ޚަބަރު

މަޖިލިސް ހިންގަމުންދާ ގޮތާއިމެދު މެމްބަރުންގެ ހިތްހަމަނުޖެހުން ރިޔާސަތަށް


ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި، ކޮމެޓީތައް ހިންގުމުގައި މަޖިލީހުގައި އަމަލުކުރަމުންދާ ޤަވާއިދާ ޚިލާފަށް މަޖިލީހުގެ ރިޔާސަތުން ޢަމަލުކުރަމުން އަންނަކަަމަށް ވިދާޅުވެ، މަޖިލީހުގެ މެންބަރުން ނުރުހުން ފާޅުކުރައްވައިފިއެވެ.

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ހުށައަޅާފައިވާ އިޞްލާހާއި ގުޅޭގޮތުން، މަޖިލީހުގައި މިއަދު ކުރިއަށްދިޔަ މުޅި މަޖިލިސް ކޮމެޓީގައި، ކޮމެޓީގެ މުޤައްރިރާއި، މެމްބަރުންނާއިމެދު ވަނީ ޚިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ.

މުޅި މަޖިލީހުގެ ކޮމިޓީގެ ބަހުސް މަރުހަލާގައި ބައެއް މެމްބަރުންވަނީ މިދަނޑިވަޅުގައި ސަރުކާރުން ހުށަހަޅާފައިވާގޮތަށް ޓެކްސް ބޮޑުކުރުމުގެ އިޞްލާހު ފާސްކުރުމަކީ ކުރުމަކީ އިޤްތިޞާދީ ގޮތުންވެސް ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ވިދާޅުވެފައެވެ. ބިލުގެ ބަހުސްގައި މެމްބަރުން ދެއްކެވި ވާހަތަކަށް އިޝާރާތް ކުރައްވައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޓެކްސްގެ ބިލަށް ވޯޓަށް އެހުމުގެ ކުރިން، ކަމާއި ގުޅުންހުރި އިދާރާތައް ކޮމެޓީއަށް މައުލޫމާތު ދެއްވުމަށް ދައުވަތު ދެއްވާފައިވާކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ މިބިލަށް މައުލޫމާތު ސާފު ކުރުމަށްޓަކައި މަޓީ، ފިނޭންސް މިނިސްޓްރީ، ޗެމްބަރު އޮފް ކޮމާސް އަދި ގެސްޓްހައުސް އެސޯސިއޭޝަނަށް ދައުވަތު ދެވިފައިވާކަމަށެވެ.

ނަމަވެސް ބައެއް މެންބަރުން ވަނީ އެކަމާއި ދެކޮޅު ހައްދާފައެވެ. އަދި އެއީ މަޖިލީހުގެ ޤަވައިދު ތަންދޭ ކަމެއް ނޫންކަމަށްވެސް ބައެއް މެންބަރުން ވިދާޅުވަމުން ގެންދެވިއެވެ. ނަމަވެސް ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގެ އިޖުރާއަތުތައް ހިފެހެއްޓުމަކީ މިވަގުތު އެމަނިކުފާނު ކުރައްވާނެ ކަމެއްކަމަށާއި، މަޖިލީހުގެ ރައީސްގެ ގޮނޑީގައި އިންނަވައިގެން ވަކި ގޮތަކަށް ކަންކަން ކުރުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށެވެ.

"ވަކި ސަރުކާރަކަށް ފަހިވާގޮތަށް މިތަނުގެ އިޖުރާއަތުތައް ހިންގުމަކީ އަޅުގަނޑު މިއަދު ކޮށްގެންވާނެ ކަމެއްނޫން. އަޅުގަނޑަށް އެނގޭ އިއްޒަތްތެރި މެމްބަރުގެ ޕާޓީއަށް ފަހިވާގޮތަށް އިއްޒަތްތެރި މެމްބަރު ކަންކަން ކުރައްވަން އެދިވަޑައިގަންނަވާނެކަން. އެހެން ނަމަވެސް އަޅުގަނޑު ކަންކުރާންޖެހޭނެ ގޮތަކީ މިދިވެހި ރާއްޖޭގެ ރައްޔިތުންނަށް އަދި މިދިވެހި ރާއްޖޭގެ ޑިމޮކްރަސީއަށް އެންމެ ރަނގަޅުވާނެ ގޮތުގެ މަތީން." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަތަކާއި ގުޅިގެން މަޖިލީހުގައި ހިމެނޭ އެމްޑީޕީއަށް ނިސްބަތްވާ ގިނަ މެމްބަރުން ވަނީ މަޖިލީހުގެ ގަވާއިދުން ބޭރުން މަޖިލީހުގެ ރިޔާސަތުން ޢަމަލު ނުކުރެއްވުމަށް ދަންނަވާފައެވެ. މަޖިލީހުގެ ތަޅުމުގައިވެސް އަދި ކޮމެޓީތަކުގައިވެސް ޢަމަލު ކުރާނެ އިޖުރާއަތުތަކެއް ކަނޑައެޅިފައި ހުންނަކަމަށާއި، އެއިޖުރާއަތަށް އަމަލު ކުރުމަކީ މުހިންމު ކަމެއްކަމަށް މެމްބަރުން ވިދާޅުވިއެވެ.

"މަޖިލީހުގެ ގަވާއިދުގެ 159 ވަނަ މާއްދާގައި މަޖިލިސް ހިންގުމުގެ ބާރު ހިތުހުރި ގޮތަކަށް ހިންގުމުގެ ބާރެއް ރައީސަށް ލިބިގެން ނުވޭ. ރައީސް ކުރާނެ ގޮތަކަށް ރައީސް ކުރަންވީ. ދެން އަޅުގަނޑުމެން ކަން ކުރާނެގޮތް އެގޭނީ އަޅުގަނޑުމެންނަށް. ރައީސް ޚުދުމުހުތާރުކޮށް މަޖިލިސް ހިންގާކަމަށް ވެއްޖިއްޔާ އަޅުގަނޑުމެން ހިންގާނެގޮތް އެނގޭނީ އަޅުގަނޑުމެންނަށް." މެންބަރު ސަނީފް ވިދާޅުވިއެވެ.

ބިލަށް ވާހަކަ ދައްކަވަމުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ މަޖިލީހުގެ ރައީސް މަޖިލީހުގެ ގަވާއިދުން ބޭރުން އެކި އިދާރާތަކަށް ސިޓީ ފޮނުވުމާއި، މަޖިލީހުގެ ކޮމެޓީތަކަށް މައްސަލަ ފޮނުވުމަކީ ލިބިގެންވާ ބާރެއް ނޫންކަމަށެވެ.

"މިއީ ރައީސް އޮފީހެއްނޫން. މިއީ ރައްޔިތުންގެ މަޖިލިސް. މިތާގަ މަޖިލިސް ސްޕީކަރަކަށް ރައީސް އޮފީސުލްޖުމްހޫރިއްޔާއަށް ލިބިފައި އޮންނަ ބާރުތަކެއް ނޯވޭ. މިތާ މަޖިލިސް ހިންގަވަން ޖެހޭނީ މަޖިލިސް ގަވާއިދާއި އެއްގޮތަށް. މިތާގަ ބާރު އޮންނާނީ މަޖިލިސް މެމްބަރުންގެ. ތިގޮނޑީގަ އިންނަވާ ބޭފުޅަކީ މަޖިލިސް ގަވައިދާއި އެއްގޮތަށް ހިނގާތޯ ބަލަން އިންނަވާ ބޭފުޅެއް. މަޖިލީހުގެ ރައީސަށް ހުންނަވައި މަޖިލީހުން ނުނިންމާ ސިޓީތައް ތަންތަނަށް ފޮނުވައި މަޖިލީހުގެ ނަމުގައި ކޮމެޓީތަކަށް މައްސަލަ ފޮނުވައި މިކަންކަމެއް ނުކުރެއްވޭނެ." ރޮޒައިނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ޢަމަލުކުރަމުން އަންނަ ގަވާއިދުގައި ބަޔާންކޮށްފައިވަނީ، މަޖިލީހުން ނުވަތަ މަޖިލީހުގެ ކޮމެޓީއަކުން ބޭނުންވެގެން ހޯދާ ލިޔުމެއް ނުވަތަ ހާޒިރުކުރަން ޖެހޭ މީހަކު މަޖިލީހަށްވެސް އަދި ކޮމެޓީއަށްވެސް ހާޒިރު ކުރެވޭނީ ކޮމެޓީގެ ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތުން ކަމަށެވެ. މަޖިލީހުގެ ކޮމެޓީތަކަށް ހާޒިރު ކުރާ މީހުން ހާޒިރު ކުރެވޭ އުސޫލުތަކާއި، ދޭންޖެހޭ މުއްދަތާއި އަމަލު ކުރަންޖެހޭ ގޮތްތަކަށްވެސް މިގަވާއިދުގައި ތަފްސީލްކޮށް ބަޔާން ކޮށްފައިވެއެވެ.