ޚަބަރު

މަޖީދިއްޔާގެ ދިގު ތާރީޚުގައި ޚިދުމަތްކުރެއްވި ބޭފުޅުނަށް ޚާއްޞަ ޝަރަފެއް


ރާއްޖޭގެ ރަސްމީ ތަޢުލީމުގެ ފެށުންކަމަށްވާ މަޖީދިއްޔާ ސްކޫލުގެ 95 އަހަރުގެ ދިގު ތާރީޚުގައި އެސްކޫލަށް އެކިގޮތްގޮތުން ޚިދުމަތްކުރެއްވި ފަރާތްތަކުގެ އަގުވަޒަންކޮށްފިއެވެ. އެފަރާތްތަކުގެ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ޚިދުމަތުގެ ޝަރަފުގެ ފިލާ ދެއްވީ،ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙެވެ.

މަޖީދިއްޔާ ސްކޫލްގެ 95 ވަނަ އަހަރީ ދުވަހާއި ގުޅިގެން ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވަނީ އެސްކޫލަށް 25 އަހަރަށްވުރެ ގިނަ މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންނަށް ޚިދުމަތުގެ ޝަރަފު އަރުވާފައެވެ. މިގޮތުން 6 ބޭފުޅަކަށްވަނީ މިޝަރަފު އަރުވާފައެވެ. މަޖީދީއްޔާ ސްކޫލަށް އެކިގޮތްގޮތުން 25 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވުމުގެ ޝަރަފު އަރުވާފައިވަނީ އަލްއުސްތާޛް މުޙައްމަދު ވަޙީދު ނަޖީބްއާއި، އިސްމާޢީލް ޢަލީއާއި، އަލްއުސްތާޛާ މަރިޔަމް ޤާސިމްއާއި، އައްޝައިޚް ޢަބްދުﷲ ނަސީމް މުޙައްމަދުއާއި، މުޙައްމަދު ޢަބްދުﷲ ސަޢީދުގެ އިތުރުން ޝިރުމީނާ ޢަބްދުﷲއަށެވެ. މިބޭފުޅުންނަށް ޚިދުމަތުގެ ޝަރަފު ދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙެވެ.

މަޖީދިއްޔާ ސްކޫލްގެ 95 ވަނަ އަހަރީ ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ދަރުބާރުގޭގައި ބޭއްވެވި ޚާއްޞަ ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.ޢައިޝަތު ޢަލީ ވިދާޅުވީ މަޖީދިއްޔާއަކީ ރާއްޖޭގެ ތަޢުލީމީ ދާއިރާގެ މުހިއްމު ހިއްސާދާރެއްކަމަށެވެ. މިނިސްޓަރ ވިދާޅުވީ ސްކޫލެއްގެ ކާމިޔާބީ ފާހަގަވެގެންދަނީ އެސްކޫލެއްގެ ދަރިވަރުންގެ ތެރެއިން ޤައުމީ ޚިދުމަތަށް ނުކުންނަ ދަރިވަރުންގެ ނިސްބަތުންކަމަށެވެ. އެގޮތުން ދިވެހި ދައުލަތުގެ އެންމެ ފާހަގަކުރެވޭ މަޤާމުތަކުގައި މަޖީއްދިއްޔާ ސްކޫލަށް ނިސްބަތްވާ ދަރިވަރުން ތިބުމަކީ ސްކޫލްގެ ކާމިޔާބީކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން މަދީޖިއްޔާގެ ފުރަތަމަ 50ގެ އަހަރުތަކަށްވުރެ ދެވަނަ 50ގެ އަހަރުތަށް މަޖީދިއްޔާއަށްވަނީ ވަރަށް ބޮޑު ގޮންޖެހުންތަކެއް ކުރިމަތިކުރުވާފައި. މިޙާލަތުގައި މާޒީގެ ޝަރަފުވެރި ދުވަސްތައް އަނބުރާ ގެނެވިދާނެތޯ؟ މަޖީދިއްޔާގެ މުސްތަޤުބަލަކީ ކޮބައިތޯ؟ އަޅުގަނޑަށް ވިސްނޭގޮތުން އެހެން މަދުރަސާތަކާއި ވާދަކޮށްގެން އެހެން ސްކޫލްތަކުގެ ޙަރަކާތްތައް ނަކަލުކޮށްގެން މަޖީދިއްޔާއަކަށް އުޖަލާމަގެއް ނުކޮށޭނެ. މަޖީދިއްޔާގެ ރަންދުވަސްތައް ގެނެވޭނީ މަޖީދިއްޔާއަށް މަޖީދިއްޔާ ހެދިކަންތައްތަކަށް ރުޖޫޢަވެގެން." އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައިވަނީ ސްކޫލަށް 20 އަހަރަށްވުރެ ދިގުމުއްދަތަކަށް ޚިދުމަތްކުރެއްވި ބޭފުޅުންނަށްވެސް ޚިދުމަތުގެ ޝަރަފު ދެއްވާފައިވެއެވެ. މިގޮތުން 14 ބޭފުޅަކަށް މިޝަރަފުވަނީ ދެއްވާފައިވެއެވެ. މިބޭފުޅުންނަށް ޚިދުމަތުގެ ޝަރަފު ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ. އަދި އެސްކޫލަށް މިވޭތުވެދިޔަ މުއްދަތުގައި އެކި ގޮތްގޮތުން ޚިދުމަތްކޮށްދެއްވި ކުންފުނިތަކަށްވެސްވަނީ ހަނދާނީ ފިލާ ދެއްވާފައެވެ. މިގޮތުން 14 ކުންފުންޏަކަށްވަނީ މިހަނދާނީ ފިލާ ދެއްވިއެވެ. އޭގެ ތެރޭގައި ޕަބްލިކް ސަރވިސް މީޑިއާއަށްވެސްވަނީ ހަނދާނީ ފިލާ ދެއްވާފައެވެ.

މީގެ އިތުރުން މަޖީދިއްޔާ ސްކޫލަށް އެކިގޮތްގޮތުން އެހީތެރިވެދިން 10 ފަރާތަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢައިޝަތު ޢަލީވަނީ ހަނދާނީ ފިލާ ދެއްވާފައެވެ.

މިރަސްމިއްޔާތުގައިވަނީ ކޮފީ ބުކް އަދި ދާރުލްޢުލޫމްގެ މޮޑެލް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ވެދުމަށް އަރުވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްއަށާއި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.ޢައިޝަތު ޢަލީއަށް އެސްކޫލްގެ ދަރިވަރުން ތައްޔާރުކޮށްފައިވާ ކުރެހުންތަކެއްވަނީ ވެދުމައް އަރުވާފައެވެ.

މަޖީދިއްޔާ ސްކޫލަކީ 1927 ވަނަ އަހަރު އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން 3 ވަނައިގެ އިސްނެންގެވުމަކަށް މަދަރުސަތުއް ސަނިއްޔާގެ ނަމުގައި އުފެއްދި ސްކޫލެކެވެ. އެސްކޫލްގެ ނަން މަޖީދިއްޔާ ސްކޫލަށް ބަދަލުކުރެވުނީ 1947ގައެވެ. 60 ފިރިހެން ދަރިވަރުންނާއެކު ކިޔަވައިދޭން ފެށި މިސްކޫލްގެ 95 އަހަރުގެ ދިގު ތާރީޚުގައި އެތައް ސަތޭކަ ކުދިންނަކަށްވަނީ ތަޢުލީމު ފޯރުކޮށް ދީފައެވެ. މިގޮތުން ރާއްޖޭގައި މިހާތަނަށް ރައީސްކަން ކުރެއްވި ހުރިހާ ބޭފުޅުންނަކީ މަޖީދިއްޔާއަށް ނިސްބަތްވާ ބޭފުޅުންނެވެ.