މިއަހަރުގެ ފުރަތަމަ ކުއަޓާރުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ސާފު ފައިދާގެ ގޮތުގައި 1.94 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑު ކޯރޕުރަޓައިޒޭޝަން ބޯޑުން ނެރެފައިވާ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ "ކުއާޓަރލީ ރިވިއު" ރިޕޯޓުގައި ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މާލީ ހާލަތުތައް ބަޔާންކޮށްފައެވެ. އެގޮތުން ސަރުކާރު ހިއްސާވާ 30 ކުންފުންޏެއްގެ މާލީ ހާލަތު ވަކިވަކިން ވަނީ މި ރިޕޯޓުގައި ހިމަނާފައެވެ.
ފިނޭންސް މިނިސްޓްރީގެ ރިޕޯޓުން ދައްކާގޮތުގައި މިއަހަރުގެ ފުރަތަމަ ކުއަޓަރގައި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ސާފު ފައިދާގެ ގޮތުގައި 1.94 ބިލިއަން ލިބިފައިވާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %66 އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި 1.16 ބިލިއަން ރުފިޔާ ލިބިފައިވާއިރު މިއަހަރުގެ ކުއާޓަރު 1 ގައި ލިބުނު ސާދު ފައިދާއަކީ މިދިޔަ އަހަރާއި އަޅާބަލާއިރު 767 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
މިއަހަރުގެ ފުރަތަމަ ކުއަޓަރގައި އެސްއޯއީތަކުގެ ތެރެއިން ސާފު ފައިދާ އެންމެ ބޮޑަށް ލިބިފައިވާ ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ އެމްއޭސީއެލް، ބީއެމްއެލް، އެޗްޑީސީ، ދިރާގު އަދި އެސްޓީއޯއެވެ. އެއީ ކޮންމެ ކުންފުންޏަކުން ސާފު ފައިދާގެ ގޮތުގައި 100 މިލިއަން ރުފިޔާއަށްވުރެ އިތުރު އަދަދެކެވެ.
މި ރިޕޯޓުން ދައްކާގޮތުގައި މިއަހަރުގެ ފުރަތަމަ ކުއަޓަރގައި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އާމްދަނީގެ ގޮތުގައި 10.27 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު %54 އިތުރު އަދަދެއްކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން މިއަހަރުގެ ފުރަތަމަ ކުއާރޓަރުގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އެސްޓީއޯއަށެވެ. އެސްޓީއޯއަށް ފައިދާގެ ގޮތުގައި 1.88 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އެސްޓީއޯގެ އާމްދަނީ މައިގަނޑު ގޮތެއްގައި އިތުރުވެފައިވަނީ ފިއުލް ވިއްކައިގެން ކުންފުންޏަށް ލިބިފައިވާ އާމްދަނީ އިތުރުވުންކަމަށް ފިނޭންސް މިނިސްޓްރީގެ ރިޕޯޓުން ދައްކައެވެ.
އެސްޓީއޯއަށްފަހު ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އެމްއޭސީއެލްއަށެވެ. އެގޮތުން އެމްއޭސީއެލްއަށް މިއަހަރުގެ ފުރަތަމަ ކުއަޓަރގައި އާމްދަނީގެ ގޮތުގައި 648 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު އާމްދަނީއާއި އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ކުއަޓަރގައި ގިނަ ކުންފުނިތަކަށް ލިބުނު އާމްދަނީ ވަނީ އިތުރުވެފައެވެ. ނަމަވެސް، 7 ކުންފުންޏެއްގެ އާމްދަނީ އެ މުއްދަތުގައި ދަށަށް ގޮސްފައިވާކަން އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.
މީގެ އިތުރުން، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެއްވެސް އާމްދަނީއެއް ނުލިބޭ ހަތަރު ކުންފުންޏެއް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އެއީ ފަހިދިރިއުޅުން ކޯޕަރޭޝަން، ފަންޑު މެނޭޖްމަންޓު ކޯޕަރޭޝަން، ހައްޖު ކޯޕަރޭޝަންގެ އިތުރުން ސްޕޯޓްސް ކޯޕަރޭޝަނެވެ.