ޚަބަރު

މަސްތުވާތަކެތީގެ ބޮޑެއްކަމަށް ތުހުމަތުކުރާ އަރުޝަދު އަނެއްކާވެސް ހައްޔަރުކޮށްފި


ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި އެންމެ ފުޅާދާއިރާއެއްގައި ކުރާކަމަށް ތުހުމަތުކުރާ ގދ.ހޯޑެއްދޫ، އަލޯރާ، އަރުޝަދު ޚާލިދު އަނެއްކާވެސް ހައްޔަރުކޮށްފިއެވެ. ފުލުހުން ވަނީ ބަލަމުންދާ މައްސަލައަކާއި ގުޅިގެން ކޯޓު ޢަމުރެއްގެ ދަށުން އަރުޝަދު ޚާލިދު ހައްޔަރުކޮށްފައިވާކަމަށް ވިދާޅުވެފައެވެ.

އަރުޝަދު ހައްޔަރުކޮށްފައިވާކަން ފުލުހުން ހާމަކޮށްފައި މިވަނީ، ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ގދ.އަތޮޅުގައި ހިންގާ ޚައްޞަ އޮޕަރޭޝަނެއްގައި ބަޔަކު ހައްޔަރުކޮށްފައިވަނިކޮށެވެ. ނަމަވެސް އަރުޝަދު ހައްޔަރުކުރީ މި އޮޕަރޭޝަނުގައިކަމެއް ނޭނގެއެވެ.

އަރުޝަދު އެން،މެ ފުތަމަ ހައްޔަރުކޮށްފައިވަނީ، ސްރީ ލަންކާއިން ދުބާއީއަށް ދިއުމުން، ދުބާއީއަށް އެތެރެވިޔަނުދީ އަނބުރާ ފޮނުވާލުމުންނެވެ. އޭނާ ހައްޔަރުކުރީ ރާއްޖެ އައުމުންކަމަށް އޭރު މަޢުލޫމާތު ލިބިފައިވެއެވެ. އެކަމާ ގުޅިގެން ފުލުހުން އޭރު ވިދާޅުވީ ހައިކޯޓުގެ ޢަމުރެއް ތަންފީޒްކުރުމަށްޓަކައި އަރުޝަދު އެވަގުތު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައިކަމަށެވެ.

އެހެންނަމަވެސް ފުލުން އޭނާ އެއަށްފަހު ބަންދުން ދޫ ކޮށްފައިވަނީ މިމަހުގެ 12 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އޭނާ ބަންދުން ދޫކޮށްލުމާއި ގުޅިގެން ޕީޖީ އޮފީހުން ވިދާޅުވީ، އަރުޝަދު ޚާލިދު ހައްޔަރުކޮށް، ބަންދުކޮށްގެން ކޯޓަށް ހާޟިރުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ދިވެހި ފުލުހުންގެ ޚިދުމަތުގެ މައްޗަށް އަމުރުކޮށްފައިވަނިކޮށް، 12 އޮކްޓޫބަރު 2022 ދުވަހުގެ 19:45އަށް އަރުޝަދު ޚާލިދު އެ ކޯޓަށް ޙާޟިރުކޮށްފައިވަނީ ހައްޔަރުން ދޫކޮށްލައި، އެކަމާ ގުޅޭ ލިޔުމެއް އޭނާއަށް ރައްދުކުރުމަށްފަހުގައި ކަމަށެވެ.

މި ކަމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ޢަމަލުކޮށްފައިވާގޮތް ދިވެހިރާއްޖޭގެ ހައިކޯޓުގެ އަމުރާ ޚިލާފުކަމަށް އެ އޮފީހުން ވިދާޅުވެއެވެ. އެހެންވެ އެކަން ފުލުހުންގެ ބޯޑުގެ ސަމާލުކަމަށް ގެނެސް، ދިވެހިރާއްޖޭގެ ހައިކޯޓުގެ އަމުރާ ޚިލާފަށް އަރުޝަދު ޚާލިދު ބަންދުން ދޫކުރުމަށް ނިންމުމާއި އަދި ބަންދުން ދޫކޮށްލި ލިޔުން ތައްޔާރުކުރި ފުލުސް އޮފިސަރުންގެ މައްސަލަ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އަންގަވާފައިވާކަމަށް ޕީޖީ އޮފީހުން ވިދާޅުވެފައި ވެއެވެ.

އަރުޝަދު ޚާލިދު ހައްޔަރުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން އަމުރު ނެރުމާއެކު، ޕީޖީ އޮފީހުން ގެންދިޔައީ މިކަމުގައި ޢަމަލުކުރަންވީގޮތުގެ އިރުޝާދު ދިވެހި ފުލުހުންގެ ޚިދުމަތަށް ދެމުން ކަމަށާ، އަރުޝަދު ޚާލިދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު، އޭނާ ބަންދުން ދޫކޮށްލުމަށް އެ އޮފީހުން އެއްވެސް އިރުޝާދެއް ދީފައި ނުވާނެކަމަށްވެސް ފުލުހުން ވިދާޅުވެފައި ވެއެވެ. އަދި އޭނާ ބަންދުން ދޫކޮށްލުމާ ގުޅޭގޮތުން ފުލުހުން ޕީޖީ އޮފީހުގެ ލަފަޔަކަށް އެދިފައިވެސް ނުވާ ކަމަށް އެއޮފީހުން ވަނީ ކުރިން ވިދާޅުވެފައެވެ.

ޕީޖީ އޮފީހުން ވިދާޅުވިގޮތުގައި އެކަން ހިނގާފައިވަނީ މައްސަލަ ތަޙުޤީޤުކުރާ ފަރާތާއި، ތަޙުޤީޤުކުރި ޑިޕާޓްމަންޓަށް އެނގުމެއްނެތިއެވެ. މި މައްސަލައިގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުންތަކެއް ގޯސްތަކެއް ހަދާފައިވީނަމަވެސް، މިމައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރާނެ ކަމަށްވެސް ޕީޖީ އޮފީހުން އޭރު ވިދާޅުވެފައި ވެއެވެ. އަދި ސުޕްރީމް ކޯޓުގައި ކުރި އިސްތިއުނާފްގެ މައްސަލަ އެކޯޓުން ވަނީ މިހާރު ބަލައިގެންފައެވެ.

އަރުޝަދު މިދިޔަ އަހަރުގެ ތެރޭގައި ރާއްޖެ ދޫކޮށް ދިޔައީ، އޭނާގެ މައްޗަށް ތުހުމަތުކުރެވުނު މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުނުވެ އޭނާ ދޫކޮށްލުމުންނެވެ. މިދިޔަ އަހަރުގެ ފަހުކޮޅު މާލެއާއި ހުޅުމާލެއިން އަތުލައިގަތް 119 ކިލޯގެ މަސްތުވާތަކެތީގެ އެންމެ އިސްމީހަކީވެސް އަރުޝަދުކަމަށް ފުލުހުން ތުހުމަތުކުރެއެވެ. ނަމަވެސް އޭރު އޭނާ ރާއްޖެއިން ބޭރުގައި ހުރުމުން ހައްޔަރެއް ނުކުރެވެއެވެ.

އަރުޝަދާއި އިތުރު ބައެއްގެ މައްޗަށް އެންމެ ފުރަތަމަ ދައުވާކުރީ، މިދިޔަ އަހަރުގެ ކުރީކޮޅު މާލޭގެ ބައެއް ގެތައް ފާސްކޮށް އަތުލައިގަތް 9 ކިލޯގެ މަސްތުވާތަކެއްޗާއި، 4.6 މިލިއަން ރުފިޔާ ފެނުނު މައްސަލާގައެވެ. އެ މައްސަލާގައި 8 މީހެއްގެ މައްޗަށް ދައުވާ ކުރިނަމަވެސް ކުށް ސާބިތުވީ ދެމީހެއްގެ މައްޗަށެވެ. އަދި އެ މައްސަލަ މިހާރުއޮތީ ހައި ކޯޓުގައެވެ.