ޚަބަރު

ކަރަންޓުގެ އަގު ކޮންޓްރޯލް ކުރުމަށް ފާއިތުވި 3 އަހަރު 1.8 ބިލިއަނަށްވުރެ ގިނަ ރުފިޔާ


ކަރަންޓުގެ އަގު ކޮންޓްރޯލް ކުރުމަށް ފާއިތުވީ 3 އަހަރު ދުވަހުތެރޭ 1.8 ބިލިއަނަށްވުރެ ގިނަ ރުފިޔާ ސަބްސިޑީގެ ގޮތުގައި، ހޭދަކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދުއަށް ލިޔުމުން ދެއްވި ޖަވާބުގައި ފިނޭންސް މިނިސްޓަރ އިބްރާޙިމް އަމީރުވަނީ ސަބްސިޑީގެ ގޮތުގައި ވަކި ވަކި ދާއިރާތަކަށް ކޮށްފައިވާ ޚަރަދުތަކާއި ޖުމްލަ ޚަރަދުގެ ތަފްސީލްތައް ދެއްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދުވަނީ ކަރަންޓުގެ އަގު ކޮންޓްރޯލް ކުރުމަށް ފާއިތުވީ 3 އަހަރު ދުވަހު، ބަޖެޓުގައި ސަބްސިޑީގެ ގޮތުގައި، ހޭދަވެފައިވާ ޖުމްލަ އަދަދާއި، ސަބްސީޑީ ދޫކުރުމުގައި ކެރިފޯރުންތެރިންނާއި، ފަޤީރުން ބަލާ މިންގަނޑާއި، ސަބްސިޑީސް ދޫކުރުމުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިސްކަން ދޭ އުސޫލާއި ގުޅޭގޮތުން ސުވާލުކޮށްފައެވެ.

މި ސުވާލުތަކަށް ޖަވާބުދެއްވަމުން ފިނޭންސް މިނިސްޓަރ އިބްރާޙިމް އަމީރުވަނީ ދައުލަތުގެ ބަޖެޓުން ކަރަންޓު އަގު ހެޔޮ ކުރުމަށާއި، ސަބްސިޑީއަށާއި، ފެނުގެ އަގު ހެޔޮކުރުމަށާއި، ކާބޯތަކެތި އަގުހެޔޮ ކުރުމަށާއި، ފިއުލް ސަބްސިޑީއަށާއި، ޕްރީ ސްކޫލް ހިންގުމަށް ދޭ އެހީގެ ފައިސާގެ ތަފްސީތައް ދެއްވާފައެވެ.

އެގޮތުން ކަރަންޓުގެ އަގު ހެޔޮ ކުރުމަށް 3 އަހަރުތެރޭ 1.8 ބިލިއަން ރުފިޔާ ބަޖެޓުން ޚަރަދުކޮށްފައިވާ ކަމަށް ހިސާބުތަަކުން ދައްކައެވެ.

ކަރަންޓު އަގު ހެޔޮ ކުރުމަށް ކުރެވުނު ޚަރަދު:

* 2019 ވަނަ އަހަރު- 468498920 ރުފިޔާ (ހަތަރަސްތޭކަ ފަސްދޮޅަސް އަށް މިލިއަން ހަތަރު ލައްކަ ނުވަދިހަ އަށް ހާސް ނުވަސަތޭކަ ވިހި ރުފިޔާ)
* 2020 ވަނަ އަހަރު – 661468454 ރުފިޔާ (ހަސަތޭކަ ފަސްދޮޅަސް އެއް މިލިއަން ހަތަރު ލައްކަ ފަސްދޮޅަސް އަށްހާސް ހަތަރު ސަތޭކަ ފަންސާސް ހަތަރު ރުފިޔާ)
2021 ވަނަ އަހަރު – 735584966 ރުފިޔާ (ހަތްސަތޭކަ ތިރީސްފަސް މިލިއަން ފަސްލައްކަ އަށްޑިހަ ހަތަރު ހާސް ނުވަސަތޭކަ ފަސްދޮޅަސް ހަ ރުފިޔާ)

ރައްޔިތުންނަށް ހެޔޮ އަގުގައި ކާޑުގެ ބާވަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކާބޯތަކެތި އަގުހެޔޮ ކުރުމަށް ކުރެވިފައިވާ ޚަރަދު:

* 2019 ވަނަ އަހަރު – 321042252 ރުފިޔާ (ތިންސަތޭކަ އެކާވީސް މިލިއަން ސާޅީސް ދެހާސް ދުއިސައްތަ ފަންސާސް ދެ ރުފިޔާ)
* 2020 ވަނަ އަހަރު – 422952728 ރުފިޔާ (ހަތަރުސަތޭކަ ބާވީސް މިލިއަން ނުވަ ލައްކަ ފަންސާސް ދެހާސް ހަތްސތޭކަ އަށާވީސް ރުފިޔާ)
* 2021 ވަނަ އަހަރު – 238938307 ރުފިޔާ (ދުއިސައްތަ ތިރީސް އަށް މިލިއަން ނުވަ ލައްކަ ތިރީސް އަށް ހާސް ތިންސަތޭކަ ހަތް ރުފިޔާ)

ދައުލަތުގެ ބަޖެޓުން ސަބްސިޑީގެ ގޮތުގައި ހޭދަކޮށްފައިވާ މިންވަރުވެސް ފިނޭންސް މިނިސްޓްރީން ވަނީ ހިއްސާކޮށްފައެވެ. އެގޮތުން ފާއިތުވި ތިން އަހަރުތެރޭ 4 ބިލިއަނަށްވުރެ ގިނަ ރުފިޔާ ސަބްސިޑީގެ ގޮތުގައި ދައުލަތުގެ ބަޖެޓުންވަނީ ޚަރަދުކޮށްފައެވެ.

ސަބްސިޑީއަށް ކޮށްފައިވާ ޚަރަދު:

* 2019 ވަނަ އަހަރު – 1.3 ބިލިއަން
* 2020 ވަނަ އަހަރު – 1.2 ބިލިއަން
* 2021 ވަނަ އަހަރު – 1.5 ބިލިއަން

ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވީ ކާބޯތަކެތީގެ ސަބްސިޑީގެ 0.1 އިންސައްތަ ފިޔަވައި ދެން ދޭ ހުރިހާ ސަބްސިޑީއަކީ އިންޑައިރެކްޓް ސަބްސިޑީގެ ގޮތުގައި ތަކެތި ނުވަތަ ޚިދުމަތް ފޯރުކޮށްދޭ ފަރާތަށް ދޭ ސަބްސިޑީއެއް ކަމަށެވެ. އެހެންކަމުން މިސަބްސިޑީއަކީ ފަގީރުންނަށް ޚާއްސަކޮށްދެވޭ ސަބްސިޑީގެ ބަދަލުގައި ހުރިހާ އެންމެންނަށްވެސް ލިބޭ ސަބްސިޑީއެކެވެ.

މިހާރު ސަބްސިޑީގެ ފައިދާ ލިބޭ ފަރާތްތަކުގެ ތެރޭގައި މުއްސަނދިންނާއި ބިދޭސީންނާއި ވިޔަފާރިތަކާއި ފަތުރުވެރިންވެސް ހިމެނެއެވެ. އަދި ވިޔަފާރިތަކަށް ދެވޭ ސަބްސިޑީއަކީވެސް ސަބްސިޑީ ހައްގުވާ ހުރިހާ ވިޔަފާރިތަކަށް އެއްވަރަކަށް ދެވޭ ސަބްސިޑީއެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ މެދުވެރިކޮށް ފަގީރު ހާލަތުގައި ދިރިއުޅޭ އާއިލާތަކަށް ކާޑުފޯރުކޮށް ދިނުމުގެ ގޮތުން އެއިދާރާއިން ކާބޯތަކެތީގެ ސަބްސިޑީދެއެވެ. މި ސަބްސިޑީއަށް ޝަރުތު ހަމަވާ އާއިލާއެއް ކަމުގައި ބަލަނީ ރާއްޖޭގެ ޕަވަރޓީ ލައިނަށްވުރެ މަދުން އާމްދަނީ ލިބޭ އާއިލާތަކެވެ. އަދި އެއީ އަމިއްލައަށް އެދުމުން ދެވޭ ސަބްސިޑީއެކެވެ.