ޚަބަރު

އެފްރިކާގެ އެންމެ އުސް ފަރުބަދައިގައި ރޯވެ އަނދަނީ


އެފްރިކާ ބައްރުގައި ހުންނަ އެންމެ އުސް ފަރުބަދަ ކަމުގައިވާ މައުންޓް ކިލިމަންޖާރޯގެ ސަރަޙައްދެއްގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވައިލުމަށް މަސައްކަތް ކުރަމުން އެބަދެއެވެ. މައުންޓް ކިލިމަންޖާރޯއަކީ ޓެންޒެނިޔާގައި ހުންނަ އަލިފާން ފަރުބަދައެކެވެ.

ފަރުބަދައިގައި ރޯވެފައި ވަނީ ކަރަންގާގެ ނަން ދީފައިވާ ސަރަޙައްދެއްގައެވެ. އެއީ، 4,000 މީޓަރު އުހުގައި އޮންނަ، ފަތުރުވެރިންގެ މެދުގައި މަޝްހޫރު ސަރަޙައްދެކެވެ. އެ ސަރަޙައްދުގައި އަލިފާން ރޯވާން މެދުވެރިވި ސަބަބު އަދި މިހާތަނަށް ދެނެގަނެވިފައެއް ނުވެއެވެ.

ފަރުބަދަ މަތީ ސަރަޙައްދުގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވައިލުމަށް ޓެންޒެނިޔާއިން ވަނީ 300އަށް ވުރެ ގިނަ މީހުންގެ ޓީމެއް އެ ސަރަޙައްދަށް ފޮނުވާފައެވެ. މި ޓީމުގައި އަލިފާން ނިއްވާ މީހުންގެ އިތުރުން ފުލުހުން ވެސް ހިމެނެއެވެ.

ޓެންޒެނިޔާގެ އިރުއުތުރުގައި ހުންނަ މި ފަރުބަދައިގެ އެންމެ އުސް ހިސާބުގައި 5,895 މީޓަރު ހުރެއެވެ. މީގެ ދެ އަހަރު ކުރިން ވެސް މައުންޓް ކިލިމަންޖާރޯގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވެއެވެ. 2020 އޮކްޓޫބަރުގައި ހިނގި މި ހާދިސާގައި 95 އަކަކިލޯމީޓަރުގެ ސަރަޙައްދެއް އަނދާފައިވެއެވެ. އެ އަލިފާންގަނޑު ނިއްވައިލެވުނީ ހަފުތާއަކަށް ވުރެ ގިނަ ދުވަހު ކުރި މަސައްކަތުންނެވެ.

މައުންޓް ކިލިމަންޖާރޯ ހިމެނޭ ސަރަޙައްދުގައިވާ ޖަންގަލީގެ ސަރަޙައްދަކީ ޔުނެސްކޯއިން ހިމާޔަތް ކޮށްފައިވާ ސަރަޙައްދެކެވެ. އެ ސަރަޙައްދުގައި ދިރިއުޅޭ ޖަނަވާރުތަކުގައި ތެރޭގައި ދުނިޔެއިން ނެތިދާނެ ކަމުގެ ބިރު ހީވެފައިވާ ބައެއް ޖަނަވާރުތައް ހިމެނެއެވެ.