ރާޅުގަނޑު ސަރަހައްދު ފަރުމަތީގައި އޮތް ދަގަނޑު އެތަނުން ނެގުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެންވާރަމަންޓް ޕްރޮޓެކްޝަން އެޖެންސީ އީޕީއޭއިން ބުނެފިއެވެ.
ރާޅުގަނޑު ސަރަހައްދުގައި ބޮޑު ދަގަނޑުގަނޑެއް އޮވެ އެ ސަރަހައްދުގެ ފަރަށް ގެއްލުންވާ މައްސަލަ ފެންމަތިވީ ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއަކުންނެވެ. އެ ވިޑިއޯ އާންމުކުރި ފަރާތުން ބުނެފައިވާގޮތުގައި އެއީ ސިނަމާލެ ބުރިޖު އެޅުމުގެ މަސައްކަތުގެ ތެރެއިން އެތަނަށް އެއްލާލާފައިވާ ދަގަނޑު ގަނޑެކެވެ.
ބުރިޖުގެ މަސައްކަތް 2016 އިން ފެށިގެން 2018ގެ ނިޔަލަށް ކުރިއަށްގެންދިޔަ އިރު އޭރު ވެސް އެ ސަރަހައްދަށް ދަގަނޑު ހޮޅިތަކާއި ކުނި އެޅި މައްސަލައެއްގައި އީޕީއޭއިން ވަނީ ހައުސިން މިނިސްޓްރީ ޖޫރިމަނާވެސް ކޮށްފައެވެ. އެ ފަހަރު މިނިސްޓްރީ ޖޫރިމަނާކޮށްފައި ވަނީ އީއައިއޭއާ ޚިލާފުކަމެއް ކުރިއިރު މިނިސްޓްރީން އެއްވެސް ވަރަކަށް ރިޕޯޓުކޮށްފައި ނުވާތީއެވެ.
އެ މައްސަލާގައި 2019 ވަނަ އަހަރު މިނިސްޓްރީ ޖޫރިމަނާކުރި ފަހުން އެތަން ވަނީ ސާފުކޮށްފައެވެ. އެކަމަކު މިހާރު ވެސް އެތަނުގައި އޮތް ދަގަނޑު ހޮޅިއަކީ އޭރު އެތަނަށް އެޅި ކުނިތަކުން އެއްޗެއް ކަމަށް ބުނެއެވެ.
Its one of many metal junk bridge builders threw in the sea during construction. This particular pipe lies near the surf impact zone & when swell picks up, it gets dragged around the reef causing massive damage to the sea floor @EPAMaldives Are you aware of this? pic.twitter.com/MEUFJKVx4C
— ފިއުޗާ ކްލައިމެޓް ރެފިއުޖީ (@rannamaari) October 21, 2022
އީޕީއޭއިން ބުނީ އެ އެޖެންސީގެ ސަމާލުކަމަށް މިކަން އައުމާއެކު އެތަނުން ދަގަނޑު ނަގަން އަންގާފައިވާ ކަމަށެވެ. ޕްލޭނިން މިނިސްޓްރީއާ ހަވާލާދީ އީޕީއޭއިން ބުނީ ސިނަމާލެ ބުރިޖުގެ މަސައްކަތް ހަވާލުކޮށްފައިވާ ޗައިނާގެ ސީސީސީސީ ކުންފުނިން އެ ދަގަނޑު ނެގުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި ޕްލޭނިން މިނިސްޓްރީން އެކަން ގާތުން ބަލަމުން އަންނަކަމަށްވެސް ބުނެއެވެ.
މި ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުކޮށް އީޕިއޭއަށް ޓެގްކޮށް އެމީހާ ބުނީ މިދުވަސްވަރު ނޭޝަނަލް ޖޫނިއާ ޗެމްޕިއަންޝިޕަށް ޓްރެއިންވުމުގެ ގޮތުން އެ ސަރަހައްދުގައި ހަގު ސާފަރުން ޓްރެއިނިންތައް ހަދަމުންދާކަމަށާއި، އެ ދަގަނޑު އޮތީ އެ ކުދިން ރާޅާ އެޅުމަށް އަރާ ތަނުގެ ސީދާ އަޑީގައި ކަމަށެވެ. އެހެންވެ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އެމީހާ ބުނީ ރާޅުނަގާއިރު، އެ ދަގަނޑުގެ ސަބަބުން ފަރަށް އެތައް ގެއްލުންތަކެއްވާ ކަމަށެވެ.