ޚަބަރު

އިޓަލީ ވިލާތުގެ ފުރަތަމަ އަންހެން ބޮޑުވަޒީރަކީ ޖޯޖިޔާ މެލޯނީ


އިޓަލީ ވިލާތުގެ ބޮޑުވަޒީރު ކަމުގެ މަޤާމަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު އިންތިޚާބު ކޮށްފިއެވެ. އެ މަޤާމަށް އިންތިޚާބުވެފައި ވަނީ "ބްރަދަރސް އޮފް އިޓަލީ" ޕާޓީގެ ޖޯޖިޔާ މެލޯނީއެވެ. ބޮޑުވަޒީރު ކަމުގެ މަޤާމު ޖޯޖިޔާއާ ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ވެރިކަމުން ވަކިވެވަޑައިގަންނަވާ ކުރީގެ ބޮޑުވަޒީރު މާރިޔޯ ޑްރާގީ ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި މެލޯނީއާއި ޑްރާގީ ވަނީ މުހިންމު މަޝްވަރާތަކެއް ކުރައްވާފައެވެ. މެލޯނީގެ ސަރުކާރު އެކުލަވައިލާފައި ވަނީ ކުރީގެ ބޮޑުވަޒީރު ސިލްވިޔޯ ބަރްލެސްކޯނީގެ ފޯރްޒާ އިޓާލިޔާ ޕާޓީއާއި މަޓޭޔޯ ސެލްވީނީގެ ލީގް ޕާޓީއާ ގުޅިގެންނެވެ.

އޭނާގެ ސަރުކާރުން ފެންނާނެ ކަމަށް ބެލެވޭ ބައެއް ސިފަތަކުގެ ތެރޭގައި، އިމިގްރޭޝަނާ ދެކޮޅަށް މަސައްކަތް ކުރުމާއި، ވިލާތުގެ އިއްތިހާދު (އީ.ޔޫ)އާ ދެކޮޅަށް މަސައްކަތް ކުރުން ހިމެނޭނެ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. އިޓަލީ ވިލާތުގެ ބޮޑުވަޒީރު ކަމުގެ މަޤާމާ މެލޯނީ ހަވާލުވެޑައިގަންނަވާ މި ދަނޑިވަޅަކީ، ތެލާއި ތަކެތީގެ އަގުތައް އުފުލި، އީ.ޔޫ.ގެ ޤައުމުތަކަށް ހަކަތައިގެ ދާއިރާއިން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެކެވެ.

ޔޫކްރެއިނުގައި ރަޝިޔާއިން ކުރަމުންދާ ހަނގުރާމައިއާ ގުޅިގެން ވެސް އީ.ޔޫ.ގެ ކުރިމަގާއި ސަލާމަތާއި ރައްކާތެރި ކަމަށް ވަނީ ހިޔަނިއެޅިފައެވެ. ރަޝިޔާގެ ހަނގުރާމައާ ގުޅިގެން ނޭޓޯއިން ޤަބޫލު ކުރަނީ އެ އިއްތިހާދުގެ މެންބަރު ޤައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވެފައިވާ ކަމުގައެވެ.

އީ.ޔޫ.ގެ ކޮމިޝަނުގެ ރައީސާ އުރްސުލާ ފޮންޑެ ލަޔަން ވެސް ވަނީ މެލޯނީއާ ބައްދަލު ކުރައްވައި، މުހިންމު މަޝްވަރާތަކެއް ކުރައްވާފައެވެ. އަދި، އީ.ޔޫ.އަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލު ކުރެވިދާނެ ގޮތްތަކާ ގުޅެ ގޮތުން ޚިޔާލު ބަދަލު ކުރައްވާފައެވެ.

މެލޯނީގެ ސަރުކާރަށް ކެބިނެޓު މިނިސްޓަރުންގެ ގޮތުގައި 24 ބޭފުޅަކު ވަނީ ޢައްޔަން ކުރައްވާފައެވެ. މެލޯނީއާއި އޭނާގެ ކެބިނެޓު ހުވާ ކުރައްވާފައި ވަނީ ރައީސް ސަރްޖިއޯ މެޓެރެއްޔާގެ ކުރިފުޅުމަތީގައި ވެރިރަށް ރޯމްގައި އޮތް ރަސްމިއްޔާތެއްގައެވެ. މެލޯނީ ވަނީ 2008ވަނަ އަހަރުން ފެށިގެން 2011ވަނަ އަހަރާ ދެމެދު އިޓަލީ ވިލާތުގެ ޒުވާނުންނާ ބެހޭ ވަޒީރު ކަމުގެ މަޤާމު ފުރުއްވާފައެވެ.

2008ވަނަ އަހަރު އިޓަލީ ވިލާތުގައި ބޭއްވި ޢާންމު އިންތިޚާބުގައި މެލޯނީގެ ބްރަދަރސް އޮފް އިޓަލީ ޕާޓީއަށް ކާމިޔާބު ކުރެވުނީ ވޯޓުގެ އެންމެ ހަތަރު އިންސައްތައެވެ. ނަމަވެސް، ސެޕްޓެންބަރު މަހުގެ 25ވަނަ ދުވަހު ބޭއްވި އިންތީޚާބުގައި އެ ޕާޓީން ވަނީ 26 އިންސައްތަ ވޯޓު ކާމިޔާބު ކޮށްފައެވެ.