އެސްއެމްއީ ހަބްއިން ކުދި ވިޔަފާރިތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ ކާބޯތަކެތީގެ ކިއޮސްތަކަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން ވިދާޅުވެއްޖެއެވެ.
އިކޮނޮމިކް މިނިސްޓްރީގެ އިސްނެންގެވުމުގެ ދަށުން ބީސީސީން ތަރައްޤީކުރާ އެސްއެމްއީ ހަބްގެ ކާބޯތަކެތީގެ ކިއޮސްކްތަކަށް އެދި ފޯމު ހުށައެޅުމުގެ ފުރުސަތު އިއްޔެގެ ނިޔަލަށް ހަމަވާއިރު، ބީސީސީން ވިދާޅުވީ މިހާތަނަށް ކާބޯތަކެތީގެ ކިއޮސްކްތަކަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށެވެ.
އެސްއެމްއީ ހަބުން ވިޔަފާރިވެރިންނަށް ދޫކުރަން ހަމަޖެހިފައިވަނީ 16 ކިއޮސްކްއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެސްއެމްއީ ހަބުން ވިދާޅުވީ މިހާތަނަށް 60 އަށްވުރެ ގިނަ ފަރާތަކުން މި 16 ކިއޮސްކަށް ކުރިމަތިލާފައިވާކަމަށެވެ. އެސްއެމްއީ ހަބުން ވިދާޅުވީ މާލޭގެ އިތުރުން އަތޮޅުތެރެއިންވެސް މިކިއޮސްކްތަކަށް އެދި ފޯމު ހުށައަޅަމުންދާކަމަށެވެ. އަދި ކާބޯތަކެތީގެ ވިޔަފާރިތަކާއެކު މިހަބް އަންނަ މަހުގެ ތެރޭގައި ހުޅުވަން ހަމަޖެހިފައިވާކަމަށްވެސް ބީސީސީން މަޢުލޫމާތުދެއްވައެވެ.
އިކޮނޮމިކް މިނިސްޓްރީގެ އިސްނެންގެވުމުގެ ދަށުން ތަރައްޤީކުރާ އެސްއެމްއީ ހަބްގެ މައިގަނޑު މަޤްސަދަކީ ކުދި ވިޔަފާރިތައް ކުރިއަރުވައި، ވިޔަފާރި ކުރުމަށް ފަހި ފުރުސަތެއް ހޯދައިދިނުމެވެ. މިހަބުން އަމިއްލައަށް ވިޔަފާރި އައުޓްލެޓެއް ހުޅުވުމުގެ ކުރިން އެމީހަކު އުފައްދާ އުފެއްދުމަކީ ނުވަތަ ފޯރުކޮށްދޭ ޚިދުމަތަކީ މުޖްތަމައު ބަލައިގަންނަ، ޑިމާންޑް އޮތް ނުވަތަ ވިއްކޭނެ މުދަލެއްކަން ޔަޤީންކޮށް ވިޔަފާރި ހުޅުވުމާއި ދޭތެރޭގައި ތަޖްރިބާކޮށްލަން ފުރުސަތު ލިބިގެންދާނެއެވެ.
3 ފަންގިލާ ހިމެނޭ، މޯލްއެއްގެ ގޮތަށް ތަރައްޤީކުރެވޭ މިހަބްގެ އެންމެ ފުރަތަމަ ފަންގިފިލާ ޙާއްސަކުރެވިފައި ވަނީ ކާބޯތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށެވެ. ޕޭސްޓްރީޒްއާއި ކޭކު ފަދަ ތަކެތި ގޭގައި ތައްޔާރުކުރާ ފަރާތްތަކަށް މިހަބުން ކިއޮސްކެއް ބައްލަވައިގަނެގެން އެފަރާތަތްކުގެ އުފެއްދުންތައް ވިއްކުމުގެ ފުރުސަތު ފަހިވެގެން ދާނެކަމަށް ބީސީސީން ވިދާޅުވެއެވެ.
ކާބޯތަކެތީގެ ކިއޮސްކްތަކުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޙާއްސަ ކިއޮސްކްތަކެއްވެސް ހިމަނާފައިވާކަމަށް ބީސީސީން މަޢުލޫމާތުދެއްވައެވެ.
އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހުޅުވި ބިޒްނަސް ސެންޓަރ ކޯޕަރޭޝަނަކީ ރާއްޖޭގެ ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވައި މި ވިޔަފާރިތައް ފަށައި ކުރިއަރަން ބޭނުންވާ އެކިއެކި އެހީތެރިކަން ފޯރުކޮށްދޭ ކުންފުންޏެކެވެ.
ބީސީސީގެ ދަށުން އޮތެންޓިކް މޯލްޑިވްސްގެ ފިހާރަތައް ހުޅުވައި މި ފިހާރަތަކުންވެސް އަންނަނީ ދިވެހި އުފެއްދުންތެރިންގެ އުފެއްދުންތައް ވިއްކަމުންނެވެ.