ޚަބަރު

ފިލްމުތަކުން ޖާގަ ހޯދަން ލާރި ދޭ ހާ ތަނަވަހެއް ނޫން: ޖާންވީ


ބޮލީވުޑް ނެޕޮޓިޒަމްގެ ވާހަކައަކީ އަބަދުވެސް ވަރަށް ވައިގައި ހިފާ ވާހަކައެކެވެ. ސްޓާރ ކިޑްސްއަށް ބޮލީވުޑް ފިލްމުތައް ލިބޭ ވާހަކައާއި ފިލްމު ހޯދަން ޕްރޮޑިއުސަރުންނަށް ފައިސާ ދޭ ވާހަކައި އިތުރުން ހުނަރެއް ނެތަސް ސްޓާ ކިޑްސް އަށް ފިލްމުތައް ދޫކޮށްލާ ވާހަކައެވެ.

މިގޮތަށް ފާޑުކިޔުންތައް އަމާޒުވެފައިވާ އެއް "ސްޓާ ކިޑް" އަކީ އަކީ ޒުވާން ތަރި، ޖާންވީ ކަޕޫރެވެ. ފިލްމީ އާއިލާއަކަށް ނިސްބަތްވުމާ އެކު ބައްޕައަކީ ޕްރޮޑިއުސަރަކަށްވާތީ އާއި މިހާތަނަށް ޖާންވީ ފެނިފައިވާ ފިލްމުތަކުގެ ސަބަބުން، ގިނަ ބަޔަކު އޭނާއަށް ދިމާކުރަނީ ނުފޫޒާއި ބާރުން ރޯލުތައް ހޯދަނީ ކަމަށް ބުނެއެވެ.

ފާޑުކިޔުންތަކަށް ރައްދު ދެމުން ޖާންވީ ބުނީ އޭނާއަށް ފިލްމުތައް ލިބެނީ ކޮންމެވެސް ވަރެއްގެ ހުނަރެއް އޭނާގެ ކިބައިގައި ހުންނަކަން ޕްރޮޑިއުސަރުންނަށް ޤަބޫލުކުރެވޭތީ ކަމަށެވެ. އަންނަ މަހުގެ 4 ގައި ސިނަމާތަކަށް ގެންނަ ޖާންވީގެ އައު ފިލްމު "މިލީ" ގެ ޕްރޮމޯޝަންގެ ތެރެއިން ސިދާތު ކަންނާން އަށް ދިން އިންޓަވިއުއެއްގައި މި ވާހަކަތައް ދައްކަމުން ޖާންވީ ބުނީ ފިލްމު ހޯދަން ޕްރޮޑިއުސަރުންނަށް ދޭނެ ފައިސާއެއް އޭނާގެ އަތުގައިވެސް އަދި އޭނާގެ ބައްޕަގެ އަތުގައިވެސް ނެތް ކަމަށެވެ.

ޖާންވީ ބުނީ އޭނާ އަކީ ސްރީދޭވީގެ ދަރިއަކަށްވީތީ 2018 ގައި ބޮލީވުޑަށް ނުކުތް ފިލްމު "ދަޅަކް" އަށް ވަރަށް ގިނަ ބަޔަކު އިންތިޒާރުކުރި ކަމަށެވެ. އަދި އޭގެ ފަހުން އޭނަ އަށް އިންޑަސްޓްރީގެ މީހުން އެ މީހުންގެ ފިލްމުތަކުން ފުރުސަތު ދެނީ ދެއްކި ހުނަރަށް ރިއާޔަތްކޮށްފައި ކަމަށް ޤަބޫލުކުރާ ކަމަށް ބުންޏެވެ.

ޖާންވީ ބޮލީވުޑަށް ނުކުތް ފިލްމު "ދަޅަކް" އަކީ ބޮލީވުޑްގެ މިހާރުގެ އެންމެ ވަރުގަދަ ސްޓޫޑިއޯތަކުގެ ތެރޭގައި ހިމެނޭ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަން ފިލްމެކެވެ. އަދި ކަރަންއަކީ ޖާންވީއާގެ އާއިލާއާ އަބަދު ވެސް ވަރަށް ގާތް ގުޅުމެއް އޮންނަ މީހެކެވެ. ޖާންވީގެ "ދަޅަކް" އާއެކު އޭނާއަށް އެކްޓްކުރަން ނޭނގޭ ކަމަށް ބުނެ ގިނަ ބަޔަކު ފާޑުކިޔެވެ. އެކަމަކު އޭގެ ފަހުން ނިކުތް ކޮންމެ ފިލްމަކާއެކު ވެސް އޭނާގެ އެކްޓިން ރަނގަޅުކުރަމުންދާ ކަމަށް ބުނެ ޖާންވީއަށް ސަޕޯޓަރުން ދަނީ ތައުރީފްކުރަމުންނެވެ.

އެންމެ ފަހުން ޖާންވީ ފެނިފައި ވަނީ "ގުޑްލަކް ޖެރީ" އިންނެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ ސަވައިވަލް ތުރިލާއެއް ކަމަށްވާ، "މިލީ" އެވެ. އަދި ރާޖްކުމާރު ރާއޯއާއެކު "މިސްޓާ އެންޑް މިސިސް މާހީ" އާއި "ބަވާލް" އިން ވެސް ޖާންވީ ފެންނާނެއެވެ.