ޚަބަރު

ސްޓޭންޑް ބަދަލުކުރީ ރާއްޖެއިން ޤަބޫލްކުރާ އުސޫލާ އެއްގޮތަށް، މިކަމުން ލިބޭނެ ގެއްލުމެއް ނެތް


މޮރިޝަސް އާއި ޗާގޯސް މައްސަލާގައި ރާއްޖޭގެ ސްޓޭންޑް ބަދަލުކުރީ ރާއްޖެއިން ގަބޫލުކުރާ ޑީކޮލޮނައިޒޭޝަން އުސޫލާ އެއްގޮތަށް ކަމަށާއި، އެކަމުން ލިބޭނެ އެއްވެސް ގެއްލުމެއް ނެތް ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި، ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯޒް އައިލެންޑްސްއަކީ މޮރިޝަސްގެ ތަނެއްގެ ގޮތުގައި ބޭއްވުމާއި މެދު ރާއްޖެއިން ދެކެމުން އައި ގޮތް ބަދަލުކޮށް މޮރިޝަސް އާ އެއްކޮޅަށް ވޯޓު ދިނުމަށް ނިންމައި އެކަން އިއުލާންކުރުމާއި އެކު ސަރުކާރަށް ބޮޑެތި ފާޑުކިޔުންތައްވަނީ އަމާޒުވެފައެވެ. އަދި މިނިންމުމުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭނެ ކަމަށް ބުނެ ކަންބޮޑުވުން ވެސް ވަނީ ފާޅުކޮށްފައެވެ.

ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ މި ނިންމުމަކީ ސަރުކާރުގެ ޚާރިޖީ ސިޔާސަތު އެންމެ ފުރިހަމައަށް ތަންފީޒުކޮށް ރާއްޖެއިން ގަބޫލުކުރާ ޕްރިންސިޕަލް ކަމުގައިވާ ޑީކޮލޮނައިޒޭޝަންއާ އެއްކޮޅަށް ނިންމި ނިންމުމެއް ކަމަށެވެ. އަދި މި ނިންމުމުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލޭނެ ބައެއް ނެތް ކަމަށާއި، ގައުމަށް ވާނެ ގެއްލުމެއް ވެސް ނެތްކަމަށް މިއުވާން ވިދާޅުވިއެވެ.

"ހަމަ ތިބެފައި ވިދާޅުވަނީ ގެއްލޭނޭ ގެއްލޭނޭ. ކޯޗެއްތޯ ގެއްލެނީ؟ ކޮން ގެއްލުމެއްތޯ ލިބެނީ؟" މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ މިކަމުގައި ރާއްޖެއަށް ވާނެ އެއްވެސް ގެއްލުމެއް ނެތް އިރު، މި ނިންމުމުގެ ސަބަބުން ރާއްޖެއަށް ފައިދާ ބޮޑު ކަމަށެވެ. އެއްކަމެއްގެ ގޮތުން އޭނާ ފާހަގަކުރެއްވީ މޮރިޝަސްއާ ދެކޮޅަށް އަރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ އިރު އެއީ މައިނޯރިޓީ ކަމަށެވެ. ރާއްޖޭގެ ވޯޓަކުން އެ ނިންމުމަކަށް އެއްވެސް ބަދަލެއް ނާންނާނެކަން އޭނާ ފާހަގަކުރެއްވިއެވެ. އެއާ ޚިލާފަށް ރާއްޖެއަށް ބައިނަލްއަގުވާމީ މުޖުތަމައުގައި ވާނެ ފައިދާތައް ބޮޑުކަން މިއުވާން ފާހަގަކުރެއްވިއެވެ.

"ލިބޭ ފައިދާ އަކީ ޑީކޮލޮނަލައިޒޭޝަން އަކީ އަޅުގަނޑުމެން ގަބޫލުކުރާ ޕްރިންސިޕަލް އެއް. އެ ޕްރިންސިޕަލް އަޅުގަނޑުމެން އަނެއްކާ އިތުރަށް ދަމަހައްޓަނީ. ބައިނަލްއަގްވާމީ ގޮތުން އަޅުގަނޑުމެންނާއި އެހެން ގައުމުތަކާއި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެން މިދަނީ. މޮރިޝަސް އާ އެއްކޮށް މަސައްކަތް ކުރުމަށް އިތުރަށް ފަސޭހަވެގެން މިދަނީ." މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ މި ނިންމުމަކީ ރާއްޖެއާއި މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޮ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ކުރިއަށްދާ މައްސަލައާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން ކަމަށެވެ. އެ މައްސަލަ އަކީ މާ ކުރިން ފަށައިގެން ހިނގަމުން އަންނަ ކަމެއް ކަމަށާއި، ލިޔެކިޔުންތައް ރަނގަޅަށް ބަލާލުމުން ވެސް އެކަން ހާމަވާނެ ކަމަށެވެ. އެހެންވެ އެ ދެ ކަންތައް ގުޅުވައިގެން ދައްކަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ އިޓްލޮސްގައި ކުރިއަށްދާ މައްސަލާގައި ރާއްޖެއިން އަދިވެސް މަސައްކަތްކުރަމުން އަންނަނީ ރާއްޖެއަށް އެންމެ ފައިދާ ބޮޑު ގޮތަށް ކަމަށެވެ. އެގޮތުން މިހާރު ކުރަމުންދާ މަޝްވަރާތަކުގެ ޒަރިއްޔާއިން ފޯޅަވަހި ބައިކުރާއިރު ކުރިން ރާއްޖެއަށް ލިބުމަށް އެއްބަސްވީ ސަރަހައްދު އިތުރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިއުވާން ވިދާޅުވިއެވެ.