ޚަބަރު

މިދިޔަ އަހަރުގެ މިހާތަނަށް 9 ލައްކަ، މިއަހަރުގެ މިހާތަނަށް 1.3 މިލިއަން ފަތުރުވެރިން


މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން، އަހަރުގެ މިހާތަަނަށް ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން އައިސްފައިވާއިރު، މި އަދަދަކީ މިދިޔަ އަހަރުގެ މިމުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 978970 ފަތުރުވެރިންނާއި އަޅާ ބަލާއިރު 33.6 އިންސައްތަ އިތުރު އަދަދެކެވެ.

އަދި މި އަދަދަކީ ކޯވިޑުގެ ކުރިން 2019ގެ މި މުއްދަތުގައި ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދާއި އަޅާ ބަލާއިރު 3.9 އިންސައްތަ ދަށް އަދަދެކެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ މިހާތަނަށް ރާއްޖެއަށް ލައްކައަކަށްވުރެ ފަތުރުވެރިން އައިސްފައިވާއިރު، މި އަދަދަކީ މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދާއި އަޅާ ބަލާއިރު އިތުރު އަދަދެކެވެ.

އަހަރުގެ މިހާތަނަށް ކޮންމެ މަހަކު ރާއްޖެއަށް އައި ފަތުރުވެރިންގެ ޢަދަދު:

- ޖެނުއަރީމަހު – 131764 ފަތުރުވެރިން
- ފެބްރުއަރީ – 149008 ފަތުރުވެރިން
- މާރޗު – 150748 ފަތުރުވެރިން
- އޭޕްރީލް – 145280 - ފަތުރުވެރިން
- މޭ – 125522 ފަތުރުވެރިން
- ޖޫން – 110889 ފަތުރުވެރިން
- ޖުލައި – 133561 ފަތުރުވެރިން
- އޮގަސްޓް – 131862 ފަތުރުވެރިން
- ސެޕްޓެމްބަރ – 111986 ފަތުރުވެރިން
- އޮކްޓޯބަރުމަހުގެ މިހާތަނަށް – 117104 ފަތުރުވެރިން

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުތަކަށް ބަލާއިރު، އެންމެ ކުރީގައި އުޅެނީ އަވަށްޓެރި އިންޑިއާއެވެ. އެގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް އައިސްފައިވާ ޖުމްލަ ފަތުރުވެރިންގެ، 14.1 އިންސައްތައަކީ އިންޑިއާ ފަތުރުވެރިންނެވެ. 12.1 އިންސައްތައިގެ ހިއްސާއަކާއެކު ދެވަނައިގައި އޮތީ ރަޝިއާއެވެ. 3 ވަނަ މާކެޓެއްގެ ގޮތުގައި އޮތީ އިނގިރޭސިވިލާތެވެ. ރާއްޖެއަށް އައިސްފައިވާ ޖުމްލަ ފަތުރުވެރިންގެ 11 އިންސައްތަ ހިއްސާއަކީ އިނގިރޭސިވިލާތުން ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 4879 ފަތުރުވެރިން އާދެއެވެ. މި ހިސާބުތަކަށް ބަލާއިރު، މިއަހަރަށް ރާއްޖެއިން ހިފާފައިވާ އަމާޒުކަމުގައިވާއި، 1.6 މިލިއަން ފަތުރުވެރިން ގެނައުމުގެ އަމާޒް ހާސިލްކުރެވޭނެއެވެ.