސަބަބުން ކަމުގައި ބަންގްލަދޭޝް ސަރުކާރުގެ އޮފިޝަލެއް ކަމުގައިވާ ޖެބުން ނަހާރު ވިދާޅުވިއެވެ. އަދި، ޖުމުނާ ކޯރުގައި ދަތުރު ކުރަމުންދިޔަ ބޯޓެއް ފެތި، ދެ މީހަކު މަރުވި ކަމަށާއި، އިތުރު ބޯޓެއްގައި ހުރި މީހަކު ވެއްޓި ލިބުނު އަނިޔާތަކުގައި މަރުވި ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ބިން ހިއްކުމުގެ މަޝްރޫޢެއްގައި ބޭނުންކުރާ ޑްރެޖަރެއް ފެތުމުގެ ސަބަބުން އޭގައި މަސައްކަތް ކުރަމުންދިޔަ އަށް މީހުން ގެއްލިފައިވާ ކަމަށާއި، އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި ވެސް ބަންގްލަދޭޝްއިން ބުނެއެވެ. އެ ޑްރެޖަރު ފެތިފައި ވަނީ ބޭ އޮފް ބެންގާލް ކަނޑުގެ ސަރަޙައްދަށެވެ.
ބަންގްލަދޭޝްގެ ދެކުނު އައްސޭރިފަށުގައި ދިރިއުޅޭ އެތައް ހާސް ބަޔަކު ބަދަލު ކޮށްފައި ވަނީ ވަގުތީ ހިޔާތަކަށް ކަމުގައި އެ ޤައުމުގެ ޑިޒާސްޓަރ މެނޭޖްމަންޓާ ބެހޭ ވުޒާރާގެ ސެކްރެޓަރީ ކަމްރުލް އަޙުސަން ވިދާޅުވިއެވެ. ތޫފާނާ ގުޅިގެން 10,000 އަށްވުރެ ގިނަ ގެދޮރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. އަދި، ޑިނގާ ހައްދާ 1,000 އަށްވުރެ ގިނަ ދަނޑު ހަލާކުވެފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
މި ތޫފާނާ އެކު ބަންގްލަދޭޝްގެ ގިނަ ސަރަޙައްދުތަކަކަށް ވަނީ ބޯކޮށް ވާރޭވެހި، ފެންބޮޑުވެފައެވެ. ފެންބޮޑުވެފައިވާ ރަށްތަކުގެ ތެރޭގައި ވެރިރަށް ޑާކާގެ އިތުރުން ޚުލްނާއާއި ބަރިސަލް ހިމެނެއެވެ. އެ ސަރަޙައްދުތަކަށް 324 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމުގައި އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ.
ބަންގްލަދޭޝަށް ހިޖުރަ ކޮށްފައިވާ މިޔަންމާގެ ރޮހިންޖާ ދަރިކޮޅުގެ މީހުން ބައިތިއްބާފައި ތިބޭ ރަށަކަށް ވެސް ތޫފާނުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ނަމަވެސް، ބޭ އޮފް ބޭންގާލްގައި އޮންނަ އެ ރަށުގައި ދިރިއުޅޭ ރޮހިންޖާ ދަރިކޮޅުގެ މީހެއްގެ ފުރާނައަށް ނުރައްކާތެރިވި ކަމުގެ ރިޕޯޓެއް ކޮށްފައެއް ނެތެވެ.
ތޫފާނުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބުނު އެއް ސަރަޙައްދު ކަމުގައިވާ ބަރިސާލްގެ ގިނަ އަދަދެއްގެ ދަނޑުބިންތައް ތޫފާނާ ގުޅިގެން ވަނީ ހަލާކުވެފައެވެ. މި ތޫފާނުގެ އަސަރު އަވަށްޓެރި އިންޑިޔާއަށް ވެސް ކުރިއެވެ. އަދި، އިންޑިޔާގެ ހުޅަނގު ބެންގާލް ސްޓޭޓްގައި އެތަކެއް ހާސް ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރަން ޖެހުނެވެ.
ބޭ އޮފް ބެންގާލްއަކީ ނުރައްކާތެރި ތޫފާންތައް އުފެދޭ ސަރަޙައްދެކެވެ. މިދިޔަ އަހަރު އެ ސަރަޙައްދުގައި އުފެދުނު ބާރުގަދަ ތޫފާނެއް ކަމުގައިވާ ޔާސްއާ ގުޅިގެން އިންޑިޔާގެ އިރުމަތީ އައްސޭރިފަށުގެ ސަރަޙައްދުތަކުން މިލިޔަނަކަށް ވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރަން ޖެހުނެވެ. ކެޓެގަރީ ދޭއްގެ ބާރުމިނުގައި އެރި އެ ތޫފާނާ އެކު 155 ކިލޯމީޓަރަށް ވައިބާރުވިއެވެ.
2020 ވަނަ އަހަރު ނުރައްކާތެރި ތޫފާނެއް ކަމުގައިވާ އަމްފާން ވަނީ ބަންގްލަދޭޝާއިން އިންޑިޔާގެ ސަރަޙައްދުތަކަށް އަރާފައެވެ. އެ ތޫފާނާ ގުޅިގެން ހިނގި އެކި ހާދިސާތަކުގައި 100އަށްވުރެ ގިނަ މީހުން މަރުވިއެވެ. އަދި، އެތައް މިލިޔަން ބަޔަކު ހާލުގައި ޖެހުނެވެ.