ޚަބަރު

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވި މީހާގެ މަރުގައި އިޙުމާލެއް އޮތްތޯ ބަލަނީ


ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މިއަދު ނިޔާވި މީހާގެ މަރުގައި އިހުމާލެއް އޮތްތޯ ބަލަމުންދާކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރ ވިދާޅުވީ މިމައްސަލަ ފުލުހުންނާއި ކަމާއި ގުޅޭ އެހެން އިދާރާތަކަށް ހުށައަޅާއިގެން ޕްރޮފެޝަނަލް މިންގަނޑުން ތަޙުގީގުކުރަމުންދާކަމަށެވެ. އަދި މިމައްސަލައިގައި ފުލުހުން އިހުމާލުވެފައިވާކަން ނުވަތަ އަނިޔާވެރި ޢަމަލެއް ހިންގާފައިވާކަން ސާބިތުވެއްޖެނަމަ ފިޔަވަޅު އަޅާނެކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މިއަދު މީހަކު ނިޔާވެފައިވާއިރު ފުލުހުން ވިދާޅުވީ ނިޔާވި މީހާގެ ކިބައިން ސީޒަރގެ ޢަލާމާތްތަކެއް ފެނި އޭނާގެ މެއަށް ތަދެއް އަރައިގެން ގދ.މަޑަވެލި ސިއްޙީ މަރުކަޒަށް ގެންދިޔަކަމަށެވެ. އެހެންނަމަވެސް އޭނާ ސިއްޙީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ޑޮކްޓަރުންނާއި ޙަވާލާދެއްވާ ފުލުހުން ވަނީ ވިދާޅުވެފައެވެ.