ޚަބަރު

ކެންޔާގައި ޕާކިސްތާނުގެ ނޫސްވެރިއެއް މަރާލި މައްސަލަ ތަހުޤީޤު ކުރަނީ


ކެންޔާގައި ދިން ހަމަލާއެއްގައި ޕާކިސްތާނުގެ ނޫސްވެރިއެއް ކަމުގައިވާ އަރުޝަދު ޝަރީފް މަރާލި މައްސަލައިގެ ފުރިހަމަ ތަހުޤީޤެއް ހިންގާނެ ކަމުގައި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ހާމަކުރައްވައިފިއެވެ. ޕާކިސްތާނުގެ ނޫސްވެރިއެއް އަދި މަޝްހޫރޫ ޓީވީ ޕްރެޒެންޓަރެއް ކަމުގައިވާ ޝަރީފް ކެންޔާއަށް ގޮސްފައި ވަނީ، އޭނާއާ ދެކޮޅަށް ޕާކިސްތާނުގެ ސަރުކާރުން އުފުލާފައިވާ ދައުވާތަކުން ސަލާމަތްވުމަށެވެ.

"އަރުޝަދު ޝަރީފު މަރައިލި މައްސަލައިގެ ފުރިހަމަ ތަހުޤީޤެއް ހިންގުމަށް ޚާއްޞަ ކޮމިޝަނެއް އެކުލަވައިލަން އަޅުގަނޑު ނިންމައިފިން. އޭނާ މަރައިލި މައްސަލައިގެ ދެފުށް ފެންނަ ފުރިހަމަ ތަހުޤީޤެއް ހިންގާނަން،" ޝެހެބާޒް ޝަރީފް ވިދާޅުވިއެވެ.

އަރުޝަދު ޝަރީފް މަރުވީ ކެންޔާގެ ފުލުހުން ދިން ބަޑީގެ ހަމަލާތަކެއްގައެވެ. ކެންޔާގެ ފުލުހުން ބުނީ، އޭނާ ދަތުރު ކުރަމުންދިޔަ ކާރަށް ބަޑިޖަހައި ހަމަލާ ދީފައި ވަނީ އޮޅުމަކުން ކަމުގައެވެ. އަދި، އެ ވަގުތު ފުލުހުން ހަރަކާތްތެރިވަމުން ގޮސްފައި ވަނީ، މީހަކު ވަގަށް ނެގުމުގެ ހާދިސާއަކާ ގުޅޭ ބަޔަކު ހޯދުމުގެ އޮޕަރޭޝަނެއްގައި ކަމަށް ވެސް ކެންޔާގެ ފުލުހުން ބުނެއެވެ.

ޝަރީފަކީ މަޤާމުން ދުރުކޮށްފައިވާ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނަށް ތާޢީދު ކުރާ ނޫސްވެރިއެކެވެ. އަދި، ޕާކިސްތާނުގެ އަސްކަރިއްޔާއަށް ވަރަށް ބޮޑަށް ފާޑުކިޔާ، އަސްކަރިއްޔާއާ ދެކޮޅު ޚަބަރުތަކާއި މަޢުލޫމާތު ފެތުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިއެކެވެ. މި ކަމާ ގުޅިގެން އޭނާއަށް މަރުގެ އިންޒާރުތައް ލިބިފައިވާ ކަމުގައި ޚާނަށް ތާޢީދު ކުރާ މީހުން ބުނެއެވެ.

ޝަރީފް ކެންޔާއަށް ގޮސްފައި ވަނީ ހުސްވި އޮގަސްޓު މަހުގެ ތެރޭގައެވެ. ކެންޔާއަށް ފުރުމުގެ ހަފުތާއެއްހާ ދުވަސް ކުރިން އޭނާ ވަނީ ޕާކިސްތާނުގެ އިދިކޮޅު ޕާޓީއަކަށް ނިސްބަތްވާ މީހެއް ކަމުގައިވާ ޝެހެބާޒް ގީލްއާ އިންޓަރވިއުކޮށް، އިންޓަރވިއު ޢާންމު ކޮށްފައެވެ.

އެ އިންޓަރވިއުގައި ގީލްވަނީ ޕާކިސްތާނުގެ އަސްކަރިއްޔާއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އަދި، އަސްކަރިއްޔާގެ އިސްވެރިންގެ އަމުރުތަކަށް ތަބަޢަނުވުމަށް ސިފައިންނަށް ގޮވައިލާފައެވެ. އޭނާގެ އިންޓަރވިއު ޢާންމު ކުރުމާ ގުޅިގެން، ޝަރީފް މަސައްކަތް ކުރާ ޓީވީ ޗެނަލްއާ ދެކޮޅަށް ސަރުކާރުން ވަނީ ފިޔަވަޅު އަޅާފައެވެ.

މި ހާދިސާއާ ގުޅިގެން ޝަރީފް ހައްޔަރު ކުރުމަށް ކޯޓު އަމުރެއް ނެރުނެވެ. އަދި، ގީލް ވެސް ވަނީ ހައްޔަރު ކޮށްފައެވެ. އޭނާ ހައްޔަރު ކުރުމާ ގުޅިގެން ޚާން ވަނީ ޕާކިސްތާނުގެ ކޯޓުތަކަށް ފާޑު ވިދާޅުވެފައެވެ. އަދި، އެ ކަމާ ގުޅިގެން އޭނާ ވެސް ވަނީ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ކޮށްފައެވެ.

ކޮރަޕްޝަންގެ މައްސަލައަކާ ގުޅިގެން ޕާކިސްތާނުގެ އިލެކްޝަންސް ކޮމިޝަނުން ވަނީ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ބާއްވާ އެއްވެސް އިންތިޚާބެއްގައި ވާދަ ކުރުމުގެ ފުރުޞަތު ވެސް ޚާނަށް ބަންދު ކޮށްފައެވެ. އެ ކޮމިޝަނުން މި ގޮތަށް ނިންމާފައި ވަނީ، ވެރިކަމުގައި ހުންނެވިއިރު ހަދިޔާގެ ގޮތުގައި ލިބުނު މުދަލާ ގުޅޭ ގޮތުން އިތުރުފުޅު ހެއްދުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހުއެވެ.