ޚަބަރު

ސުޕަރމޭންގެ ރޯލު އަނެއްކާވެސް ހެންރީ ކެވިލް ކުޅެނީ


2013 ވަނަ އަހަރު ދެއްކި "މޭން އޮފް ސްޓީލް" ގައި ސުޕަރމޭންގެ ރޯލު ކުޅެގެން އާންމުންގެ ލޯތްބާއި މަޤުބޫލުކަން ހޯދި އެކްޓަރ ހެންރީ ކެވިލް އަނެއްކާވެސް އެ ރޯލު ކުޅެން އުޅޭކަން ކަށަވަރުކޮށް ދީފައެވެ.

މިކަން ކެވިލް ކަށަވަރުކޮށްދީފައި ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ހިއްސާކޮށްފައިވާ ވީޑިއޯ މެސެޖެއްގައެވެ. އެ ރޯލުން ކެވިލް ފެންނާނެކަމުގެ އިންތިޒާރުގައި ތިބި ފޭނުންނަށް ކެވިލް ވަނީ ޝުކުރުވެސް އަދާކޮށްފައެވެ.


ސުޕަރމޭންގެ ކެރެކްޓާ މީގެކުރިން އެހެން ފިލްމުތަކުގައިވެސް ކެވިލް ވަނީ ދައްކާލާފައެވެ. އެގޮތުން ޑީސީ ފިލްމްސްއިން މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި ޑްވޭން ޖޯންސަން ނުވަތަ ރޮކް ގެ "ބްލެކް އެޑަމް" ގެ ކްލައިމެކްސްގައި ސުޕަރމޭންގެ ގޮތުގައި ކެވިލްގެ ކެމިއޯއެއް ވަނީ ގެނެސްދީފައެވެ.

މިދިޔަ އަހަރު ޑައިރެކްޓަރު "ޖެކް ސްނައިޑާސް ޖަސްޓިސް ލީގް" ގެ އިތުރުން 2017 ވަނަ އަހަރު ގެނެސްދިން "ޖަސްޓިސް ލީގް" ގައި ވެސް ހެންރީގެ ސުޕަރމޭން ކެރެކްޓަރ އެކްސްޓެންޑެޑް ކެމިއޯއެއްގެ ގޮތުގައި ވަނީ ހިމަނާފައެވެ.

ސުޕަރމޭން ކެރެކްޓަރ އިން އަލުން އެނބުރި އަންނަކަން އުމުރުން 39 އަހަަރުގެ ކެވިލް ކަށަވަރުކޮށް ދިން ނަމަވެސް އެ ރޯލުން ދެން ފެންނާނެ ފިލްމާ ބެހޭ އެއްވެސް ވާހަކައެއް އަދި ހިއްސާކޮށްފައެއްނުވެއެވެ. އޭނާ ކުޅުނު "މޭން އޮފް ސްޓީލް" އަކީ 258 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދައި، ބޮކްސް އޮފީހުގައި 668 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.

ކެވިލްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "އެލޯނާ ހޯމްސް 2" އާއި "އާގީލް" ހިމެނެއެވެ.