ކުޅިވަރު

ފުރަތަމަ ފަހަރަށް ޓޯވް ސްޕޯޓްސް އިންސްޓްރަކްޓާ ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފި


ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ޓޯވް ސްޕޯޓްސް އިންސްޓްރަކްޓާ ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ކުރެއްދޫ އައިލެންޑް ރިސޯޓުގައި ކުރިއަށްދިޔަ މި ކޯހަކީ މޯލްޑިވްސް ސުޕަ ޓްރާންސްފާ ސާވިސް (އެމްއެސްޓީއެސް) އާއި ބްރިޓިޝް ވޯޓާ ސްކީ އެންޑް ވޭކްބޯޑް ފެޑަރޭޝަން (ބީޑަބްލިއުއެސްޑަބްލިއު) އާ ގުޅިގެން ކުރިއަށްގެންދިޔަ ކޯހެކެވެ.

މި ކޯސް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި ވޯޓާ ސްޕޯޓްސްގެ ދާއިރާގައި މަސައްކަތް ކުރާ ޒުވާނުންނަށާއި ޓޫރިސްޓުންނަށް ޓޯވް ސްޕޯޓްސް ކުޅިވަރު ހިންގުމުގައި ބޭނުން ކުރެވޭ ސޭފްޓީ ސްޓެންޑަޑްތައް ދަސްކޮށްދިނުމާއެކު، އެ ކުޅިވަރުތައް ގެސްޓުންނަށް ދަސްކޮށްދިނުމުގެ ހުނަރުތަށް އިންސްޓަރަކްޓަރުންނަށް އުގަންނައި ދިނުން ކަމަށް އެމްއެސްޓީއެސްއިން ބުނެއެވެ.

މި ކޯހުގައި 10 އިންސްޓްރަކްޓަރުން ބައިވެރިވިއިރު، އެ 10 ބައިވެރިންވެސް ވަނީ ކޯސް ފުރިހަމަކޮށް ސެޓްފިކްޓް ހާސިލުކޮށްފައެވެ. މި ކޯހުގައި ކިޔަވައިދިނީ ބްރިޓިޝް ވޯޓާ ސްކީ އެންޑް ވޭކްބޯޑް ފެޑަރޭޝަން ކަމުގެ ތަޖުރިބާ ލިބިފައިވާ މާހިރުންނެވެ.

ކޯސް ނިމުމުގެ ރަސްމިއްޔާތު އަންގާރަ ދުވަހު ބޭއްވިއިރު، މި ރަސްމިއްޔާތުގައި ކްރައުން އެންޑް ޗަޕްމާ ރިސޯޓްސްގެ އިސްވެރިޔާ މުޙައްމަދު މޫސާ (އުއްޗު) ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އެ ރަސްމިއްޔާތަށްފަހު "ޕީއެސްއެމް ސްޕޯޓްސް" އަށް ދެއްވި އިންޓަވިއުއެއްގައި ކްރައުން އެންޑް ޗަޕްމާ ރިސޯޓްސްގެ ޗީފް އޮޕަރޭޓިން އޮފިސާ މުޙައްމަދު ޞަލާހު ވިދާޅުވީ މިއީ ވަރަށް ރަނގަޅު ފެށުމެއް ކަމަށާއި، މިއީ ރާއްޖެ ކަހަލަ ގައުމަކަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ރާއްޖޭގައި ވޯޓާ ސްޕޯޓްސްގެ ދާއިރާގައި އުޅޭ ގިނަ ކުދިންނަށް މަދުވަނީ މިކަހަލަ ތަޖުރިބާއެއް ކަމަށާއި، މި ކޯހުގެ ސަބަބުން އެ ކުދިންނަށް އެ މައުލޫމާތާއި ތަޖުރިބާ ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެމްއެސްޓީއެސްގެ މެނޭޖިން ޑިރެކްޓާ މަސީހް އިމާދު ވިދާޅުވީ މި ކޯހާ ދޭތެރޭގައި ވަރަށް ޕޮޒިޓިވްކޮށް ދެކޭ ކަމަށާއި، ކޯސް ކުރިއަށްގެންދިޔުމައި މޫސުމުގެ ދަތިކަން ދިމާވި ނަމަވެސް، ކޯހުގެ ބައިވެރިން ވަރަށް ރަނގަޅަށް އެކަންކަން މެނޭޖުކުރި ކަމަށެވެ. އަދި މި ކޯހާއެކު ކުރިއަށް އޮތް ތަނުގައި ބޭނުމަކީ މީގެ އިތުރު ލެވަލްތަކުގެ ކޯސްތައް ބޭއްވިގެން ދިޔުން ކަމަށްވެސް ވިދާޅުވިއެވެ.

މި ކޯހުގެ ބައިވެރިއެއް ކަމަށްވާ އަބްދުﷲ މުއީދު ބުނީ މިއީ ވަރަށް ރަނގަޅު ކޯހެއް ކަމަށާއި، އެގޮތުން ކޯހުގެ ތެރެއިން ހުރިހާ ކުދިންނަށްވެސް ވަރަށް ގިނަ އައު ކަންކަން ދަސްވެގެން ދިޔަ ކަމަށެވެ. އަދި މިއީ ކުރިއަށް އޮތް ތަނުގައިވެސް ބާއްވަން ވަރަށް ރަނގަޅު ކޯހެއް ކަމަށްވެސް ވަނީ ބުނެފައެވެ.

އެމްއެސްޓީއެސްއިން މައުލޫމާތުދޭ ގޮތުގައި މި ކޯހަކީ ކުރިމަގުގައި ކޮންމެ އަހަރަކުވެސް ހިންގުމަށް ހަމަޖެހިފައިވާ ކޯހެކެވެ. އެމްއެސްޓީއެސް އަކީ ރާއްޖޭގެ ބައެއް ރިސޯޓުތަކުގައި ވޯޓާ ސްޕޯޓްސް ހިންގަމުންދާ ކުންފުންޏެކެވެ. އަދި އެ ކުންފުންޏަކީ ވީޑީޑަބްލިއުއެސް އާއި ޕަޑީގެ އެކްރެޑިޓޭޝަން ހޯދާފައިވާ ކުންފުންޏެކެވެ.