ޚަބަރު

ނޮވެމްބަރު 15ގެ ފަހުން ޕާޓީތަކަށް މެންބަރުން ވެއްދޭނީ އައު ފޯމުގައި


އޮޅުވާލައިގެން ސިޔާސީ ޕާޓީތަކަށް މެންބަރުން ވެއްދުމާއި، ޕާޓީތަކުގެ މެންބަރުން އެއްޕާޓީން އަނެއް ޕާޓީއަށް ނޭނގި ބަދަލުކުރުމުގެ މައްސަލަ ހައްލުކުރުމުގެގޮތުން، ފޯމުތަކަށް ގެނައި ބަދަލަށް މިމަހުގެ 15 އިން ފެށިގެން ޢަމަލުކުރަން ފަށާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ޕާޓީތަކަށް މެންބަރުން ވައްދާ ފޯމުތަކަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އިލެކްޝަން ކޮމިޝަނުން މިބަދަލު ގެނައުމަށް ނިންމާފައިވަނީ ޕާޓީތަކުންނާއި، އާންމުންގެ ފަރާތުންވެސް އޮޅުވާލައިގެން ޕާޓީތަކަށް މީހުން ވައްދާ މައްސަލަބޮޑުވެ، މިކަން ހައްލުކުރުމުގެ ބޭނުމުގައެވެ. އެގޮތުން އެކޮމިޝަނުން ވަނީ ތިން ފޯމަކަށް ބަދަލު ގެނެސްފައެވެ.

ބަދަލު ގެނައުމަށް ނިންމާފައިވާ ފޯމުތައް:

* އަލަށް އުފެއްދުމަށް އެދި ހުށަހަޅާ ޕާޓީގެ މެމްބަރުކަމަށް ވުމަށް އެދޭ ފޯމު
- މެމްބަރުކަމަށް ވުމަށް އެދޭ ފޯމު
- ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް ޝަކުވާ ހުށަހަޅާ ފޯމު

އަލަށް އެކުލަވާލި ފޯމުތަކަށް ގެނައި އެންމެ ބޮޑު އެއް ބަދަލަކީ ހެކިންގެ ފިންގާ ޕްރިންޓްވެސް ޖަހަން ޖެހެއެވެ. މިހާރު ސިޔާސީ ޕާޓިތަކަށް މެންބަރުން ވެއްދުމުގައި ހެކިންގެ ގިންގަރ ޕްރިންޓު ޖަހާކަށް ނުޖެއެވެ.

މީގެ އިތުރުން ދެން ގެނައި އަނެއް ބަދަލަކީ ފޯމުގައި ޕާޓީއަށް ވަންނަ މީހާގެ ފޮޓޯއާއި، ސޮއިކުރާ މީހާގެ މަންމަގެ މައުލޫމާތުވެސް ހިމަނަންޖެހުމެވެ. އެއީ މިހާރު ޢަމަލުކުރަމުން އަންނަ ފޯމުތަކުގައި ބޭނުންކުރާ މަޢުލޫމާތުތަކެއް ނޫނެނެވެ. މީގެއިތުރުންވެސް ބައެއް އެހެން ބަދަލުތައްވެސް ފޯމަށް ވަނީ ގެނެސްފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ ފޯމަށް ބަދަލު ގެނެސްފައިވަނީ ސިޔާސީ ޕާޓީތަކާއި މަޝްވަރާ ކުރުމަށްފަހުގައިކަމަށެވެ. އަދި މިހާރު ޕާޓީތަކުން ފުރަމުންދާ ފޯމުތަކާއި ފުރާފައިވާ ފޯމުތައް ނޮވެމްބަރު މަހުގެ ކުރިން އިލެކްޝަނަށް ހުށަހެޅުމަށް މުއްދަތެއް ދީފައިވާކަމަށް ޙަސަން ވިދާޅުވިއެވެ.

ފޯމުތަކަށް ބަދަލު ގެނައުމަށް އިލެކްޝަނުން ނިންމާފައިވާއިރު، ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮތުގައި ދަފްތަރު ކުރުމަށް ސިޔާސީ ޕާޓީތަކުން ހުށަހަޅާ ފަރާތް ތަކުގެ ފޯމު ދަފްތަރު ކުރުމުގެ ކުރިން، އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅިފައިވާ ފޯމުތަކަކީ ޞައްޙަ ފޯމުކަމުގައި ކަށަވަރު ކުރުމަށްޓަކައި ކޮމިޝަނުން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ޝަކުވާއަށް އާންމުކޮށްވެސް ދަނީ ހުޅުވާލަމުންނެވެ.