ޚަބަރު

"ލައިގާ" އަށްފަހު ކަރަންގެ ފިލްމެއް އަނެއްކާވެސް ވިޖޭއަށް


މިދިޔަ އޮގަސްޓު މަހުގެ ފަހުކޮޅު ރިލީޒްކުރި ސައުތު އިންޑިއަން ސިނަމާގައި މަޤުބޫލު ވިޖޭ ދެވެރަކޮންޑާގެ ހިންދީ ފިލްމު "ލައިގާ" އަކީ ބޮޑު ފްލޮޕެކެވެ. ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަނުން ޕްރޮޑިއުސްކޮށްފައި މި ފިލްމުގައި ވިޖޭއާއެކު ދެން ފެނުނީ އަލަށް ވިދަމުން އަންނަ ތަރި އަނަނިޔާ ޕާންޑޭއެވެ.

"ލައިގާ" ފްލޮޕް ވިޔަސް ކަރަންގެ އައު ފިލްމަކަށް އަނެއްކާވެސް ވިޖޭ ސޮއިކޮށްފައިވާކަމަށް އިންޑިއާގެ މުނިފޫހިފިލުވައިދޭ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ ނަމާއި ޑައިރެކްޓަރު އަދި ހާމަނުކުރާ އެ ފިލްމަކީ ލޯބީގެ ވާހައަކަށް ހަދަން ނިންމާފައިވާ ފިލްމެއް ކަމަށެވެ. މިކަމާ ބެހޭ ގޮތުން ދަރުމާ އިން އަދި ވަކި އެއްޗެއް ނުބުނެއެވެ. އެކަމަކު ކަރަން އަކީ މިހާރު ވިޖޭގެ ވަރަށް ގާތް މީހެކެވެ. 2019 ވަނަ އަހަރު ދެއްކި ވިޖޭގެ "ޑިއާ ކޮމްރޭޑް" ގެ ރައިޓްސްވެސް ކަރަން ވަނީ ގަނެފައެވެ.

ހިންދީ ސިނަމާއަށް ވިޖޭ ތަޢާރަފްވި ފިލްމު ކަމަށްވާ "ލައިގާ" އަކީ ޕޫރީ ޖަގަންނަދު ޑައިރެކްޓްކުރި ސްޕޯޓްސް އެކްޝަން ފިލްމެކެވެ. ބެލުންތެރިންނަށް އެއްގޮތަކަށްވެސް ކަމުދިޔަ ފިލްމަކަށް މި ފިލްމު ނުވިއިރު، 90 ކްރޯޑް ރުޕީސްގެ ބަޖެޓަކުން އުފެއްދި މިފިލްމަށް ބޮކްސް އޮފީހުގައި ލިބުނީ 60 ކްރޯޑް ރުޕީސްގެ އާމްދަނީއެކެވެ.

ލައިގާ" ގެ ނާކާމިޔާބީއާ ގުޅިގެން ވިޖޭ ސޮއިކޮށްފައި އޮތް ޖަގަންދުގެ ތެލެގޫ ފިލްމު "ޖާނާ މާނާ ގާނާ" ވެސް ވަނީ ހުއްޓާލާފައެވެ. ވިޖޭ މިހާރު މަސައްކަތް ކުރަމުން އަންނަނީ ސަމަންތާ ރޫތު ޕްރަބޫއާ އެކީ ކުޅޭ ޑައިރެކްޓަރު ޝިވާ ނިރްވާނާގެ ރޮމޭންޓިކް ކޮމެޑީ "ހުޝީ" ގެ މަސައްކަތެވެ. އެ ފިލްމު އަންނަ ޑިސެމްބަރު މަހު 23 ގައި ސިނަމާތަކަށް ގެންނާނެއެވެ.