ފުލުހުންގެ ބަންދުގައި ހުއްޓާ އިއްޔެ މަރުވި މީހާގެ ހަށިގަނޑު މާލެ ގެނެސްފިއެވެ.
ފުލުހުންގެ ބަންދުގައި ހުއްޓާ މަރުވީ ޑްރަގު އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ގދ. ހޯނޑެއްދޫން އިއްޔެ ހައްޔަރުކުރި ތިން މީހުންގެ ތެރެއިން އެ ރަށު އަބްދުﷲ ރަޝީދު (މާޓީ) އެވެ.
ފުލުހުން ބުނީ މި މައްސަލާގައި އޭނާ މަރުވި ގޮތް ޔަގީންކުރުމަށް ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާ ކަމަށެވެ. އެހެންވެ ޕޯސްޓްމޯޓަމަށް ފޮނުވުމަށްޓަކާއި އޭނާގެ ހަށިގަނޑު ރޭ ދަންވަރު މާލެ ގެނެސްފައިވާކަމަށް ބުނެފައިވެއެވެ.
މި މައްސަލާގައި ފުލުހުންގެ އިހުމާލެއްވާ ކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުންފާޅުކުރަމުން އަންނައިރު، އޭނާގެ ހަށިގަނޑު ގެންދިޔަ މަޑަވެލި ސިއްހީ މަރުކަޒު ދޮށުގައި ރޭ ބަޔަކު އިހުތިޖާޖުވެސް ކުރިއެވެ. އެކަމަކު ފުލުހުން ވަނީ އެކަމުގައި ފުލުހުންގެ އިހުމާލެއް ނޯންނާނެކަމަށް ބުނެފައެވެ.
ފުލުހުން ބުނިގޮތުގައި އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ސީޒަރ އެއްގެ އަލާމާތްތައް ފެނުމުންނެވެ. އަދި ފަރުވާއަށް ބޭނުންވާކަން އެނގުނު ހިސާބުން އެއްވެސް ލަސްކުރުމެއް ނެތި މަޑަވެލީ ސިއްހީ މަރުކަޒަށް ގެންދިޔަކަމަށްވެސް ފުލުހުން ބުނެއެވެ.
މިކަމުގައި ފުލުހުން އަމަލުކުރި ގޮތާއި މެދު ސުވާލުއުފައްދާތީ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ މިމައްސަލަ ފުލުހުންނާއި ކަމާއި ގުޅޭ އެހެން އިދާރާތަކަށް ހުށައަޅައިގެން ޕްރޮފެޝަނަލް މިންގަނޑުން ތަޙުގީގުކުރަމުންދާކަމަށެވެ. އަދި މިމައްސަލައިގައި ފުލުހުން އިހުމާލުވެފައިވާކަން ނުވަތަ އަނިޔާވެރި ޢަމަލެއް ހިންގާފައިވާކަން ސާބިތުވެއްޖެނަމަ ފިޔަވަޅު އަޅާނެކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.