ދުނިޔޭގެ ވިޔަފާރި

އައިފޯނު 14 ޕްލަސް އުފެއްދުން އެޕަލްއިން މަދުކުރަނީ


ޑިމާންޑް ދަށްވުމުގެ ސަބަބުން އައިފޯނު 14 ޕްލަސް އުފެއްދުން މަދުކުރަމުން ދާ ކަމަށް މާކެޓް ރިސާޗް ކުންފުނި ޓްރެންޑްފޯސްއިން ބުނެފިއެވެ.

އައިފޯނު 14 ޕްލަސް އުފެއްދުން މަދުކުރި ނަމަވެސް އެއަށްވުރެ މާ އަގުބޮޑު މޮޑެލްއެއް ކަމަށްވާ އައިފޯނު 14 ޕްރޯގެ އުފެއްދުންތައް އިތުރުކުރަން ނިންމާފައިވާ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

އައިފޯން 14 ޕްރޯ ސީރީޒްގެ ހިއްސާ ފުރަތަމަ ޕްލޭންކުރި 50 ޕަސެންޓުން 60 ޕަސެންޓަށް އިތުރުވެފައިވާއިރު، ކުރިއަށް އޮތްތަނުގައި 65 ޕަސެންޓަށް އިތުރުވެދާނެ ކަމަށް ޓްރެންޑް ފޯސްއިން ބުނެއެވެ. މިކަމާއި ގުޅިގެން އެޕަލްއިން އަދި ވަކި އެއްޗެއް ރަސްމީކޮށް ހާމައެއް ނުކުރެއެވެ.

އެމެރިކާގެ އިންޓަރެސްޓް ރޭޓް މަތިވުމުން ކޮންސިއުމަރ ޚަރަދުތައް ކުޑަވެ، 2023 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އައިފޯނަށް އޮތް ޑިމާންޑް ދަށްވެދާނެކަމަށްވެސް އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

އާންމުކޮށް އެޕަލްގެ ބެސްޓް ސެލަރ ކަމަށްވާ ބޭސް މޮޑެލްއަށް ޑިމާންޑް ދަށްވިނަމަވެސް އައިފޯން 14 ޕްރޯ އަދި ޕްރޯ މެކްސް ވަރޝަންތައް ވިއްކަނީ ބާރު ސްޕީޑެއްގައިކަމަށް ދިރާސާކުރާ ފަރާތްތަކުން މީގެ ކުރިން ވަނީ ބުނެފައެވެ.

އެމެރިކާއާއި ޗައިނާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން އިތުރުވަމުން ދާތީ، ޗައިނާގައި ފޯނު އުފައްދާ މިންވަރު މަދުކުރުމުގެ ގޮތުން އައިފޯނު 14 ގެ އެންމެ ފަހުގެ މޮޑެލްތައް އިންޑިއާގައި އުފައްދަން ފަށާނެކަމަށް އެޕަލްއިން މިދިޔަމަހު ވަނީ ބުނެފައެވެ.

ޓްރެންޑްފޯސްއިން ލަފާކުރާ ގޮތުގައި އިންޑިއާއިން އެޕަލްގެ އުފެއްދުންތަކުގެ ހިއްސާ 2023 ވަނަ އަހަރު %5 އަށް އިތުރުވާނެކަމަށާއި އަދި ކުރިއަށްހުރި އަހަރުތަކުގެ ތެރޭގައި އެ އަދަދު އަދިވެސް އިތުރުވާނެކަމަށެވެ.