ޚަބަރު

އިންތިޤާލީ އިންސާފުގެ އޮފީހުން ނިންމި މައްސަލަ: ގިނައީ އިޤްތިޞާދާއި އިޖްތިމާޢީ މައްސަލަތައް


އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހެޅުނު ގިނަ މައްސަލަތަކެއް މިހާތަނަށް ތަޙުޤީޤުކޮށް ނިމިފައިވާކަމަށް އެ އޮފީހުން ހާމަކޮށްފިއެވެ.

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަކީ، 1953ގެ ޖެނުއަރީ މަހުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17ގެ ނިޔަލަށް ހިނގާފައިވާ އިންސާނީ ހައްގުތަކާއި ކަރާމާތާއި ގުޅުންހުރި މައްސަލަތައް ބެލުމަށް، ޤާނޫނުން ބާރުލިބިގެން އުފައްދާފައިވާ އޮފީހެކެވެ.

އެއޮފީހަށް މައްސަލަ ހުށައެޅުމަށް 13 ޖޫން 2021ގައި ހުޅުވާލި 3 މަސް ދުވަހުގެ މުއްދަތުގައި ޖުމްލަ 489 މައްސަލަ ހުށައެޅިއެވެ. އޭގެތެރެއިން އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް އޯ.ޓީ.ޖޭގެ އޮފީހުގެ އިޚްތިޞާޞްގެ ތެރެއިން ބެލުމަށް ނިންމާފައިވަނީ 455 މައްސަލައެކެވެ.

މީގެ ތެރެއިން މިހާތަނަށް 111 މައްސަލައެއްގެ ތަޙުޤީޤުކޮށް ވަނީ ނިމިފައެވެ. އޯ.ޓީ.ޖޭއިން ތަޙުޤީޤުކޮށް ނިމިފައިވާ މައްސަލަތަކުގެ ތަފްސީލް އެއޮފީހުންވަނީ ހިއްސާކޮށްފައެވެ.

އޯ.ޓީ.ޖޭއިން ތަޙުޤީޤުކޮށް ނިމިފައިވާ މައްސަލަތައް:

* އިޤްތިޞާދީ އަދި އިޖުތިމާޢީ ޙައްޤާ ގުޅޭ 64 މައްސަލަ
* ޤާނޫނާއި ޚިލާފަށް ހައްޔަރުނުކުރުމާއި ބަންދުނުކުރުމުގެ ޙައްޤާ ގުޅޭ 23 މައްސަލަ
* މަސައްކަތްކުރުމުގެ ޙައްޤާ ގުޅޭ 21 މައްސަލަ
* އަދުލުވެރިކަމާއެކު އިދާރީ ފިޔަވަޅުތައް އެޅުމުގެ ޙައްޤާ ގުޅޭ 1 މައްސަލަ
* ޒާތީ ދިރިއުޅުމުގެ ޙައްޤާ ގުޅޭ 1 މައްސަލަ
* ލާއިންސާނީ އަދަބު ނުދިނުމުގެ ޙައްޤާ ގުޅޭ 1 މައްސަލަ

މިހާރު ތަޙުޤީޤު މަރުޙަލާ ނުނިމި ހުރި މައްސަލަތަކުގެ ތަޙުޤީޤު، ޤާނޫނާއި ގަވާއިދާ އެއްގޮތަށް ކުރިއަށްގެންގޮސް ކުރިއަށް އޮތް ދުވަސްތަކުގައި ނިންމާލުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް އޯ.ޓީ.ޖޭ އިން ކުރާނެކަމަށް އެ އޮފީހުން ވަނީ ވިދާޅުވެފައެވެ.

އަދި، އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދެވަނަ ބާބުގެ 27 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެ މަތިން ސުލްޙަކުރުމުގެ މަސައްކަތްވެސް ދައުލަތުގެ އިދާރާތަކާ ގުޅިގެން އެއޮފީހުން ދަނީ ކުރަމުންނެވެ.

އޯޓީޖޭއިން ހާމަކޮށްފައިވާގޮތުގައި ޤައުމީ މަސްލަހަތުގެ އިތުރުން، ގިނަ ރައްޔިތުންނާ ގުޅުން ހުރި މައްސަލަތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވާ 7 މައްސަލައެއްވެސް އެ އޮފީހުން ބެލުމަށްވަނީ ނިންމާފައެވެ. މީގެތެރޭގައި ތިނަދޫން މީހުން ބޭލި ހާދިސާވެސް ހިމެނެއެވެ.