ޚަބަރު

މަޖީދިއްޔާއަކީ ހަމައެކަނި މަދަރުސާއެއް ނޫން، އެއީ މިޤައުމުގެ މިސްރާބު ސީދާކޮށްދޭ ހުންގާނު: ރައީސް


މަޖީދިއްޔާ ސްކޫލަކީ ހަމައެކަނި މަދުރަސާއެއް ނޫންކަމަށާއި، އެއީ މިޤައުމުގެ މިސްރާބު ސީދާކޮށްދޭ ހުންގާނުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މިހުންގާނުގައި މިއަދު ހިފަހައްޓައިގެން ތިބި މަޖީދިއްޔާ ސްކޫލް ދަރިވަރުންނަކީ ޤައުމަށް ފައިދާވާ ފަދަ ހަރުދަނާ ކުދިންތަކަކަށްވުމަށް އެދިވަޑައިގަންނަވާފައެވެ.

މަޖީދިއްޔާ ސްކޫލްގެ 95 ވަނަ އަހަރީ ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން މިރޭ ދަރުބާރުގޭގައި ބޭއްވެވި ޚާއްޞަ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުވަނީ މަޖީދިއްޔާ ސްކޫލުގެ މުއްސަނދި ތާރީޚަށް އަލިއަޅުއްވާލައްވާފައެވެ. އަދި އެސްކޫލުން ކިޔަވައިގެން ނިކުތް ގިނަ ދަރިވަރުންނަކީ ރާއްޖެއަށް އެކި ގޮތްގޮތުން ޚިދުމަތް ކޮށްދެއްވާފައިވާ އަދި ޚިދުމަތްކޮށްދެއްވަމުންގެންދަވާ ބޭފުޅުންކަން ރައީސްވަނީ ފާހަގަކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައިވަނީ އެމަނިކުފާނު އަމިއްލަފުޅަށް މިއަދު ވަޑައިގެންނެވިފައިވާ ހިސާބަށް ވަޑައިގަތުމުގައި މަޖީދިއްޔާ ސްކޫލު މުހިއްމު ދައުރެއް އަދާކުރައްވާފައިވާކަމަށް ވިދާޅުވެފައެވެ.

"މީހުންނަށް އިޙްތިރާމްކުރުމާއި އެހެން މީހުންނަށް އެކުގައި އުޅެން ދަސްކުރުމާއި ދިރިއުޅުމުގައި ބޭނުންވާ މިފަދަ ހުރިހާ ކަމެއް އަޅުގަނޑަށް ލިބުނީ މިހިޔާވަހިކަމުގެ ދަށުންކަމުގައި ދަންނަވަން އަޅުގަނޑަށް ކެރިދާނެ. ސްކޫލްގެ ޕްރިފެކްޓެއްގެ ގޮތުގައާއި ސިކަންދަރީ ހައުސްގެ ކެޕްޓަންގެގޮތުގައާއި ސްކޫލްގެ ގޭމްސް ކެޕްޓަންގެ މަޤާމުގައި ހުރެ އަދާކުރަން ޖެހުނު ދައުރަކީ އަޅުގަނޑުގެ ދިރިއުޅުމުގެ ޢަމަލީ މައިދާނަށް މަގުކޮށައިދިން ކަންކަން." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވީ މިއަދު މަޖީދިއްޔާ ސްކޫލަކީ ހަމައެކަނި މަދުރަސާއެއް ނޫންކަމަށެވެ. މަޖީދިއްޔާގެ ޒިންމާއާއި މަސްއޫލިއްޔަތު އެއަށްވުރެ ފުޅާވެފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މަޖީދިއްޔާއަކީ މިޤައުމުގެ މިސްރާބު ސީދާކޮށްދޭ ހުންގާނުކަމަށެވެ. އަދި އެހުންގާނުގައި މިއަދު ތިބި ދަރިވަރުންގެ ކިބައިން ރައީސްވަނީ ޤައުމު އަމާން އައްސޭރިއަކަށް ގެންގޮސްދެއްވުމުގެ މަތިވެރި ޒިންމާ ހުޝިޔާރުކަމާއެކު ނެގުމަށް އެދިވަޑައިގަންނަވާފައެވެ. އަދި ކޮންމެ ކުއްޖަކަށްވެސް ލިބޭނެ އެންމެ ޝަރަފުވެރި މެޑައްޔަކީ ރިވެތި އަޚްލާޤުކަމަށް ރައީސްވަނީ ވިދާޅުވެފައެވެ. މިގޮތުން ކޮންމެ ދާއިރާއަކުން ކުރިއަށް ދާން އަމާޒު ހިފިކަމުގައިވީނަމަވެސް ރިވެތި އަޚްލާޤަކީ ކޮންމެ ކުއްޖަކަށްވެސް ކޮންމެ މައިދާނެއްގައިވެސް އެހީތެރިވެދޭނެ އަދި ކާމިޔާބު ހޯދައިދޭނެ ބައިވެރިއެއްކަމަށް ރައީސް ވިދާޅުވިއެވެ.


"މަޖީދިއްޔާގެ ފަޚުރުވެރި ޔުނިފޯމުގައި މިއަދު ތިބި ހުރިހާ ދަރިވަރުންވެސް ހަނދާން ބަހައްޓަންވީ އެންމެ މުހިއްމުކަމަކީ މަޖީދިއްޔާއަކީ މިޤައުމުގެ މިސްރާބު ސީދާކޮށްދޭ ހުންގާނުކަން. އެހުންގާނުގައި މިއަދުތިބީ ތިޔަދަރިވަރުން. ޒަމާނީ ތަޢުލީމީ ހަލުވި ދުވެލީގައި އިޖާދީ އުފެއްދުންތެރިކަމުގެ އައްސޭރިއަށް މިޤައުމު ގެންގޮސްދިނުމަކީ ތިޔަ ދަރިވަރުންގެ ޒިންމާއެއް. އަދި ދިވެހި ކޮންމެ ދަރިއެއްގެވެސް ޒިންމާއެއް." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާވަނީ ޤައުމުގައި މިއަދު ހުރި އިޖުތިމާޢީ މައްސަލަތައް ޙައްލުކުރުމުގައި އިސްނަގާނެ ދަރިވަރުންތަކެއް އުފައްދަވާއިދެއްވުމަށް، މަޖީދިއްޔާގެ އިސްވެރިންނާއި ޓީޗަރުންނާއި ބެލެނިވެރިންގެ ކިބައިންވެސް އިލްތިމާސްކުރައްވާފައެވެ.

މަޖީދިއްޔާގެ 95 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްއާއި އުއްތަމަފަނޑިޔާރު އަލްއުސްތާޛް އަޙްމަދު މުއުތަސިމް އަދުނާންއާއި އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢައިޝަތު ޢަލީއާއި ދައުލަތުގެ އިސްވެރިންވަނީ މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާފައެވެ. މީގެއިތުރުން މަޖީދިއްޔާގެ އިސްވެރިންނާއި ޓީޗަރުންނާއި ބެލެނިވެރިންނާއި އެހާރާއި މިހާރުގެ ސްކޫލްގެ ދަރިވަރުންވެސްވަނީ މިރަސްމިއްޔާތުގައި ބައިވެރިވެފައެވެ.