ޗާގޮސްއަކީ ރާއްޖޭގެ ތަނެއްކަމަށާއި، އެތަން ދޫކޮށް ނުލެވޭނެކަމަށް ވިދާޅުވެ ފާޑުވިދާޅުވާ ފަރާތްތަކަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް ހޫނު ރައްދެއް ދެއްވައިފިއެވެ.
ރާއްޖެއާއި ޗާގޮސްގެ ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގައި ސަރުކާރުގެ ސިޔާސަތު ބަދަލުވެފައިވާކަމަށް ވިދާޅުވެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވަނީ މަޖިލީހަށް ކުއްލި މައްސަލައެއް ހުށައަޅުއްވާފައެވެ. އެ މައްސަލައިގެ ބަހުސް ހިނގަމުން ދަނިކޮށް ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ އެކަމަށް ވާހަކަފުޅު ދައްކަވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައި 2011 ވަނަ އަހަރު، އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގައި އެޤައުމުގެ ސަރުކާރުގައި ޗާގޮސްއަކީ ރާއްޖޭގެ ތަނެއްކަމަށް ވިދާޅުވެފައިވާނެކަމަށެވެ. ތާރީޚީ ގޮތުން ފޯޅަވައްސަކީ ރާއްޖޭގެ ބައެއްކަމަށް ދައުވާކުރެވޭނެކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން އިމުގެ މައްސަލާގައި ރާއްޖޭގެ ސްޓޭންޑް ބަދަލުކުރިކަމަށް ތުހުމަތުކޮށް ޕީއެންސީގެ ނާއިބު ރައީސް އަދި ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފާއި، ކުރީގެ ބަންޑާރަ ނާއިބު ޑރ.މުޙައްމަދު މުނައްވަރުވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
އެ ވާހަކަތަކަށް ރައްދުދެއްވައި އެމްޑީޕީގެ ޗެއަރޕާސަން އަދި އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް ވަނީ 2011 ވަނަ އޭރުގެ ރައީސުލްޖުމްހޫރިއްޔާ ފޯޅަވައްސަކީ ރާއްޖޭގެ ބަޔެއްކަމަށް ދެކިލައްވާނަމަ މޮރިޝަޝްއާ އެއްބަސްވީ ފޯޅަވައްސާ ރާއްޖެއާމެދު އިންވަކިކުރުމަށްތޯ ސުވާލުކުރައްވާފައެވެ.ހަމަ އެއާއެކު 2017ވަނަ އަހަރު އޭރު އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސްއިން ފޯޅަވައްސަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ކަނޑައެޅިއިރު، އޭރުގެ ސަރުކާރުން އެއީ ރާއްޖޭގެ ބައެއްގެ ގޮތުގައި ދައުވާ ނުކުރެއްވީ ކީއްވެތޯއާއި، ފޯޅަވަހި ރާއްޖޭގެ ތަނެއްގެ ގޮތުގައި ދެކި، ރާއްޖެއަށް އެތަން ގެއްލިގެން ދިޔައިރު އޭރު ޑިފެންސް މިނިސްޓަރު ކަމުގައި ހުންނެވި މިހާރުގެ މަޖިލިސް މެމްބަރު އާދަމް ޝަރީފް ކުރެއްވީ ކީއްތޯވެސް މިނިސްޓަރ ފައްޔާޟް ވަނީ ސުވާލު ކުރައްވާފައެވެ.
2011 ގަ އޭރުގެ ރައީސުލް ޖުމްހޫރިއްޔާ ފޯޅަވައްސަކީ ރާއްޖޭގެ ބަޔެއްކަމަށް ދެކިލައްވާނަމަ ކީއްވެބާ މޮރިޝަޝްއާ އެއްބަސްވީ ފޯޅަވައްސާ ރާއްޖެއާމެދު އިންވަކިކުރުމަށް ؟@MohamedNasheed
— Fayyaz Ismail (@faya_i) October 25, 2022
އިތުރު ޓްވީޓެއްގައި މިނިސްޓަރ ވަނީ 1992 ގައި އޭރުގެ އެޓާރނީ ޖެނެރަލް އިނގިރޭސިވިލާތާއެކު ދިވެހިރާއްޖެއާ ފޯޅަވަހީގެ ބައުންޑަރީ ކަނޑައެޅުމަށް ވާހަކަދެކެވުނީ ކީއްވެތޯ ސުވާލު އުފައްވާފައެވެ.
ރާއްޖޭގެ ދެކުނުން އޮންނަ އޮތް ޗާގޮސް ނުވަތަ ފޯޅަވަހީގެ ކަނޑުގެ ސަރަހައްދާ ރާއްޖެއާއި ފުށޫއަރާކަމަށް ބުނާ މައްސަލައިގައި މޮރިޝަސްއިން އެދޭ ގޮތަށް ދޫނުދޭނެ ކަމަށް ދިވެހި ސަރުކާރުން ވަނީ ވިދާޅުވެފައެވެ. ޗާގޮސްގެ މައްސަލައާއި ގުޅޭގޮތުން އދ.ގެ އާންމު މަޖިލީހުގައި ހުށައަޅާ ގަރާރަށް ރާއްޖެއިން ދެކޮޅު ނުހެދިނަމަވެސް، ކަނޑުގެ އިމުގެ މައްސަލާގައި ބައިނަލްއަގުވާމީ ޓްރައިބިއުނަލްގައި ހިނގަމުންދާ މައްސަލައަށް ރާއްޖޭން މޮރިޝަސް އަށް ދޫނުދޭނެކަން އެޤައުމުގެ ސަރުކާރަށް އަންގާފައި ވާނެކަމަށްވެސް ދިވެހި ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.